ބޮލީވުޑް

އާމިރުގެ ދަރިފުޅު ޖުނައިދުގެ "ލަވް ޓުޑޭ"ގެ ބަތަލާއަކީ ޚުޝީ

އާމިރު ޚާންގެ އެންމެ ފަހުގެ ފިލްމު "ލާލް ސިންގް ޗައްޑާ" ފްލޮޕްވުމުން ވީ ދެރައިން އާމިރު މިހާރު ހުރީ ފިލްމު ކުޅުމާ ދުވަސް ކޮޅަކަށް ދުރުވެގެންނެވެ. މިވަގުތު އާމިރު ސޮއިކޮށްފައިވާ އެއްވެސް ފިލްމެއް ނެތްއިރު އެއްވެސް ފިލްމެއްގެ ސްކްރިޕްޓެއް ވެސް އޭނާގެ އަތަކު ނެތެވެ. މިވަގުތު އާމިރު ފޯކަސް ކުރަނީ ދޮށީ ދަރިފުޅު ޖުނައިދުގެ ފިލްމީ ކެރިއަރު އުޖާލާ ކުރެވޭތޯ އެވެ.

ޖުނައިދު މިހާރު ކުޅެން ތައްޔާރުވަމުންދާ ފިލްމަކީ ތަމަޅަ ހިޓް ފިލްމު "ލަވް ޓުޑޭ"ގެ ހިންދީ ރިމޭކެވެ.

މި ފިލްމު ކުޅުމާ މެދު ޖުނައިދު ވިސްނަމުންދާއިރު ފިލްމުގެ ބަތަލާއަކަށް ހަމަޖައްސަން ފިލްމު އުފައްދާ ފަރާތުން ބޭނުންވަނީ ޝްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫޜުގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރެވެ.

ޕެންޓަމް ސްޓޫޑިއޯ އިން ޕްރޮޑީއުސްކުރާ މި ފިލްމު މިއަހަރުގެ ފަހުކޮޅު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް މިއީ ޖުނައިދު ބޮލީވުޑަށް ތައާރަފްވާ ފިލްމެއް ނޫނެވެ. އޭނާ ތައާރަފްވާނީ ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ "މަހާރާޖާ" އިންނެވެ.

މި ފިލްމުގައި ޝަރްވަރީ ނާގް އާއި ޖައިދީޕް އަހްލާވަތު ވެސް މުހިއްމު ބައިތަކެއް ކުޅެފައި ވެއެވެ. ފިލްމުގެ ޝޫޓިން ނިމިފައި ވިޔަސް ރިލީޒްކުރާ ތާރީޚް ޕްރޮޑިއުސަރުން އަދި އިއުލާނެއް ނުކުރެ އެވެ.

ޖުނައިދަކީ ސްޓޭޖުމަތީގައި ތަމްސީލު ކުޅުމަށްވެސް ވަރަށް ޝައުގުވެރިވާ ޒުވާނެކެވެ. އަދި އޭނާ ވަނީ ލޮސް އެންޖަލިސްގެ ޑްރާމާ ސްކޫލެއްގައި ދެ އަހަރު ވަންދެން ފިލްމީ މަސައްކަތްތައް ކިޔަވާފަ އެވެ. އަދި ފިލްމު ކުޅެން ފެށުމުގެ ކުރިން މުމްބައިގެ ސްޓޭޖުތަކުގައި ކުޅުނު ބައެއް ތަމްސީލުތަކުގައި ޖުނައިދު ބައިވެރިވި އެވެ.

އާމިރުގެ ވަރަށް ފަހުގެ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 15-20 ވަރަކަށް ފިލްމުގެ އޮޑީޝަންގައި ޖުނައިދު ބައިވެރިވެފައިވާއިރު އެއްވެސް އޮޑިޝަން އެއްގައި އޭނާގެ ބައްޕަ އަކީ އާމިރު ޚާން ކަން ހާމައެއް ނުކުރެ އެވެ. އާމިރު އިތުރަށް ބުނި ގޮތުގައި ޖުނައިދު އަށް ކުޅޭނެ އެންމެ ފިލްމެއް ލިބުނީ 20 ވަރަކަށް އޮޑިޝަނުން ފޭލްވީ ފަހުން ކަމަށެވެ.