ދާދިފަހުން ރިލީޒްކޮށްފައިވާ "ޕަސޫރީ ނޫ" ލަވަ އަކީ މިހާރު ރިލީޒްކުރަން ތައްޔާރުވެފައިވާ ކާރްތިކް އާރްޔަން އާއި ކިއާރާ އަދުވާނީގެ "ސަތިޔަޕްރޭމް ކީ ކަތާ"ގެ ލަވަ އެކެވެ.
އަރިޖީތު ސިންގް ކިޔައިދީފައިވާ މި ލަވައަކީ ޕާކިސްތާނު 'ކޯކް ސްޓޫޑިއޯ"ގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "ޕަސޫރީ"ގެ ރިމޭކެކެވެ.
"ޕަސޫރީ"ގެ އޮރިޖިނަލް ލަވަ ކިޔައިދީފައިވަނީ ޕާކިސްތާނުގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ޝައެ ގިލް އާއި އަލީ ސެތީ އެވެ. މި ލަވައިގެ އިންޑިއާ ރިމޭކް ކިޔާފައިވަނީ އަރިޖީތު އާއި ތުލްސީ ކުމާރެވެ.
މި ލަވައިގެ އޮރިޖިނަލް ލަވައިގެ ލިރިކްސް އޮތީ ޕަންޖާބު ބަހުންނާއި އުރުދޫ ބަހުންނެވެ. އެހެންކަމުން އިންޑިޔާ ލަވައިގައި އެ ބައިތައް ހިންދީ ލިރިކްސް އަށް ބަދަލުކޮށްފައި ވެއެވެ. ނަމަވެސް ކޯރަސް ކިޔާ ބައިތައް ހުރީ ހަމަ ހުރިގޮތަށް ބަހައްޓާފަ އެވެ.
ކުރިން ގިނަ ބަޔަކު ހީކުރީ މީގެ އިންޑިއާ ލަވަ ކިޔަނީ އަރިޖީތަށް ވާތީ އޮރިޖިނަލް ޕާކިސްތާނު ލަވަޔަށް ވުރެ ވެސް ލަވަ މާރީތި ވާނެ ކަމަށެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު ރިލީޒްކުރުމާއެކު އިންޓަނެޓުގައި ގިނަ ބަޔަކު މި ލަވައަށް ވަރަށް ބޮޑަށް ފާޑުކިޔާ މަލާމާތް ކުރަން ވަނީ ފަށާފަ އެވެ.
ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި އަރިޖީތު ވަނީ "ޕަސޫރީ" އޮރިޖިނަލް ލަވައަށް ކުރަފި އަރުވާފަ އެވެ. އަދި ޓީ-ސީރީޒް އިން އިންޑިއާ ލަވަތައް ހަލާކުކޮށް ނިންމުމަށްފަހު މިހާރު ޕާކިސްތާނުގެ ރީތި ލަވަތައް ހަލާކުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ރުޅިގަދަވެފައި ތިބި މި ލަވައިގެ ފޭނުން ބުނެފައި ވެއެވެ.
"މީ ދެން ކޮން ކަމެއް. ކޮންމެހެން ޖެހޭތަ ރީތި ލަވަތަކުގެ ރިމޭކް ހަދަން،" ރުޅިގަދަ ވެގެން ކޮމެންޓްކުރި މީހަކު ބުންޏެވެ.
އަރިޖީތުގެ ބައެއް ފޭނުން ދެރަނުވާން ވެގެން އޭނާއަށް ތައުރީފުކޮށް މީގެ އޮރިޖިނަލް ލަވައަށް މަލާމަތް ކޮށްފައިވާކަން ވެސް ފާހަގަކުރެވެ އެވެ. ނަމަވެސް މި ލަވައަށް ތައުރީފަށް ވުރެ ބޮޑަށް އަމާޒުވެފައިވަނީ ފާޑުކިއުމެވެ.
މިލަވަ އޭނާ ކިޔާފައިވަނީ ޕާކިސްތާނު ލަވައަށް ވުރެ މާމޮޅަށް މާ ރީތިކޮށް ކަމަށް ބުނެ އޭނާއަށް ތައުރީފުކޮށްފައި ވެއެވެ.