ބޮލީވުޑް

ސަލްމާން އަތުގައި އަޅާފައި އޮންނަ ކެވެލިގަނޑަކީ ބައްޕަގެ ހަނދާނެއް

ސަލްމާންގެ އަތުގައި ޓާކޮއިސް (ނޫކުލައިގެ ތެރޭގައި ހިމެނޭ ކުލައެއް) ކެވެލިގަނޑަކީ އޭނާއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ. ސަލްމާންގެ ފޭނުންގެ މެދުގައި މި ކެވެލިގަނޑުގެ ބަހުސަކީ އަބަދުވެސް ވަރަށް ހޫނު ބަހުސެކެވެ. ޔަގީންވާ ކަމަކީ ސަލްމާންގެ މި "ނަސީބު ކެވެލިގަނޑު" އަޅައިގެން ނޫނީ ބޭރަށް ނުކުމެ ނޫޅޭ ކަމެވެ.

އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ސަލްމާންގެ ބައްޕަ ސަލީމް ޚާން އޭނާއަށް ހަދިޔާއަކަށް ދީފައިވާ އެއްޗެކެވެ. ނަމަވެސް މި ކެވެލިގަނޑު ސަލްމާން އަޅާ ހަގީގީ ސަބަބު އެނގެނީ މަދުބަޔަކަށެވެ.

ސަލްމާންގެ ވަރަށް ކުރީގެ ވީޑީއޯ އިންޓަވިއު އެއްގައި މި ކެވެލިގަނޑުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު ހާމަކޮށްފައި ވެއެވެ. މި ވީޑިއޯގައި އެ ކެވެލިގަނޑާ ގުޅޭ ގޮތުން ފޭނަކު ސަލްމާނާ ސުވާލުކުރެ އެވެ. ޖަވާބުގައި ސަލްމާން ބުނަނީ އެއީ އޭނާގެ ބައްޕަ އާ ގުޅުން ހުރި އެއްޗެއް ކަމަށެވެ.

"އަހަރެންގެ ބައްޕަ އަބަދުވެސް އަޅައިގެން އުޅުނު ކެވެލިގަނޑެއް މިއީ. ބައްޕަގެ އަތުގައި އެ ކެވެލިގަނޑު އޮތީމަ އަހަރެން އެކަމާ ވަރަށް ގަޔާވޭ. އެހެންވެ އެއް ދުވަހު ބައްޕަ ނިދާފަ އޮއްވަ ބައްޕަ އަތުން އެ ކެވެލިގަނޑު ނަގައިގެން ގޮސް އަހަރެން ހަމަ އެގޮތަށް ކެވެލިގަނޑެއް ހެދީ،" ސަލްމާން ކިޔައިދިނެވެ.

ސަލްމާން އިތުރަށް ބުނި ގޮތުގައި މި ކެވެލިގަނޑުގައިވާ އަގުހުރި ނޫކުލައެއްގެ ހިލަކޮޅަކީ ފީރޯޒާ އެކެވެ. ދިވެހި ބަހުން ފީރޯޒާ އަށް ކިޔަނީ ފީރޯޒެވެ.