ބޮލީވުޑް

ލަތާ އަށް އާތިފް އަސްލަމް ދިން ޓްރިބިއުޓް، އެންމެން ރޮއްވާލައިފި

ލަވަޔަށް ލޯބިކުރާ ގިނަ ބައެއްގެ އެންމެ މަގްބޫލު އެއް ލަވަކިޔުންތެރިއަކީ އާތިފް އަސްލަމް އެވެ. އާތިފް އަކީ ޕާކިސްތާނު މީހެއް ނަމަވެސް ބޮލީވުޑް ގިނަ ފިލްމުތަކަކަށް ވެސް އޭނާ ލަވަ ކިޔައިދީފައި ވެއެވެ. އަދި އިންޑިޔާގެ މީހުންނަށް ވެސް އޭނާ ވަރަށް މަގްބޫލެވެ.

އިންޑިޔާގެ ޕުލްވާމާގައި 2019ގައި ހިނގި ޕާކިސްތާނު-އިންޑިޔާ ސިފައިންގެ ކުރިމަތިލުމެއްގައި ގިނަ އަދަދެއްގެ އިންޑިޔާ ސިފައިން މަރުވުމުން ޕާކިސްތާނު އާޓިސްޓުން އިންޑިޔާގައި މަސައްކަތް ކުރުމުން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މަނާކޮށްފަ އެވެ. އެއާއެކު އާތިފް ކަހަލަ ގިނަ އަދަދެއްގެ ފަންނާނުންނަށް ބޮލީވުޑްގައި މަސައްކަތްކުރުމުގެ ދޮރު ވަނީ ބަންދުވެފަ އެވެ. ނަމަވެސް އިންޑިޔާ މީހުން އަދިވެސް އާތިފްގެ ހަނދާން ކުރެ އެވެ.

ދާދިފަހުން ދުނިޔެ ދޫކޮށްފައިވާ އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް އަށް އާތިފް ދިން ޓްރިބިއުޓުން ގިނަ ބަޔަކަށް ރޮވުނީ އެހެންވެ އެވެ. ޑުބާއީގައި އޮތް މި ކޮންސެޓުގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އާތިފްގެ އިންޑިޔާ ފޭނުން ބުނަނީ އެމީހުން އާތިފް ވަރަށް މިސް ވާކަމަށެވެ. އަދި އާތިފް އެނބުރި އިންޑިޔާއަށް އައިސް ލަވަ ކިޔައިދޭނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށެވެ.

އާތިފްގެ ކޮންސެޓުގެ މަންޒަރެއް

ލަތާ ކިޔައިދީފައިވާ އެންމެ އަސަރުގަދަ ލަވަ ތަކުގެ ތެރޭގައި ހިމެނޭ "ނާމް ގުމް ޖާއޭގާ" އަދި "އިކް ޕިޔާރް ކަ ނަގްމާ ހޭ" އާތިފްގެ އަޑުން ވިރުވާ އަޅާލި އަޑު އަހަން ތިބި އެންމެން ވެސް ތިބީ ޖަޒުބާތުން ފުރިފަ އެވެ. އެންމެންގެ ލޮލުގައި ވަނީ ކަރުނަ އެވެ. ލަތާގެ ހަނދާންތައް އާވުމުގެ އިތުރުން އާތިފް އަށް އިންޑިޔާގައި ލަވަ ކިޔާނެ ފުރުސަތު ނެތް ކަމުގެ ހިތާމައިގަ އެވެ.

މި ކޮންސެޓުގެ ވީޑީއޯތައް ވައިރަލް ވުމުން ބައެއް މީހުން ކޮށްފައިވާ ކޮމެންޓުތަކުގައި 16 އަހަރަށް ވުރެ ގިނަ ދުވަހު ބޮލީވުޑަށް ޚިދުމަތްކޮށްދިން ފަންނާނަކާ ދޭތެރޭ އިންޑިޔާގެ ކަމާ ބެހޭ އިދާރާތަކުން ކަންތައް ކުރި ގޮތަށް ފާޑު ކިޔާފައި ވެއެވެ. އަދި އާތިފްގެ "ލަތާޖީ ޓްރިބިއުޓް" އަކީ މިއުޒިކަށް އެއްވެސް ބޯޑަރެއް ނޯންނަކަމުގެ ހެއްކެއްކަމަށް ކޮމެންޓު ކުރި މީހުން ބުނެފައި ވެއެވެ.

ގިނަ ބަޔަކު ބުނީ ލަތާ އަށް އާތިފް ދިން ކަހަލަ އަސަރުގަދަ ޖަޒުބާތީ ކޮންސަޓެއް އިންޑިޔާގެ ލަވަކިޔުންތެރިއަކު ވެސް މިހާތަނަށް ދީފައި ނުވާ ކަމަށެވެ.

ލަތާ ދުނިޔެއަށް އަލްވަދާއުކީ ކޮވިޑުގެ ބަލިމަޑުކަމުގައި ދުވަސްކޮޅަކު އުޅުމަށްފަހު މި ހިނގާ ފެބްރުއަރީ 6 ވަނަ ދުވަހު އެވެ.