އާމިރު ޚާނާއި ޓްވިންކަލް ކަންނާ އެކުގައި ކުޅުނު "މޭލާ"ގެ ޝޫޓިން ކުރިއަށް ދިޔައިރު ޓްވިންކަލް ދެކެ އާމިރު ވަރަށް ރުޅިއަ އެވެ. މީހުންނާ ދިމާލަށް ހިތަށް އެރި އެއްޗެއް ބުނާތީ އާއި ފިލްމުގެ މަސައްކަތަށް ފޯކަސް ނުކުރާތީ އެވެ.
ޓްވިންކަލް 2015 ގައި ލިޔުނު "މިސިޒް ފަނީބޯންސް"ގައި އޭނާ މި ހާދިސާއަށް އަލިއަޅުވާލާފައި ވެއެވެ. އަދި "މޭލާ"ގެ ޝޫޓިންގައި އާމިރު ރުޅިގަދަވެ އޭނާގެ ގައިގައި ނުޖެހީ ވެސް ކިރިޔާ ކަމަށް ޓްވިންކަލް ލިޔެފައިވެ އެވެ.
ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ޓްވިންކަލްއާ އެކު އާމިރު ބައިވެރިވެ މި ވާހަކަ ދެއްކި އެވެ.
ޓްވިންކަލްއާ މެދު އާމިރު ދެކެނީ ކިހިނެއްތޯ އާއި އޭނާ އަކީ މޮޅު އެކްޓަރެއް ކަމަށް ގަބޫލުކުރަންތޯ ޝޯގެ ހޯސްޓް ކަރަން ސުވާލުކުރި އެވެ.
ޖަވާބުގައި އާމިރު ބުނީ ޓްވިންކަލް އަކީ ހުނަރުވެރިއެއް ކަމަށެވެ. ނަމަވެސް އޭނާ ހުރީ އެކްޓިން ހުނަރު ނޫން ކަމަށާއި މީހުންނާ ދިމާލަށް ހިތަށް އެރި އެއްޗެއް ބުނެލުމާއި މަލާމާތްކުރުމުގެ ހުނަރު ކަމަށެވެ.
"އެއްފަހަރު އާމިރު އަހަރެން ކައިރީ އެހި ކީއްހޭ ތިކުރަނީ؟ ކީއްވެހޭ ތިހެން ތިއުޅެނީ؟ ކީއްވެހޭ މަސައްކަތަށް ފޯކަސް ނުކުރަނީ؟ އަހަރެން ބުނިން އަހަރެން މި ވިސްނަނީ އަކްޝޭ ކުމާރާ ދޭތެރޭއޭ. އެހެން ބުނީމަ އާމިރު ކިރިޔާ މަގޭގައިގައި ނުޖެހީވެސް،" އާމިރު ދެއްކި ވާހަކަ އާ ގުޅުވައި ޓްވިންކަލް ބުންޏެވެ.
"މޭލާ" އަށްފަހު ޓްވިންކަލް މާގިނަ ފިލްމުތަކެއް ނުކުޅެ 2001ގައި އަކްޝޭ އާ ކައިވެނިކޮށް ފިލްމު ކުޅުމާ މުޅިން ދުރަށް ދިޔައީ އެވެ. އަދި މިހާރު އުމުރުން 48 އަހަރުގެ ޓްވިންކަލް އަކީ ޓީންއޭޖް ފުރައިގެ ފިރިހެން ކުއްޖަކާއި 10 އަހަރުގެ އަންހެން ކުއްޖެއްގެ މަންމަ އެވެ.
ފަހަކަށް އައިސް ޓްވިންކަލް ފެންނަނީ ލިޔުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ ލިޔެފައިވާ ދެތިން ފޮތެއް މިހާތަނަށް ޗާޕްކޮށްގެން ނެރެފައި ވެއެވެ. އަދި ނޫހަކަށް ގަވާއިދުން ކޮލަމެއް ވެސް ލިޔަމުން ގެންގޮސްފައި ވެއެވެ.
މިވަގުތު އޭނާ ހުރީ އެމެރިކާގަ އެވެ. ލިޔުންތެރިކަމުގެ ރޮނގުން މާސްޓާޒް ޑިގްރީ އަށް ކިޔެވުމަށެވެ.