ބޮލީވުޑް

ފަލަވާން އުޅެނިކޮށް ފަވާދުގެ ދެ ކިޑްނީ މައްސަލަ ޖެހުނު

އެކްޓަރުން އެމީހުން ފިލްމުތަކުގައި ކުޅޭ ރޯލަށް ވީހާ ވެސް ފިޓްވާން ވަރަށް މަސައްކަތް ކުރެ އެވެ. އެގޮތުން ފަލަ މީހެއްގެ ކެރެކްޓާ ކުޅެން ޖެހޭ ބައެއް ފަހަރު އެމީހުން އަމިއްލައަށް ހަށިގަނޑު ފަލަކޮށް އެ ކެރެކްޓާއަކާ ވައްތަރު ކުރެ އެވެ.

އަދި ހަށިގަނޑު ވަރަށް ވަރުގަދަކޮށް ހުންނަ މީހެއްގެ ކެރެކްޓާ ކުޅެން ޖެހިއްޖެނަމަ ޖިމްއަށް ގޮސް ބޮޑީ ބިލްޑްކޮށްގެން އެގޮތަށް ހަށިގަނޑު ބައްޓަން ކުރަން މަސައްކަތް ކުރެ އެވެ.

މިސާލަކަށް 2008ގައި ރިލީޒްކުރި "ގަޖްނީ"އަށް އާމިރު ޚާން ވަނީ އޭނާގެ ހަށިގަނޑު ވަރަށް ވަރުގަދަކޮށްފަ އެވެ. އަދި އޭނާގެ 'އެއިޓް-ޕެކްސް" އަށް އެންމެން ވަރަށް ތައުރީފު ކުރި އެވެ.

މި ކެރެކްޓާއަށް އާމިރު ތައްޔާރުވީ 13 މަސް ދުވަހުގެ ބުރަ މަސައްކަތުންނެވެ. އޭނާގެ މި ބުރަ މަސައްކަތުގެ ނަތީޖާ ފޮންޏެވެ. "ގަޖްނީ"ވީ ބްލޮކްބަސްޓާ ފިލްމަކަށެވެ.

"ދަ ލެޖެންޑް އޮފް މައުލާ ޖަޓް" ޓްރެއިލާ

އޭގެ ފަހުން "ދަންގަލް" ކުޅެންވެސް އާމިރު ހަމަ އެހާ މަސައްކަތްކޮށް އެ ފިލްމު ވެސް ވަނީ ބްލޮކްބަސްޓާ އަކަށް ވެފަ އެވެ.

"ދަންގަލް"ގައި އާމިރު ކުޅެން ޖެހުނީ ރެސްލިން ތަޅާ މީހެއްގެ ރޯލާއި އެ ކެރެކްޓާ މުސްކުޅިވެ ބަނޑުލާފައި ހުރި ގޮތް ދައްކާ ރޯލެކެވެ.

ބޮލީވުޑް ނޫނަސް ހޮލީވުޑްގެ ބައެއް އެކްޓަރުން ވެސް އެ މީހުން ކުޅޭ ބައެއް ކެރެކްޓާތަކަށް ފިޓްވާން ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނެސް އުޅެ އެވެ.

ހިންދީ ބައެއް ފިލްމުތައް ވެސް ކުޅެފައިވާ ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާން މިހާރު ކުޅެމުންދާ "ދަ ލެޖެންޑް އޮފް މައުލާ ޖަޓް"ގެ ރޯލަށް އޭނާ ވެސް މިގޮތަށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކޮށްފައި ވެއެވެ. ކުރިން ވަރަށް ހިމަތޮޅިކޮށް ހުންނަ ފަވާދު ބޭނުންވީ މި ކެރެކްޓާ ހުންނަ ގޮތަށް ބިޔަ ބޮޑު ހަށިގަނޑެއްގެ ވެރިޔަކަށް ވާށެވެ. އެހެންވެ 73 ކިލޯ އިން 75 ކިލޯ އަށް އަދި 100 ކިލޯއަށް ވެސް އޭނާ ވަރަށް މަސައްކަތުން ބަރުދަން އިތުރު ކުރި އެވެ.

ފަވާދު އެއްބަސްވި ގޮތުގައި އޭނާ ހިތްވަރުހޯދީ އާމިރާއި ހޮލީވުޑް އެކްޓަރު ކްރިސްޓިއަން ބާލޭ ހަށިގަނޑަށް ބަދަލުގެންނަން ކޮށްފައިވާ މަސައްކަތްތައް ފެނިގެންނެވެ. ނަމަވެސް އެ އެކްޓަރުންނަށް މިކަމުގައި ހޯދުނުވަރުގެ ކާމިޔާބެއް ފަވާދަކަށް ނުހޯދުނެވެ. ދެ ކިޑްނީ މައްސަލަޖެހި އޭނާ އެންމެ ފަހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވެސް ގިނަ ދުވަސް ތަކަކު ފަރުވާކުރަން ޖެހުނެވެ.

ފަވާދު ބުނީ ކެރެކްޓާއަށް ތައްޔާރުވާން އޭނާއަށް ލިބުނު ވަގުތުކޮޅު ކުޑަކަމުން މާކުރު މުއްދަތެއްގެ ތެރޭގައި ނަތީޖާ ނެރެން އުޅެން ހަދައިގެން ލަނޑު ލިބުނީ ކަމަށެވެ.

ފިލްމު ޕްރޮމޯޓްކުރުމުގެ އިވެންޓެއްގައި ވާހަކަދައްކަމުން ފަވާދު ބުނީ އެއީ އޭނާ ކަހަލަ މީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި މީގެ ފަހުން އެފަދަ ކަމެއް ކުރަން ނޫޅޭނެ ކަމަށެވެ.

ފަވާދަކީ ވަރަށް ޒުވާން އުމުރުއްސުރެ ހަކުރުބައްޔަށް ބޭސް ކުރާ މީހަކަށް ވުމީ ވެސް އޭނާއަށް ހަށިގަނޑަށް ކުއްލިއަކަށް ބޮޑު ބަދަލެއް ގެންނަން އުނދަގޫވި އެއް ސަބަބެވެ.

"އަހަރެންގެ ދެ ކިޑްނީގެ މަސައްކަތް މުޅީން ހުއްޓިގެން 10 ވަރަކަށް ދުވަހު ހޮސްޕިޓަލުގައި އޮންނަން ޖެހުނު. އަދި ސިއްހަތު މުޅީން ރަނގަޅުވާން ތިން މަހަށް ވުރެ ގިނަ ދުވަސް ނެގި،" ފަވާދު ބުންޏެވެ.

އޭނާ ބުނީ އެ ރޯލަށް އޭނާ ތައްޔާރުވީ އެންމެ ދޮޅު މަސް ތެރޭގައި ކަމަށާއި ހައެއްކަ މަސް ލިބުނުނަމަ ހަމަޖެހިލައިގެން ތައްޔާރު ވެވުނީސް ކަމަށެވެ.

"ދަ ލެޖެންޑް އޮފް މައުލާ ޖަޓް" އަކީ ޕާކިސްތާނުގެ ތާރީޚާ ގުޅިފައިވާ ހާދިސާތަކެއް ދައްކުވައިދޭ ވަރަށް ބޮޑު ބަޖެޓަކުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މިއީ ޑައިރެކްޓަރު ޔޫނުސް މަލިކް 1979ގައި ޕަންޖާބު ބަހުން އުފެއްދި ކްލެސިކް "މައުލާ ޖަޓް"ގެ ރިމޭކް އެކެވެ.

މިފަހަރުގެ ފިލްމުގައި ފަވާދުއާ އެކު ބަތަލާގެ ރޯލު ކުޅެނީ އޭނާގެ "ހަމްސަފަރް" ޑްރާމާގެ ކޯސްޓާ މާހިރާ ޚާން އެވެ. މާހިރާ އަކީ ޝާހް ރުކް ޚާންގެ "ރައީސް"ގެ ބަތަލާ ވެސް މެއެވެ.