މިއުޒިކަކީ އޭއާރް ރަހްމާންގެ ދުނިޔެ އެވެ. މިއުޒިކްގެ ދުނިޔޭގައި އޮތީ އޭނާގެ ރަސްކަމެވެ. އޭނާއާ އެއް ފެންވަރަށް މިއުޒިކް އުފެއްދޭ މީހަކު އިންޑިއާގައި މިހާރު ހުރި ކަމަކަށް ނުވެ އެވެ.
އޭއާރް ރަހްމާން އަކީ މޮޅު މިއުޒީޝަނެއް ކަން އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް އޭނާއަކީ ކުރިން ހިންދޫއެއްގެ ގޮތުގައި އުޅެފައި ފަހުން އިސްލާމް ދީން ހިޔާރު ކުރި މީހެއްކަން ނޭނގޭ މީހުން ތިބުމަކީ އެކަށީގެންވާ ކަމެކެވެ.
އޭއާރް ރަހްމާން އަކީ އެއް އިރެއްގައި ދިލިޕް ކުމާރު ކިޔާ ހިންދޫ އެކެވެ. އޭނާ އިސްލާމްވީ 1989 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރުން 23 އަހަރެވެ.
އިސްލާމް ދީނަށް ރަހްމާންގެ ހިތުގައި ލޯބި އުފެދުނީ އޭނާގެ ބައްޕަ ވަރަށް ބަލި ހާލު ބޮޑުވެފައި އޮތްއިރު އެ ބައްޕައަށް ފަރުވާދިން މުސްލިމް ދަންނަ ބޭކަލެއްގެ ރަނގަޅުކަމުން ހިތަށް ކުރި އަސަރުންނެވެ. ރަހްމާންގެ ބައްޕަގެ ހަޔާތުގެ ފަހު ދުވަސްކޮޅު އޭނާއަށް ފަރުވާ ދިނީ މި މުސްލިމް އިލްމުވެރިޔާ އެވެ.
ކަރަން ތާޕަރް ކިޔާ ނޫސްވެރިއަކަށް 2000 ވަނަ އަހަރު ރަހްމާން ދީފައިވާ އިންޓަވިއު އެއްގައި ވަރަށް ތަފްސީލުކޮށް މި ވާހަކަތައް ކިޔައިދީފައި ވެއެވެ. ރަހްމާން ބުނި ގޮތުގައި އޭނާގެ ބައްޕަ މަރުވީ ކެންސަރު ބަލީގަ އެވެ. އަދި ބައްޕަގެ ހަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި އޭނާއަށް ފަރުވާދީ ހިތްހަމަޖައްސައިދޭން މަސައްކަތްކުރީ ސޫފީ ބޭކަލެކެވެ.
ރަހްމާންގެ ހަޔާތާ ގުޅޭ ގޮތުން ލިޔުންތެރިޔާ ނަސްރީން މުންނީ ކަބީރް ލިޔެފައިވާ "އޭއާރް ރަހްމާން: ދަ ސްޕިރިޓް އޮފް މިއުޒިކް"ގައި ރަހްމާނާ ހަވާލާދީ ލިޔެފައިވާ ގޮތުގައި އޭނާގެ މަންމައަކީ ހިންދޫއެކެވެ. އަދި އެ ދީނުގެ އަޅުކަންތައް މަންމަ ވަރަށް ބަރާބަރަށް ކުރަމުން ދިޔަ އެވެ. އަދި އޭނާ ކުޑައިރު އެ ގޭގައި ވަރަށް ގިނަ ދީންތަކުގެ ޝިއާރުތައް ހުރެ އެވެ. އަދި މަންމަ ބުދުތަކަށް އަޅުކަންކުރާތަން ވެސް އަބަދާ އަބަދު ފެނެ އެވެ.
"އަހަރެމެން ކުޑައިރު ގޭތެރޭގައި ހުރި ފާރުތަކުގައި ހިންދޫ ބުދުތަކުގެ ފޮޓޯތައް ހަރުކޮށްފައި ހުރޭ. އަދި އީސާގެ ފާނުގެ މަންމާފުޅުގެ ސިފަޔަށް ކަމަށް ބުނެ ހަދާފައިވާ ނަސާރާއިން އެ ބުދަކަށް އަޅުކަންކުރާ ބުދެއް ވެސް ގޭގައި ހުރޭ. އަދި މައްކާ އާއި މަދީނާގެ ފޮޓޯވެސް ހަރުކޮށްފައި ހުރޭ. ނަމަވެސް ކުޑައިރު އަހަރެމެންގެ ތެރެއިން އެކަކަށް ވެސް އެއީ މާބޮޑު ކަމަކަށް ނުވޭ. އޭރުވެސް އަހަރެމެން އުޅެނީ މިއުޒިކް ކުޅުމުގައި. އެހެންވެ އަހަރެންނަށް މުޖުތަމައުގައި ވަރަށް ބޮޑު މިނިވަންކަމެއް ލިބިފައި އޮތީ،" ރަހްމާން ކިޔައިދިނެވެ.
ނަސްރީނުގެ ފޮތުގައި އިތުރަށް ލިޔެފައިވާ ގޮތުން ރަހްމާން އަށް އޭނާގެ ހިންދޫ ނަން އެންމެ ކުރިއްސުރެ ވެސް ކަމަކު ނުދެ އެވެ. ރަހްމާންގެ ނަމަކީ އެމީހުން ބައްދަލުކުރި އެސްޓްރޮލޯޖަރެއް އޭނާއަށް ދިން މަޝްވަރާއެއް ގަބޫލުކޮށް ކީ ނަމެކެވެ.
"ދައްތަގެ ކައިވެންޏާ ބެހޭ ގޮތުން މަޝްވަރާ ކުރަން އަހަރެމެން ހިންދޫ އެސްޓްރޮލޯޖަރެއް ކައިރިއަށް ދިޔައިން. އަދި އެމީހާ ކައިރީގައި ނަން ބަދަލުކުރާނަމަ ކިޔަން ރަނގަޅީ ކޮން ކަމެއްތޯ އަހަރެން އެހިން. އޭނާ ބުނި އަބްދުއް ރަހްމާން އަދި އަބްދުއްރަހީމް ކިޔާށޭ. އަދި މި ނަމުން އަހަންނަށް ވަރަށް ފައިދާ ކުރާނޭ،" ރަހްމާން ބުންޏެވެ.
އިއްތިފާގުން ރަހްމާން އަކީ އޭނާއަށް ވަރަށް ކަމުދާ ނަމަކަށް ވުމުން އެގޮތަށް ނަން ބަދަލުކުރަން އޭއާރް ރަހްމާން ނިންމީ އެވެ.
"އަހަރެންނަށް މި މުސްލިމް ނަން ދިނީ އެ ހިންދޫ އެސްޓްރޮލޯޖާ. އައްލާ ރައްކާ (އޭއާރް) އަކީ ފަހުން އޭނާގެ މަންމަ އިތުރުކުރި ބައެއް ކަމަށާއި މަންމަ އެކަން ކުރީ މަންމައަށް ފެނުނު ހުވަފެނަކުން ކަމަށްވެސް ރަހްމާން ބުންޏެވެ.
ރަހްމާން އާއި އޭނާގެ މަންމަ އިސްލާމް ދީނަށް ޝައުގުވެރިވެ މުސްލިމު ދަންނަ ބޭކަލުން ކައިރިން އިސްލާމް ދީނުގެ ކަންކަން އޮޅުފިލުވައި، އުނގެނި އެންމެ ފަހުން އިސްލާމް ވީއެވެ. އިސްލާމް ވުމަށްފަހު ރަހްމާންގެ މަންމަގެ ނަން ކަރީމާ ބޭގަމްއަށް ބަދަލުކުރި އެވެ.
ރަހްމާން ބުނި ގޮތުގައި އޭނާ އެއްވެސް މީހަކަށް އިސްލާމް ދީން ޚިޔާރުކުރަން މަޖުބޫރެއް ނުކުރެ އެވެ. އޭނާގެ ނަޒަރުގައި އެއީ އެއްވެސް މީހަކު ލައްވާ މަޖުބޫރުން ކުރުވޭނެ ކަމެއްވެސް ނޫނެވެ. ދީން ޚިޔާރުކުރަން ޖެހޭނީ އެމީހަކަށް ފެނިގެން އެ ދީނަކީ އެންމެ ރަނގަޅު ދީން ކަމަށް ހިތުގެ އަޑިން ގަބޫލު ކުރެވިގެން ކަމަށް ރަހްމާން ދެކެ އެވެ.
ރަހްމާން 1995 ވަނަ އަހަރު ކައިވެނިކުރީ ވެސް މުސްލިމް އަންހެނެއް ކަމަށްވާ ސާއިރާ ބާނޫ އާ އެވެ. ސާއިރާ އާއި ރަހްމާންގެ ތިން ދަރިން އެބަތިއްބެވެ. ޚަދީޖާ އާއި ރަހީމާ އަދި އަމީން އެވެ. މީގެ ތެރެއިން ޚަދީޖާ ހުންނަނީ މޫނުބުރުގާ އަޅާފަ އެވެ. ރަހީމާ ބުރުގާ ނާޅަ އެވެ.
ރަހްމާން ބުނި ގޮތުގައި ފިރިހެނުންނަށް ބުރުގާ އެޅުމުގެ ހުއްދަ އޮންނަނަމަ ޚުދު އޭނާ ހުރީހީ ބުރުގާ އަޅައިގެންނެވެ. ނަމަވެސް ދަރިންނަށް ބުރުގާ އަޅަން މަޖުބޫރު ނުކުރާނެކަމަށް އޭނާ ބުންޏެވެ. އަދި ޚަދީޖާ ބުރުގާ އަޅައިގެން އުޅޭތީ ވަރަށް ގިނަ މީހުން އޭނާއަށް މަލާމާތްކުރާ ކަމަށް ރަހްމާން ބުންޏެވެ. ނަމަވެސް ޚަދީޖާ އަކީ މީހުން ކުރާ މަލާމާތަށް ބަލާވަރަށް ވުރެ މާހިތްވަރުގަދަ ކުއްޖެއް ކަމަށް ރަހްމާން ބުންޏެވެ.