ބޮލީވުޑް

"ލާލް ސިންގް ޗައްޑާ" ފްލޮޕްވެއްޖެނަމަ ހިތްހަލާކުވާނެ: އާމިރު

އާމިރު ޚާނާއި ކަރީނާ ކަޕޫރު ކުޅެފައިވާ "ލާލް ސިންގް ޗައްޑާ" ރިލީޒްކުރަން ހަފުތާއަކަށް ވެފައިވާއިރު ފިލްމުގެ ތަރިން މިހާރު ވަރަށް ބުރަކޮށް އުޅެމުންދަނީ ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތުގަ އެވެ.

މި ފިލްމަށް ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހިފައިވަނީ އަކްޝޭ ކުމާރާއި ބޫމީ ޕެޑްނޭކަރްގެ "ރަކްޝާ ބަންދަން" އާއެވެ.

"ލާލް ސިންގް ޗައްޑާ" ޑައިރެކްޓްކޮށްފައިވަނީ އަދަވައިތު ޗަންދަން އެވެ. އަދި "ރަކްޝާ ބަންދަން" ޑައިރެކްޓް ކޮށްފައިވަނީ އާނަންދު އެލް ރާއީ އެވެ.

މި ފިލްމު ރިލީޒްކުރުމާ ދިމާކޮށް އާމިރު ދިން އިންޓަވިއު އެއްގައި ބުނީ ފިލްމު ރިލީޒްކުރާ ދުވަސް ކައިރިވާ ވަރަކަށް އޭނާގެ ހާސްކަން އިތުރުވާ ކަމަށެވެ. ސަބަބަކީ "ލާލް ސިންގް ޗައްޑާ"އަކީ އޮސްކާ އެވޯޑުގެ ހަ އެވޯޑު ލިބިފައިވާ ވަރަށް މޮޅު އެހާމެ މަޝްހޫރު ފިލްމަކަށް ވާތީ ބެލުންތެރިންގެ އުއްމީދުތައް ހުންނާނީ ވަރަށް އުހުގައި ކަމަށް ޔަގީން ކުރެވޭތީ އެވެ. ނަމަވެސް އޭނާގެ ފިލްމަކީ ވެސް މޮޅު ފިލްމަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން އާމިރަށް އެބައޮތެވެ.

"އަހަރެމެން މިތިބީ ވަރަށް ހިތް ނުތަނަވަސްވެފައި. ސަބަބަކީ މި ފިލްމަކީ މޮޅު އެއްޗަކަށް ހަދަން ފިލްމުގައި ބައިވެރިވި ހަމަ ކޮންމެ މީހަކު ވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާތީ. ބެލުންތެރިންނަށް ފިލްމު ކަމުނުގޮސްފިނަމަ އަހަރެންގެ ހިތް ހަލާކުވާނެ،" އާމިރު ބުންޏެވެ.