ބޮލީވުޑް

އާމިރު ޚާން ސިއްރުސިއްރުން "ގަޖްނީ 2"އަށް ތައްޔާރުވަނީ

އާމިރު ޚާން އެންމެ ފަހުން ކުޅުނު "ލާލް ސިންގް ޗައްޑާ" ފްލޮޕްވުމަށްފަހު ދެ އަހަރެއްހާ ދުވަހު ފިލްމީ މަސައްކަތާ ދުރަށް ދާން ނިންމާފައިވާކަން އޭނާ ވަނީ އިއުލާން ކޮށްފަ އެވެ. އަދި މި ދުވަސްތަކުގެ ތެރޭގައި އޭނާ ފިލްމީ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް އާމިރު ބުނެފައި ވެއެވެ. ނަމަވެސް ފިލްމްފެއާ މަޖައްލާގައިވާ ހަބަރެއް ބުނާ ގޮތުގައި އާމިރު މިހާރު ދަނީ އޭނާ އެނބުރި އައުން ފާހަގަ ކުރާ ފިލްމު "ގަޖްނީ 2" އަށް ތައްޔާރުވަމުންނެވެ.

"ގަޖްނީ 2"އަކީ އާމިރު ކުޅެފައިވާ "ގަޖްނީ"ގެ ދެވަނަ ބައެވެ. "ގަޖްނީ"އަކީ ސައުތު އިންޑިއާ ފިލްމެއްގެ ހިންދީ ރިމޭކެކެވެ. އެހެންކަމުން މީގެ ދެވަނަ ބައެއް އުފެއްދުމާ ގުޅޭގޮތުން ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ އައްލޫ އަރަވިންދް އާއި ގީތާ އާޓްސް އާއެކު ހައިދަރުއާބާދުގައި އާމިރު މަޝްވަރާތައް ބާއްވަމުންދާތާ އެތައް މަހެއް ވެއްޖެ ކަމަށްވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.

ފިލްމީ މަސައްކަތަކާ ދުވަސްކޮޅަކަށް ދުރަށް ދަނީ ކަމަށް ބުންޏަސް ފާއިތުވީ ހައެއްކަ މަސް ދުވަހުއްސުރެ އާމިރު ގެންދަނީ ވަރަށް ގިނަ ސްކްރިޕްޓްތައް ކިޔައި ޕްރޮޑިއުސަރުންނާއި ބައްދަލުވުންތައް ބާއްވަމުން ކަމަށް ވެއެވެ.

ޝާހް ރުކް ޚާން ވެސް އޭނާގެ ފިލްމުތައް ފްލޮޕްވާން ފެށުމުން ހަތަރު ވަރަކަށް އަހަރު ފިލްމު ކުޅުމާ ދުރުގައި ހުރެފައި އެނބުރި އައުމުން ފޭނުން އޭނާގެ ފިލްމަށް ބޮޑު ތަރުހީބެއް ދީފައި ވެއެވެ. ޝާހް ރުކް އެނބުރި އައުން ފާހަގަކުރި "ޕަޓާން" ވަނީ މިހާތަނަށް އިންޑިޔާގައި ރިލީޒްކުރި އެއްވެސް ފިލްމެއް ނުލިބޭ ވަރުގެ ބޮޑު ކާމިޔާބެއް ހޯދައި އެތައް ރެކޯޑެއް މުގުރާފަ އެވެ.

"ގަޖްނީ 2" އާއެކު އާމިރު ވެސް ބޭނުންވަނީ މިފަދަ ގޮތަކަށް އެނބުރި އަންނަން ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި މިކަމަށްޓަކައި އޭނާ ނުފޮރުޅާ އެންމެ ގާކޮޅެއް ވެސް މިފަހަރު ނުބާއްވާނެ ކަމަށް ވެއެވެ.