ބޮލީވުޑް

ސަލްމާނާއި ޕޫޖާ ކުރިން ވަރަށް ރުޅި

ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް އޯޓީޓީ"ގެ ދެވަނަ ސީޒަން މިހާރު ފަށާފައިވާއިރު މި ޝޯގެ ބައިވެރިއެއްގެ ގޮތުގައި ބިގް ބޮސްގެ ގޭގައި މިހާރު ހުރި މީހުންގެ ތެރޭގައި ބަތަލާ ޕޫޖާ ބަޓް ހިމެނެ އެވެ.

ބިގް ބޮސްގެ ގޭގައި ޕޫޖާ އާއި ސަލްމާން ވާހަކަ ދައްކާ ތަން ފެނުނު ނަމަވެސް 1995 އަހަރު މި ދެ އެކްޓަރުންގެ މެދުގައި ވަރަށް ވަރުގަދަ ރުޅިވެރިކަމެއް އުފެދިފައި އޮތެވެ. އެއީ ޕޫޖާގެ ފިލްމީ ކެރިއަރުގެ ރަން ޒަމާން ކަމަށް ބެލެވުނު ދުވަސްވަރެވެ. އޭރު ދެ މީހުން ރުޅިއައިސް އެކަކު އަނެކަކަށް ނަފްރަތު ކުރި ނަމަވެސް ފާއިތުވީ އަހަރު ތަކުގެ ތެރޭގައި އެ ރުޅިވެރިކަން ވަނީ ފިލައިގެން ގޮއްސަ އެވެ.

"އަހަންނާއި ސަލްމާން ކުރިން އެކަކު އަނެކަކު ދެކެ ވަރަށް ރުޅިއާދޭ. އެއީ ދެން ވަރަށް އެހެން ކަހަލަ ސަބަބު ތަކަކާ ހުރެ. އަހަރެމެން މީ އެއްގޮތަކަށް ވެސް އެއްގަލަކަށް ނާރާ ދެމީހުން،" ޕޫޖާގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ޕޫޖާ އާއި ސަލްމާންގެ މެދުގައި އޮތް ރުޅިވެރިކަން "ބޮޑު ހަނގުރާމަ"އެއްގެ ގޮތުގައި އެ ދުވަސްވަރު އިންޑިޔާގައި ނެރުނު ނޫސް މަޖައްލާތަކުގައި ލިޔެފައި ވެއެވެ.

"އަހަންނަކަށް ނޭނގެ ދެން. ސަލްމާންގެ "ލަވް" ކިޔާ ފިލްމެއް އަހަރެން ކުޅެން އެއްބަސް ނުވެގެން ފުރަތަމަ މައްސަލަ ޖެހުނީ. ނަމަވެސް މިހާރު އަހަރެމެން ދެ މީހުން ސުލްހަވެ ބޮޑު އެއް އާއިލާ ފަދައިން އުޅެނީ،" ޕޫޖާ ބުންޏެވެ.

ޕޫޖާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސަލްމާންގެ ކޮއްކޮ ސުހައިލް ޚާންއާ ރައްޓެހިވެގެން އުޅުނެވެ. އަދި ދެ މީހުން ކައިވެނިކުރަން އުޅޭ ކަމުގެ ޚަބަރުތައްވެސް އެއް ދުވަސްވަރެއްގައި ފެތުރުނެވެ.

"އަހަރެން ވިސްނައިގެން ހުރީ ކައިވެނި ކުރަން. އޭރު ސުހައިލް ވެސް ޑައިރެކްޓަރެއްގެ ގޮތުގައި ކިރިޔާ މަސައްކަތް ފެށީ. އެހެންވެ ދެ އަހަރެއްހާ ދުވަސް ދެ މީހުން ކެރިއަރު ބިނާކުރަން ކައިވެނި ނުކޮށް މަޑުކުރަން ބޭނުންވި. އަހަރެމެން ދެ މީހުން ވެސް އެކަކު އަނެކަކާ ކައިވެނިކޮށްގެން މުސްތަގްބަލެއް ބިނާ ކުރުމުގެ ހުވަފެންތައް ދުށިން،" ޕޫޖާ ބުންޏެވެ.

ނަމަވެސް ޕޫޖާ އާއި ސުހައިލް އަށް އެކުގައި އުޅެވުނީ ދުވަސްކޮޅަކު އެވެ. ދެ މީހުންގެ މެދުގައި މައްސަލަތައް ޖެހި އެންމެ ފަހުން އެމީހުންގެ ލޯބީގެ ގުޅުން ކެނޑުނީ އެވެ.

ޕޫޖާ ފުރަތަމަ ކައިވެނިކުރީ 2003ގައި މަނީޝް މަކީޖާއާ އެވެ. އަދި 11 އަހަރު ފަހުން 2014ގައި އެ ދެ މީހުން ވަނީ ވަކިވެފަ އެވެ.

ސުހައިލް ކައިވެނިކުރީ 1998 ގައި ސީމާ ޚާންއާ އެވެ. ސީމާ އާއި ސުހައިލްގެ ކައިވެނި ވެސް 2022ގައި ވަނީ ރޫޅިފަ އެވެ.

ރަލުގެ އަވައިގައި ޖެހި މަސްތީ އާލަމެއްގައި ޕޫޖާ ވަރަށް ގިނަ އަހަރުތަކެއް ފިލްމު ކުޅުމާއި އަދި އެނޫންވެސް ކަންކަމާ ދުރުގައި ހޭދަކޮށްފައި ވެއެވެ. އެންމެ ފަހުން އޭނާ އަމިއްލައަށް މަސްތުން ސަލާމަތްވާން ބޭނުންވެގެން މަސައްކަތްކޮށް މިހާރު ހުރީ އެކަމާ މުޅިން ދުރުހެލިވެފަ އެވެ. އަދި މަދުން ނަމަވެސް ފިލްމުތަކުގެ މަސައްކަތް ވެސް ޕޫޖާ މިހާރު ވަނީ ފަށާފަ އެވެ.

ޕޫޖާ އެންމެ ފަހުން ފެނިފައިވަނީ އާރް. ބާލްކީ ޑައިރެކްޓްކުރި "ޗުޕް: ރިވެންޖް އޮފް ދި އާޓިސްޓް" އިންނެވެ. އަދި ނެޓްފްލިކްސް ސީރީޒް "ބޮމްބޭ ބޭގަމްސް" އަކީ ޕޫޖާ އެކްޓިން އަށް އެނބުރި އައުން ފާހަގަކުރި ސީރީޒް އެވެ.
މީގެ އިތުރުން ސަންޖޭ ދަތުއާ އެކު 1991ގައި ޕޫޖާ ކުޅުނު "ސަޅަކް"ގެ ސީކުއަލް "ސަޅަކް 2"ގައި ކޮއްކޮ އާލިއާ ބަޓްއާ އެކު ޕޫޖާ ބައިވެރިވެފައި ވެއެވެ.