ބޮލީވުޑް

"ބިގް ބޮސް އޯޓީޓީ"ގައި ޕޫޖާ ބަޓް ބައިވެރިވެ ޝޯ ހަލަބޮލިކޮށްލައިފި

ސަލްމާން ހާން ހޯސްޓްކުރާ "ބިގް ބޮސް އޯޓީޓީ" އިއްޔެ ފަށާފައިވާއިރު ހީނުކުރާ ކަހަލަ ފަންނާން މިފަހަރުގެ ޝޯގައި ބައިވެރިވެފައި ވެއެވެ.

"ބިގް ބޮސް އޯޓީޓީ" ފެށުމުގެ ގޮތުން ދެއްކި ޕްރެމިއާ ޝޯގައި ހޯސްޓް ސަލްމާން ވަނީ "ހޭންގްއޯވާ" ލަވައަށް ނަށާފަ އެވެ. އޭގެ ފަހުން މެހެމާނުންގެ ގޮތުގައި "ބިގް ބޮސް"ގައި ކުރިން ބައިވެރިވެފައިވާ ބަތަލާ ސަނީ ލިއޯނީ އާއި ކުރީގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޕޫޖާ ބަޓް މެހެމާނެއްގެ ގޮތުގައި ޝޯގައި ބައިވެރިވި އެވެ.

ސަލްމާން، ސަނީ ތައާރަފްކޮށްދެމުން ބުނީ އޭނާއަކީ މި ޝޯގެ ޕެނަލިސްޓުން ތެރޭގައި ހިމެނޭ މެމްބަރެއް ކަމަށެވެ.

ޕެނަލިސްޓުންގެ ގޮތުގައި ދެން ސަލްމާން ތައާރަފް ކޮށްދިން ފަންނާނުންގެ ތެރޭގައި ނޫސްވެރިޔާ ޑިބަންގް އާއި "ބިގް ބޮސް 16" ކާމިޔާބުކުރި އެމްސީ ސްޓެން، އަދި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ އަޖޭ ޖަދޭޖާ ހިމެނެ އެވެ.

"ބިގް ބޮސް" އާއި "ބިގް ބޮސް އޯޓީޓީ" ކުރިއަށްދާ ގޮތް ތަފާތު ކަމަށް ސަލްމާން ބުންޏެވެ.

އޯޓީޓީ ޝޯގައިވެސް ބައިވެރިން ތިބެނީ "ބިގް ބޮސް"ގެ ގޭގައި ބަންދުކޮށްފަ އެވެ. އެމީހުން އެގޭގައި ތިބެގެން ދައްކާ ޕާފޯމަންސަށް ވޯޓް ދެނީ ބެލުންތެރިންނެވެ. ބެލުންތެރިންގެ ވޯޓުން އެއްވަނަ، ދެވަނަ، ތިންވަނަ، އެގޮތަށް ގޮސް ހުރިހާ އެންމެން ރޭންކް ކުރާނެ އެވެ. އަދި އެމީހެއްގެ ރޭންކަށް ބަލައި ފައިސާ ދެމުން ގެންދާނެ އެވެ.

މި ޝޯގެ ބައިވެރިންގެ ތެރެއިން "ބިގް ބޮސް"ގެ ގެއަށް ފުރަތަމަ ވަނީ ފަލަކް ނާޒް އެވެ. ފަލަކް ނާޒް އަކީ "އަލީ ބާބާ" ޓީވީ ޝޯގެ ބަތަލާއެއްގެ ރޯލު އަދާކުރި ތުނީޝާ ޝަރުމާ މަރުވިއިރު ރައްޓެހިވެގެން އުޅުނު އަދި "އަލީ ބާބާ" ސީރީޒްގެ ބަތަލުގެ ބައި އޭރު ކުޅެމުންދިޔަ ޝީޒަން ހާންގެ ކޮއްކޮ އެވެ. ތުނީޝާގެ މަރުގެ މައްސަލައިގައި ޝީޒަން ވަރަށް ގިނަ ދުވަހު ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު މިހާރު ހުރީ މިނިވަން ވެފަ އެވެ.

ދެވަނަ ބައިވެރިޔަކީ ޖިޔާ ޝަންކަރް އެވެ. ރިތޭޝް ދޭޝްމުކް އާއި ޖެނީލިޔާ ޑިސޫޒާގެ "ވެދް"ގައި ޖިޔާ މުހިއްމު ރޯލެއް ކުޅެފައި ވެއެވެ.

ތިން ވަނަ ބައިވެރިޔަކީ ޔޫޓިއުބުގައި ފުކްރާ އިންސާންގެ ނަމުން މަޝްހޫރުވެފައިވާ މީހެކެވެ. ހަތަރުވަނަ ބައިވެރިއަކީ އެކްޓަރު އަދި މޮޑެލް އަކަންޝާ ޕޫރީ އެވެ. އަކަންޝާ ވަނީ ލަވަކިޔުންތެރިޔާ މިކާ ސިންގް ކައިވެނިކުރާނެ ރަނގަޅު އަންހެނަކު ހޯދަން މަސައްކަތްކުރި ރިއަލިޓީ ޓީވީ ޝޯ "މިކާ ދި ވޮއްޓީ" ކާމިޔާބުކޮށްފަ އެވެ. މި ޝޯގައި މިކާ ވަނީ އޭނާ ކައިވެނިކުރަން އެންމެ ރަނގަޅު ބައިވެރިޔަކީ އަކަންޝާ ކަން އިއުލާން ކޮށްފަ އެވެ. ނަމަވެސް މިކާ އާއި އަކަންޝާ ކައިވެންޏެއް ނުކުރެ އެވެ. މިކަމާ ގުޅޭ ގޮތުން ޝޯގައި ސަލްމާން ސުވާލުކުރުމުން އަކަންޝާ ބުނީ އޭނާ ކައިވެނި ނުކުރާ ކަމަށާއި އަދި ހުރީ ސިންގަލްކޮށް ކަމަށެވެ.

ފަސްވަނައަށް ޝޯގައި ބައިވެރިވަނީ ކުރީގެ ވީޖޭ، އެކްޓަރު އަދި ޕޮޑްކާސްޓަރު ސައިރަސް ސަހުކާރް އެވެ. ބިހާރްގެ މަނީޝާ ރާނީ އާއި ޑުބާއީ އިން ޝޯގައި ބައިވެރިވުމަށް އައި ޖެޑް ހަދީދް ވެސް "ބިގް ބޮސް"ގެ ގެއަށް ވަދެފައިވާ ބައިވެރިންގެ ތެރޭގައި ހިމެނެ އެވެ.

އެކްޓަރު ނަވާޒުއްދީން ސިއްދީގީ ކައިރިން ވަރިވާން މަސައްކަތްކުރަމުންދާ އޭނާގެ އަންހެނުން އާލިއާ ސިއްދީގީ ވެސް "ބިގް ބޮސް"ގެ އަށް ވަންނަ ބައިވެރިންގެ ތެރޭގައި ހިމެނެ އެވެ. އާލިއާ ބުނީ މި ޝޯގައި ބައިވެރިވާން އޭނާއަށް ހިތްވަރުދިނީ ނަވާޒް ކަމަށާއި އޭނާ "ބިގް ބޮސް"ގެ ގޭގައި ހޭދަކުރާ ދުވަސްތަކުގައި ދަރިން ބެލުމުގެ ޒިންމާއާ ނަވާޒް ހަވާލުވެފައިވާ ކަމަށެވެ.

ޑެންޓިސްޓެއް ކަމަށްވާ ބޭބީކާ ވެސް ޓީވީ އެކްޓަރު އަވީނާޝް ސަޗްދޭވް ވެސް މިހާރު ވަނީ "ބިގް ބޮސް"ގެ ގެއަށް ވަދެ ފައެވެ. އަވީނާޝް އަކީ ޓީވީ ބަތަލާ ރޫބީނާ ޑިލައިކްގެ ކުރީގެ ލޯބިވެރިޔެކެވެ. އަވީނާޝްގެ ކުރީގެ ލޯބިވެރިއެއް ކަމަށްވާ ޕަލަކް ޕުރުސްވާނީ އަކީ ވެސް މި ޝޯގެ ބައިވެރިއެކެވެ. ޝޯގެ އަނެއް ބައިވެރިއަކީ ޕުނީތު ސުޕަސްޓާރު ކިޔާ މީހެކެވެ. އެންމެ ފަހުން ވަނީ ބަތަލާ ޕޫޖާ ބަޓް އެވެ. ޕޫޖާ ވަން ގޮތަށް ވަދެ "ބިގް ބޮސް"ގެ ގެ ރަނގަޅަށް ހިލުވާލާފައި ވެއެވެ.

މި ޝޯ ޖިއޯ ސިނަމާ އިން އޮންލައިންކޮށް ކޮންމެ ރެއެއްގެ 9:00 ގައި ހިލޭ ބަލައިލެވޭނެ އެވެ.