ބޮލީވުޑް

އެންގޭޖްމެންޓް ރޫޅާލިތާ 25 އަހަރު ފަހުން އަކްޝޭ އާއި ރަވީނާ ބައްދަލުވެއްޖެ

"ތޫ ޗީޒް ބަޅީ ހޭ މަސްތު މަސްތު" އަދި "ޓިޕް ޓިޕް ބަރުސާ ޕާނީ" ފަދަ މަޝްހޫރު ލަވަތަކުގައި އެކުގައި ހަރަކާތްތެރިވެފައިވާ އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން އަކީ 90ގެ އަހަރުތަކުގައި އެމީހުންގެ ކެމިސްޓްރީން ބެލުންތެރިންގެ ހިތަށް ޖާދޫއެއް ގެނުވި ދެ ތަރިންނެވެ. މި މީހުންގެ ގުޅުން އޮތީ ހަމައެކަނި އެ ދުވަސްވަރު ދެ މީހުން ކުޅުނު ފިލްމުތަކުގައި އެކަންޏެއް ނޫނެވެ. "މޮހްރާ"ފަދަ ފިލްމުތައް މި ދެ އެކްޓަރުން ކުޅުނުއިރު އެމީހުންނަކީ ހަގީގީ ދެ ލޯބިވެރިންނެވެ. ކައިވެނީގެ ހުވަފެންތައް ދެކެމުން ދެ ތަރިން އެންގޭޖްވެ އެކަކު އަނެކަކުގެ އަތުގައި އަނގޮޓި ވެސް އެޅުވި އެވެ.

ރަވީނާ އާ ކައިވެނިކުރަން އަކްޝޭ ޝަރުތެއް ހުށަހަޅާފައި އޮތެވެ. ރަވީނާ ފިލްމު ކުޅުން މުޅިން ހުއްޓާލުމެވެ. އެ ޝަރުތު ގަބޫލުކޮށް ރަވީނާ އެ ދުވަސްވަރު ލިބުނު ގިނަ ފިލްމުތަކެއް ދޫކޮށްލައި އޭރު ސޮއިކޮށްފައި ހުރި ފިލްމުތައް ނިންމުމުގެ މަސައްކަތް ފެށިތަނާ ޝިޕްލާ ޝެޓީ އާއި އަކްޝޭގެ ލޯބީގެ ގުޅުން ފަޅާ އަރައި ރަވީނާ އަމިއްލައަށް އެންގޭޖްމަންޓް ރޫޅާލީ އެވެ. އޭގެ ފަހުން ރޭކާ އާއެކު ވެސް އަކްޝޭ ގުޅުމެއް ބޭއްވިކަމަށް ވެއެވެ.

އެންގޭޖްމަންޓް ރޫޅާލާއި ދެ މީހުން އަބަދަށްޓަކައި ވަކިވިތާ 25 އަހަރު ފަހުން އަނެއްކާވެސް އަކްޝޭ އާއި ރަވީނާ ވަނީ ފެޝަން އިވެންޓަކުން ފުރަތަމަ ފަހަރަށް ބައްދަލުވެފަ އެވެ. އެ އިވެންޓުގައި ރަވީނާ އަށް ލިބުނު އެވޯޑެއް ހަވާލުކޮށްދޭން ޖެހުނީ އަކްޝޭ އާ އެވެ. އެހެންވީމާ ރަވީނާ އާ ބައްދަލުނުކޮށް ވާނެ އެއްވެސް ގޮތެއް އެ ވަގުތު އަކްޝޭ އަކަށް ނެތެވެ.

އެވޯޑާ ހަވާލުވާން ރަވީނާ އަރައި ދެ މީހުން ކަރާ ކަރުޖައްސައި ސަލާން ކޮށްލި މަންޒަރު ފެނިފައި ވެއެވެ. ދެ މީހުން ރުޅިވިތާ 25 އަހަރު ފާއިތުވީއިރު ދެ ތަރިން ވެސް އެހެން މީހުންނާ ކައިވެނިކޮށް ލިބުނު ދަރިން ވެސް މިހާރު ތިބީ ބޮޑެތި ވެފަ އެވެ. އެހެންކަމުން މާޒީ ހަނދާން ކުރުމުގެ ބޭނުމެއް މިހާރު ނެތް ކަމަށް މި ޚަބަރަށް ކޮމެންޓުކުރި މީހުން ބުނެފައި ވެއެވެ.

ދާދިފަހުން ރަވީނާ ދީފައިވާ އިންޓަވިއު އެއްގައި އަކްޝޭ އާއި އޭނާގެ އެންގޭޖްމަންޓް ރޫޅުނު ގޮތުގެ ވާޙަކަތައް ކިޔައިދީފައި ވެއެވެ. ރަވީނާ ބުނި ގޮތުގައި އެކަކު އަނެކަކަށް ވަފާތެރިވުން އޭނާއަށް ވަރަށް މުހިއްމު ނަމަވެސް އަކްޝޭ އަކަށް އެއީ އެހާ މުހިއްމު ކަމަކަށް ނުވި އެވެ. ކޮންމެ ފަހަރަކު ބޭވަފާތެރިވެފައި މައާފަށް އެދުމުން އޭނާ މައާފުކުރާނެ ކަމަށް އަކްޝޭ އުންމީދު ކުރި ކަމަށާއި ނަމަވެސް ވަކި ހިސާބަކުން އޭނާ ދެން އެ ގުޅުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައި އެންގޭޖްމަންޓް ރޫޅާލީ ކަމަށެވެ.

"ތިން އަހަރު ވަންދެން އަހަރެން އެގޮތަށް މައާފު ކުރަމުން ގެންދިޔައިން. ނަމަވެސް އެހިސާބުން ދެން އަހަރެންނަށް އެނގިއްޖެ މިއީ ނިމުމެއް ނެތް ކަމެއްކަން. އެހެންވެ އެކަން ހުއްޓާލީ،" ރަވީނާގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

ރަވީނާ ބުނި ގޮތުގައި ޝިލްޕާ އާއި ރޭކާ އާއެކު އަކްޝޭ ރެޑްހޭންޑްކޮށް އޭނާއަށް ހިފިފައި ވެއެވެ. އަދި އެހެން ދެ އަންހެނަކާ ލޯބީގެ ގުޅުން ބޭއްވިކަން ވެސް އެނގެ އެވެ. އެހެންވެ ހިތާ ދެކޮޅަށް އަކްޝޭ އާ ވަކިވާން އޭނާ ނިންމީ އެވެ.

ރަވީނާ އާއި އެންގޭޖްވި ވާހަކަ އަކީ އެންގޭޖްމަންޓް ރޫޅުނު ގޮތުގެ ވާހަކަ އަކްޝޭގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ވެސް ކިޔައިދީފައި ވެއެވެ. އޭނާ ބުނީ ރަވީނާ އާއި އޭނާ އެންގޭޖްވި ނަމަވެސް ކައިވެނިނުކުރާ ކަމަށެވެ. އަދި އެންގޭޖްމަންޓް ރޫޅާލިފަހުން ވެސް އެ ދެ މީހުން އެކަކު އަނެކަކާ ރުޅި ނޫންކަމަށެވެ.