ބޮލީވުޑް

"ގަދަރް 2"ގެ ޑައިރެކްޓަރަށް އަމީޝާ ޕަޓޭލްގެ ބޮޑެތި ތުހުމަތުތަކެއް

ސަނީ ޑެއޯލް އާއި އަމީޝާ ޕަޓޭލް ކުޅެފައިވާ އަދި މިހާރު ރިލީޒްވުމަށް ތައްޔާރުވަމުންދާ "ގަދަރް 2" ބަލާހިތުން މި ފިލްމުގެ ފުރަތަމަ ބައި ބެލި ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި ދަނީ އިންތިޒާރު ކުރަމުންނެވެ.

"ގަދަރް 2" އަކީ 2001 ވަނަ އަހަރު ރިލީޒްކުރި ސަނީ އާއި އަމީޝާ ލީޑް ރޯލު ކުޅުނު "ގަދަރް: އޭކް ޕްރޭމް ކަތާ"ގެ ސީކުއަލް އެކެވެ. މިއީ 1971 ވަނަ އަހަރު ކުރި އިންޑިއާ_ޕާކިސްތާން ހަނގުރާމައިގެ ދުވަސްވަރުގެ ލޯބީގެ ހާދިސާއަކަށް ކުޅެފައިވާ ބްލޮކްބަސްޓާ ފިލްމެކެވެ.

އަންނަ އޮގަސްޓް 11ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލާ އަމީޝާ މި ފިލްމާ ހިތްހަމަނުޖެހި މި ފަހަކަށް އައިސް ވަރަށް ގިނަ ވާހަކަތައް ސޯޝަލް މީޑިއާގައި ހާމަކުރަން ފަށާފައި ވެއެވެ. އެގޮތުން ފިލްމުގައި ވާނެ ގޮތާއި ފިލްމު ނިމޭ ގޮތް އަމީޝާ ވަނީ ނުސީދާކޮށް ސޯޝަލް މީޑީއާގައި ހާމަކޮށް ފިލްމުގެ ފޭނުން މާޔޫސް ކުރުވާފަ އެވެ. އަދި އޭގެ ފަހުން އަމީޝާ ކުރި ޓުވީޓްތަކެއްގައި "ގަދަރް"ގެ ފުރަތަމަ ފިލްމާއި މިހާރު ރިލީޒްކުރަން ތައްޔާރުވަމުންދާ ފިލްމުގެ ޑައިރެކްޓަރު އަނިލް ޝަރުމާ އަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވެއެވެ.

"ގަދަރް"ގެ ދެ ފިލްމުގައި ސަކީނާގެ ކެރެކްޓާ އަދާކުރާ އަމީޝާގެ ޓުވީޓްތަކުގައި ޑައިރެކްޓަރު އަނިލް އާއި ޕްރޮޑަކްޝަން ޓީމަށް ފާޑުކިޔައި ފިލްމުގެ ޝޫޓީންގްގެ ދުވަސްވަރު އެމީހުން ކަންކަން މެނޭޖްކުރި ގޮތަށް ވެސް ފާޑުކިޔާފައި ވެއެވެ.

އަމީޝާ ބުނި ގޮތުގައި ފިލްމު ސެޓުގައި ހުރި މައްސަލަތައް ފަހުން ހައްލުކުރީ ފިލްމުގެ ޕްރޮޑިއުސަރު ޒީ ސްޓޫޑިއޯގެ މަސައްކަތުން ކަމަށާއި އެހެންވެ އެ ފަރާތަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަމީޝާގެ ޓުވީޓްތަކުގައި ލިޔެފައިވާ ގޮތުގައި ފިލްމު ސެޓުގައި މައްސަލަތައް ކުރިމަތިވީ ހަމައެކަނި އޭނާއަކަށް ނޫނެވެ. ޓެކްނީޝަނުންނަށާއި މޭކް-އަޕް އާޓިސްޓުންނަށް އަދި ކޮސްޓިއުމް ޑިޒައިނަރުންނަށް ދޭން ޖެހޭ ފައިސާ ވެސް ޑައިރެކްޓަރު އަނިލް ނުދީ ލަސްކޮށްގެން އެ މައްސަލަ ވެސް ޖެހުނު ކަމަށް އަމީޝާ ބުނެފައި ވެއެވެ.

މި މައްސަލަތައް ވެސް ހައްލުކޮށްދިނީ ޒީ ސްޓޫޑިއޯ އިން ކަމަށް އަމީޝާ ބުނެފައި ވެއެވެ.

"ޗަންދީގަޅްގައި ފިލްމީ ތަރިންނާއި ކުރޫން ތިބެން ހަމަޖައްސާފައިވާ ހޮޓަލާއި ޝޫޓިން އޮންނަ ތަނަށް އެންމެން ގެންދަން ޓްރާންސްޕޯޓް ހަމަޖައްސާފައިވާ ގޮތުންނާއި އެންމެ ފަހު ދުވަސްތަކުގައި އެންމެން ކައިބޮއި ހެދި ބިލްތަކަށް ފައިސާ ނުލިބިގެންވެސް މައްސަލަތައް ދިމާވި. މިކަން ވެސް ހައްލުކުރީ ފަހުން ޒީ ސްޓޫޑިއޯ އިން،" އަމީޝާގެ ޓުވީޓުގައި ވެއެވެ.

"ގަދަރް"ގެ ޑައިރެކްޓަރު އަނިލް އަށް އަމީޝާ މިހާ ބޮޑެތި ތުހުމަތުތައް ކޮށްފައި ވިޔަސް އެ ފިލްމުގެ އިތުރު ތަރިއަކު އަދި ކުރޫންގެ ތެރޭގައި ހިމެނޭ އެއްވެސް މީހަކު ވެސް މި ވާހަކަ ދައްކައި މިފަދަ މައްސަލައެއް ކުރިމަތިވީ ކަމަށް ބުނެފައެއް ނުވެ އެވެ.

"ގަދަރް 2" ފެށެނީ "ގަދަރް:އޭކް ޕްރޭމް ކަތާ" ނިމޭ ހިސާބުންނެވެ. މިފަހަރުގެ ފިލްމުގައި ލީޑް ރޯލު ކުޅޭނީ ފުރަތަމަ ފިލްމުގައި ސަނީ އާއި އަމީޝާގެ ކެރެކްޓާގެ ފިރިހެން ދަރިފުޅުގެ ރޯލު ކުޅުނު ކުޑަ ކުއްޖާ އުޓްކަރްޝް ޝަރުމާ އެވެ.

ފުރަތަމަ ފިލްމު ރިލީޒްކުރިތާ 22 އަހަރު ވެފައިވާއިރު އުޓްކަރްޝް ވެސް ބޮޑުވެ ޒުވާނަކަށް ވެފައި ވެއެވެ. އަދި މިފަހަރުގެ ފިލްމު ބޮޑަށް ފޯކަސް ކުރަނީ އޭނާގެ ކެރެކްޓާ އަށެވެ.