ބޮލީވުޑް

ދަރިފުޅު ފިލްމު ކުޅޭކަމެއް ކުމާރު ސާނޫ އަކަށް ނޭނގޭ!

ހިންދީ ސިނަމާއަށް އެތައް ހާސް ލަވަތަކެއް އޭނާގެ ރީތި އަޑުން ކިޔައިދީފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ޝާނޫ އަކަށް އޭނާގެ އަންހެން ދަރިފުޅު ޝެނޮން ފިލްމު ކުޅޭކަމެއް ކުރިއަކުން ނޭނގެ އެވެ.

ސާނޫ އަށް އެކަން އެނގުނީ އޭނާގެ ދަރިފުޅުގެ ފުރަތަމަ ފިލްމު "ޗަލް ޒިންދަގީ" ކުޅެން ސޮއިކޮށް ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިންވެސް ނިންމާފައި ވަނިކޮށެވެ.

މި ފިލްމުގައި ޝެނޮން އާއެކު ހަރަކާތްތެރިވަނީ ޓީވީ އެކްޓަރު ވިވެކް ދާހިޔާ އާއި ސަންޖޭ މިޝްރާ އަދި މީތާ ވަސިޝްތު އެވެ.

ޝެނޮން ފިލްމު ކުޅޭކަން ކުރިން ނޭނގުނަސް އެކަން އެނގުމުން ވަރަށް އުފާވެފައި ހުރިކަމަށް ކުމާރު ސާނޫ ބުންޏެވެ.

"ދަރިފުޅު ބޭނުންވީ ފުރަތަމަ ފިލްމުގައި ސޮއިކޮށް ހުރިހާ ކަމެއް ވެސް ރަނގަޅަކަށް ދަނީ ޔަގީން ކުރުމަށްފަހު އަހަރެންނަށް އެކަން އަންގަން. އެހެންވެ ސިއްރުކޮށްގެން އުޅުނީ،" ކުމާރު ސާނޫ ބުންޏެވެ.

"ޗަލް ޒިންދަގީ" އަކީ ވިވެކް ޝަރުމާ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި ހިނގާ މޭ މަހުގެ 26 ވަނަ ދުވަހު އެވެ.

ޝެނޮން އަކީ ކުމާރު ސާނޫގެ އުފަން ދަރިއެއް ނޫނެވެ. އެއީ 2001ގައި އޭނާ އެޑޮޕްޓްކުރި ކުއްޖެކެވެ. ނަމަވެސް މިކަން އެކަކަށް ވެސް ނާންގައި ސިއްރުކޮށްގެން ކުމާރު ސާނޫ ވަރަށް ގިނަ އަހަރު ތަކެއް އުޅުނެވެ. މިކަން އެނގިގެން ނޫސްތަކުގައި ޖެހުުމުން ސާނޫ ބުނީ މީހުން ކިޔާފާނެ އެއްޗަކަށް ބިރުން އޭނާ އެކަން ސިއްރުކޮށްގެން ހުރީ ކަމަށާއި ޝެނޮން އަށް އެކަން އެނގޭނެ ކަމަށެވެ.

އެކްޓްކުރަން ފެށުމުގެ މާ ކުރިއްސުރެ ޝެނޮން ލަވަކިޔުމުގެ ރޮނގުން ކުރިއަށް ދާން ފަށާފައި ވެއެވެ. އަދި އޭނާގެ ބައްޕަ އާއެކު ބައެއް ސްޓޭޖް ޝޯތަކުގައި ލަވަ ކިޔާފައި ވެއެވެ.