ކަރީނާ ކަޕޫރު ސޯޝަލް މީޑިއާގައި ޝެއާ ކުރި ވާހަކައަކުން "3 އިޑިއަޓްސް" ފޭނުން އިންޓަނެޓު ފުނޑުފުނޑުކޮށްނުލީ ކިރިޔާ އެވެ.
"3 އިޑިއަޓްސް"ގައި ޕިއާ ކިޔާ ކެރެކްޓާ އެއް ކުޅުނު ކަރީނާ ހުކުރު ދުވަހު ހެނދުނު އިންސްޓަގްރާމްގައި ޝެއާ ކުރި ވީޑިއޯގައި "3 އިޑިއަޓްސް"ގެ ތިން އެކްޓަރުން ކަމަށްވާ އާމިރު ޚާނާއި، މާދަވަން އަދި ޝަރްމަން ޖޯޝީގެ ފޮޓޯއަކަށް އިޝާރަތް ކުރަމުން ކަރީނާ ބުނެފައިވަނީ އޭނާ ޗުއްޓީއަށް ދިޔަ ވަގުތު ބަލައި، މި ތިން އެކްޓަރުން ވެގެން ކޮންމެވެސް ކަންތައްގަނޑެއް ރާވައިފި ކަމަށާއި ބޮޑަށް ލަފާ ކުރެވެނީ '3 އިޑިއަޓްސް"ގެ ސީކުއަލް އެއް ހެންނެވެ.
އަދި އެ ފިލްމުގައި މުހިއްމު ރޯލެއް އަދާކުރި ބަމަން އިރާނީގެ ފޮޓޮއެއް ދެއްކުމަށްފަހު ބަމަން އަށް މިކަމާ ގުޅޭ އެއްވެސް ކަމެއް އެނގޭ ބާއޭ ކަރީނާ ވަނީ ސުވާލު ކޮށްފަ އެވެ.
"އަހަންނަށް ގަބޫލުކުރަން ވެސް ދަތި. އެމީހުން އަހަރެންނަށް އެހެން ހަދާކަށް ނުވާނެނު. ބަމަން އިރާނީ! އެމީހުން ތިބާއަށް ވުރެ މިކަން ސިއްރު ކޮށްގެންތަ އުޅެނީ،" ކަރީނާގެ ވީޑިއޯގައި ސުވާލު ކޮށްފައި ވެއެވެ.
"3 އިޑިއަޓްސް"ގެ ސީކުއަލް އަކާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އެނގިފައި ނުވެ އެވެ. ނަމަވެސް ފިލްމުގެ ފޭނުން މީގެ ދެ ވަނަ ބަޔަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެ އެވެ. ކަރީނާގެ މި ޕޯސްޓަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެން ދިޔައީ އެހެންވެގެންނެވެ.
"3 އިޑިއަޓްސް"އަކީ މީގެ 14 ވަރަކަށް އަހަރު ކުރިން ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރި ފިލްމެކެވެ. މި ފިލްމުގެ ސީކުއަލް އެއް އަތުވެދާނެކަމުގެ އެއްވެސް އިޝާރާތެއް އާމިރު ވެސް އަދި ރާޖްކުމާރު ވެސް ދީފައެއް ނުވެ އެވެ. ނަމަވެސް ކަރީނާ މި ކުރި ކަމަކުން ގިނަ ބަޔަކު މިހާރު ތިބީ "3 އިޑިއަޓްސް"ގެ ސީކުއަލް އެއް ފެނިދާނެކަމުގެ އުންމީދު އާވެފަ އެވެ.