ބޮލީވުޑް

އާމިރު، މާދަވަން އަދި ޝަރްމަން ފެނުމުން ހަނދާންވީ "ތުރީ އިޑިއަޓްސް"

"ތުރީ އިޑިއަޓްސް"ގައި މުހިއްމު ރޯލުތައް އަދާކުރި އާމިރު ޚާނާއި އާރް. މާދަވަން އަދި ޝަރްމަން ޖޯޝީ މިދިޔަ ހުކުރު ދުވަހު ބައްދަލުކުރުމުން އެ މީހުން "ތުރީ އިޑިއަޓްސް"ގެ ސީކުއަލް އެއް އުފައްދަން އުޅެނީ ކަމަށް ހީވެގެން ބައެއް މީހުން ސޯޝަލް މީޑީއާގައި އެ ވާހަކަ ދައްކާފައި ވެއެވެ.

ނަމަވެސް މި ތިން އެކްޓަރުން ބައްދަލުކޮށްފައިވަނީ ޝަރްމަންގެ އާ ފިލްމު "ކޮންގްރެޖުލޭޝަން" ޕްރޮމޯޓްކުރުމުގެ މަގްސަދުގައެވެ.

މި ތިން އެކްޓަރުން ބައްދަލުކުރާ ވީޑިއޯ ވައިރަލް ވެފައި ވެއެވެ. މި ވީޑިއޯގައި ފެންނަނީ ޝަރްމަންގެ ފިލްމު ޕްރޮމޯޓްކުރުމަށް ވަރަށް މަޖާ ވާހަކަތައް އެ މީހުން އެކަކު އަނެކަކާ ދައްކާ ތަނެވެ.

ވީޑިއޯ ބެލި ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ވީޑިއޯ ފެނިފައި "ތުރީ އިޑިއަޓްސް"ގެ ހަނދާންތައް އާވެއްޖެ އެވެ. އަދި އެ ފިލްމުގެ ސީކުއަލް އެއް އުފެއްދުމަށް ތިން އެކްޓަރުންގެ ކިބައިން ބައެއް މީހުން އެދިފައިވެއެވެ.

ރާޖްކުމާރު ހިރާނީ 2009ގައި ޑައިރެކްޓްކުރި "ތުރީ އިޑިއަޓްސް" އަކީ މިހާތަނަށް ހިންދީ ސިނަމާއިން އުފެއްދި އެންމެ މޮޅު އަދި ގިނަ ބަޔަކަށް އެންމެ ކަމުދިޔަ އެއް ފިލްމެވެ. އެހެންވެ އަދިވެސް އޭގެ ދެ ވަނަ ބަޔަކަށް މީހުންނަށް އިންތިޒާރު ކުރެވެނީ އެވެ.

ޝަރްމަންގެ "ކޮންގްރެޖުލޭޝަންސް" އަކީ ފެމެލީ ޑްރާމާ އެވެ. މި ފިލްމުގައި އޭނާއާއެކު ހަރަކާތްތެރިވާ ބަތަލާ އަކީ މާންސީ ޕާރެކް ގޯހިލް އެވެ.