ބޮލީވުޑް

އަލުން ފިލްމު ކުޅެން ފަށަން ނަފްސު ތައްޔާރެއް ނޫން: އާމިރު ޚާން

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ޚާން މިހާރު އަބަދު ކަހަލަ ގޮތަކަށް ފެންނަނީ އާއިލާއާ އެކު ވަގުތު ހޭދަކުރާ ތަނާއި އެކުވެރިންގެ ފިލްމުތައް ބެލުމަށާއި އެ ފިލްމުތައް ޕްރޮމޯޓްކޮށްދޭން އުޅޭ ތަނެވެ.

އަމިއްލައަށް ފިލްމު ކުޅުމާ ދުރުވެގެން ހުރި އާމިރު ބުނާ ގޮތުގައި އޭނާ ދެން އަލުން ފިލްމީ މަސައްކަތާ ކުރިމަތިލާނީ އެކަމަށް ޖަޒުބާތީ ގޮތުން ތައްޔާރުވުމުން ކަމަށެވެ.

އާމިރުގެ އެންމެ ފަހުގެ ފިލްމު "ލާލް ސިންގް ޗައްޑާ" ފްލޮޕްވިތާ އެތައް މަހެއް ފަހުން ނޮވެމްބަރު 2022 ގައި އާމިރު ވަނީ ދުވަސްކޮޅަކަށް ފިލްމު ކުޅުމާ ދުރަށް ދިޔަކަން އިއުލާން ކޮށްފަ އެވެ.

އޭނާ އޭރު ބުނެފައިވަނީ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ދޮޅު އަހަރެއްހާ ދުވަހުގެ ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށެވެ.

ޕަންޖާބް ފިލްމު "ކެރީ އޮން ޖައްޓާ 3"ގެ ޓްރެއިލާ ލޯންޗުގައި މީގެ ދެ ދުވަހެއް ކުރިން އާމިރު ބައިވެރިވި އެވެ.

އާ ފިލްމެއް އިއުލާން ކުރާނީ ކޮން އިރަކުންތޯ މި އިވެންޓުގައި އާމިރުއާ ރިޕޯޓަރަކު ސުވާލު ކުރުމުން އޭނާ ބުނީ އަދި އާއިލާއާއެކު ވަގުތު ހޭދަކުރަމުންދާއިރު ވަރަށް އުފާވެރި އިހްސާސްތަކެއް ކުރެވެމުންދާ ކަމަށެވެ.

"އަހަރެން އަދި އެއްވެސް ފިލްމެއް ކުޅޭކަށް ނުނިންމަން. މިހާރު އަދި ބޭނުމީ ހަމަ އާއިލާއަށް ވަގުތު ދީ އެމީހުންނާއެކު ހުރިހާ ވަގުތެއް ހޭދަކުރަން. ސަބަބަކީ މި ވަގުތު އަހަރެން ކުރާހިތް ވަނީ ހަމައެކަނި އެކަން ކަމަށް ވާތީ. އަހަރެން ފިލްމު ކުޅޭނީ އަހަރެން އެކަމަށް ޖަޒުބާތީ ގޮތުން ތައްޔާރުވުމުން،" ރިޕޯޓަރަށް ޖަވާބު ދެމުން އާމިރު ބުންޏެވެ.

ފިލްމު ކުޅުމާ ދޮޅު އަހަރަށް ދުރަށް ދާކަން އިއުލާންކުރަމުން އާމިރު ބުނި ގޮތުގައި އޭނާގެ ފިލްމީ ކެރިއަރަށް 35 އަހަރު ފުރިފައިވާއިރު މި މުއްދަތުގައި އޭނާއަށް އެއްގޮތަކަށް ވެސް އާއިލާއާ އަޅާލައި އެމީހުންނާއެކު ވަގުތު ހޭދަކުރެވިފައެއް ނުވެ އެވެ. އެކަމާ މިހާރު އޭނާ ހިތާމަ ކުރެ އެވެ.