ބޮލީވުޑް

ފިލްމު ފީކަޅާވުމުން ޕްރޮޑިއުސަރުން ހާސްވެގެން ގުޅާ: ނޯރާ ފަތޭހީ

އައިޓަމް ނަންބަރު ނުވަތަ ޑާންސް ނަންބަރު ތަކަކީ ފެށުނީއްސުރެ ވެސް ހިންދީ ފިލްމުތަކުން ވަރަށް ގިނައިން ފެންނަ އެއްޗެކެވެ. އަދި ފިލްމުގައި ހިމެނޭ އެ ފިލްމާ ނުގުޅޭ މިފަދަ އެންމެ ލަވައަކުން އެ ލަވައެއްގައި ބައިވެރިވާ ތަރިއެއްގެ ނަސީބު އަތުގައި ހިފާ އޭނާގެ މަޝްހޫރުކަން އެތައް ގުނައަކަށް އިތުރުވެފައި އެބަހުއްޓެވެ.

ނަމަވެސް އައިޓަމް ނަންބަރުތަކާ ގުޅޭ ގޮތުން ބައެއް މީހުންގެ ޚިޔާލު ތަފާތެވެ. އެއީ ކޮންމެހެން ފިލްމުތަކަށް ބޭނުންވާ އެއްޗެއް ނޫންކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

މިހާރަކަށް އައިސް އެންމެ ގިނައިން އައިޓަމް ލަވަތައް ކުޅޭ ބަތަލާ އަދި ނެށުންތެރިޔާ ނޯރާ ފަތޭހީ ބުނި ގޮތުގައި ޕްރޮޑިއުސަރުން އޭނާއަށް ވެސް މިފަދަ ލަވަތައް ކުޅުވަން ގުޅަނީ އެމީހުންނަށް ފިލްމުތައް ¬އުފެއްދުނުލެއް ފީކަޅާހެން ހީވާތީ އެ ފިލްމު ފްލޮޕްވުމުން ސަލާމަތް ކުރުމަށެވެ.

"ދިލްބަރް"، "ސާކީ ސާކީ" ފަދަ ލަވަތަކަށް ނަށާފައިވާ ނޯރާގެ ހަމަ ކޮންމެ އައިޓަމް ލަވައެއް ވެސް ވަރަށް ކާމިޔާބެވެ. އަދި އެ ލަވަތައް މަގުބޫލުވުމުގެ ސަބަބުން އެ ލަވައެއް ހިމެނޭ ފިލްމަށްވެސް ފައިދާތަކެއް ކުރެ އެވެ.

ނޯރާ ބުނި ގޮތުގައި އެންމެންނެއް އޭނާ ހޯދާކަށް ނޫޅެ އެވެ. ނަމަވެސް ބައެއް ޕްރޮޑިއުސަރުންނަށް އޭނާގެ ނެށުމަކާ ނުލާ ފިލްމު ފްލޮޕްވާނެކަން ޔަގީންވާތީ އެ ހިތްހަމަޖެހުން އޮވެ އެވެ.

އޭނާއަށް ލިބޭ ހުރިހާ ލަވައެއް ގަބޫލުނުކުރާ ކަމަށްވެސް ނޯރާ ބުންޏެވެ. އެއީ ކޮންމެ ފިލްމެއްގައި ހެން އޭނާގެ ނެށުމެއް ހިމެނޭނަމަ ބެލުންތެރިން ފޫހިވުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ.

"އަހަރެން ގަބޫލުކުރަނީ އަހަރެންނަށް ކުޅެން ލިބޭ ލަވަތަކުގެ ތެރެއިން މަދު ލަވައެއް،" ނޯރާ ބުންޏެވެ.