ބޮލީވުޑް

އާމިރު ދަނޑިގަނޑު ޖަހައިގެން ހިނގާތީ ފޭނުން ހާސްވެއްޖެ

ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވީ ކައިވެނީގެ ހަފުލާއެއްގައި އާމިރު ޚާން ދަނޑިގަނޑެއް ޖަހައިގެން އުޅޭތީ ފޭނުން އެކަމާ ދެރަވެގެން އެ ވާހަކަ ދައްކަން ފަށައިފި އެވެ.

މި ޕާޓީގެ ވަރަށް ގިނަ ފޮޓޯތަކާއި ވީޑީއޯތައް މިހާރު ވައިރަލް ވެފައިވާއިރު ގިނަ ބަޔަކު ބުނީ އާމިރުގެ ފަޔަށް ވީގޮތެއް ނޭނގިގެން ވަރަށް ދެރަވެފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ހަފުތާއެއް ކުރިން އާމިރު ދިއްލީގައި އޮތް ކައިވެނި ޕާޓީއެއްގައި އެކްޓަރު ކާރްތިކް އާރްޔަން އާއެކު ނަށަނިކޮށް ފެނިފައި ވެއެވެ. އެހެންވެ އޭނާގެ ފަޔަށް ލިބުނު ގެއްލުމެއް ލިބިފައިވަނީ އޭގެ ފަހުން ކަމަށް ފޭނުން ގަބޫލު ކުރެ އެވެ.

"އާމިރުގެ ފަޔަށް ކިހިނެއްވީ؟ ކީއްވެ ދަނޑިގަނޑު ޖަހައިގެން އެ ހިނގަނީ؟" ފޭނަކު ލިޔެފައި ވެއެވެ.
މި ފޭން އަށް ޖަވާބު ދެމުން އެހެން މީހަކު ކުރި ކޮމެންޓެއްގައި ވަނީ އާމިރުގެ ފަޔަށް މާ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

އެހެން ފޭނަކު ބުނި ގޮތުގައި މިހާރަކަށް އައިސް ވަރަށް ގިނަ ކައިވެނި ޕާޓީތަކުން އާމިރު ފެންނަން ފަށައިފި އެވެ. މި ޕާޓީތަކުގައި އޭނާ ބައިވެރިވަނީ ގިނަ އަދަދެއްގެ ފައިސާ ދީގެން ކަމަށް ލަފާ ކުރެވޭ ކަމަށާއި "ލާލް ސިންގް ޗައްޑާ" ފްލޮޕްވުމުން ލިބުނު ބޮޑު މާލީ ގެއްލުން ފޫބައްދަން އޭނާ މަސައްކަތް ކުރަނީކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައި ވެއެވެ.

"ލާލް ސިންގް ޗައްޑާ"ގެ ބޮޑު ނާކާމިޔާބީގެ ސަބަބުން ހިތް ހަލާކުވެ އާމިރު މިހާރު ހުރީ ދޮޅު އަހަރެއްހާ ދުވަހަށް ފިލްމީ މަސައްކަތާ މުޅިން ދުރުވެ ދިގު ޗުއްޓީއެއް ނަގައިގެންނެވެ.

އާމިރު ބުނެފައިވާ ގޮތުގައި ފިލްމީ މަސައްކަތް ފެށިފަހުން ފާއިތުވީ 35 އަހަރުގެ ތެރޭގައި އޭނާ ވަނީ އާއިލާއަށް ވަރަށް ބޮޑަށް އިހުމާލު ވެފަ އެވެ. އެހެންވީމާ މި ޗުއްޓީގައި ދަރިންނާއި އާއިލާއާއެކު އުފާވެރި، އަގުހުރި ވަގުތުތަކެއް ހޭދަކުރަން ނިންމާފައިވާ ކަމަށެވެ.