ބޮލީވުޑް

އޮގަސްޓް 11 = ބޮޑު ދެ ފިލްމެއް މުޑިއަރާ ދުވަހެއް!

އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހަކީ ބޮލީވުޑަށް ވަރަށް ބޮޑު ދުވަހެކެވެ. އެ ދުވަހު ބޮކްސް އޮފީހުގައި ވަރަށް ބޮޑު ދެ ފިލްމެއް މުޑި އަރާނެ އެވެ. އެއީ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އާއި އަކްޝޭ ކުމާރުގެ "ރަކްޝާ ބަންދަން" އެވެ.

ކުރިން "ރަކްޝާ ބަންދަން" ރިލީޒްކުރަން އޮތީ އޮގަސްޓް 11ގައެއް ނޫނެވެ. ނަމަވެސް ކުއްލިއަކަށް އިއްޔެ އަކްޝޭ ކުރި ޓުވީޓެއްގައި މި ފިލްމު އޮގަސްޓް 11 ގައި ރިލީޒްކުރާ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.

"ލާލް ސިންގް ޗައްޑާ" ރިލީޒްކުރާނީ އޮގަސްޓް 11ގައި ކަމަށް މީގެ އެތައް ހަފުތާއެއް ކުރިން އާމިރު ވަނީ އިއުލާން ކޮށްފަ އެވެ. "ލާލް ސިންގް ޗައްޑާ"އަކީ ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރިމޭކެކެވެ.

އަކްޝޭ އާއި އާމިރުގެ ފިލްމުތަކަށް އެއްވަރަކަށް ސްކްރީންތައް ބަހާލަން ޖެހުމުން ވަރުގަދަ ކުރިމަތިލުމެއް އެ ދުވަހު ފެންނާނެކަމަށް ޓްރޭޑް އެނަލިސްޓުން މިހާރުއްސުރެ ވަނީ ބުނަން ފަށާފަ އެވެ.

"ލާލް ސިންގް ޗައްޑާ"ގައި އާމިރު އާއެކު ކަރީނާ ކަޕޫރު، މޯނާ ސިންގް އަދި ނާގާ ޗޭތަންޔާ ބައިވެރިވެ އެވެ. މި ފިލްމު އެންމެ ކުރިން ރިލީޒްކުރަން އޮތީ ފާއިތުވީ އެޕްރީލް މަހު އެވެ. ނަމަވެސް އެ މަހު ސައުތު އިންޑިއާގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ކާޖީއެފް:ޗެޕްޓާ 2" ރިލީޒްކުރާތީ އާމިރުގެ ފިލްމު ލަސްކޮށްލީ އެވެ.

އަކްޝޭގެ "ރަކްޝާ ބަންދަން"އަކީ އާނަންދް އެލް.ރާއީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ބަތަލާ އަކީ ބޫމީ ޕެޑްނޭކަރް އެވެ.

އަކްޝޭގެ ކާމިޔާބު ފިލްމުތަކުގެ ސިލްސިލާ ކުރިޔަށް ދަނިކޮށް އެންމެ ފަހުން ރިލީޒްކުރި ބޮޑު ބަޖެޓް ފިލްމު "ސަމްރަތު ޕްރިތުވީރާޖް" ފްލޮޕްވެ ގިނަ ބަޔެއްގެ މަލާމާތާ އޭނާއަށް ވަނީ ކުރިމަތިވެފަ އެވެ. އަދި މި ފިލްމު ފްލޮޕްވުމުގެ ނޭދެވޭ އަސަރު އޭނަގެ ކުރިޔަށް ހުރި ފިލްމުތަކަށް ކުރާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ގަބޫލު ކުރެ އެވެ. ނަމަވެސް މިފަހަރު ވާނެ ގޮތެއް އެނގޭނީ އޮގަސްޓް 11ގައި މި ދެ ފިލްމު ރިލިޒްކުރުމުންނެވެ.

އާމިރުގެ "ލާލް ސިންގް ޗައްޑާ" އާއި އަކްޝޭގެ "ރަކްޝާ ބަންދަން"ގެ ތެރެއިން ބެލުންތެރިންނަށް ކަމުދާނީ ކޮން ފިލްމެއްކަން އެނގޭނީ އެ ދުވަހުންނެވެ.