ބޮލީވުޑް

ސެލްފީ ނަގައިގެން އަކްޝޭ ދުނިޔޭގެ ރެކޯޑް މުގުރާލައިފި

އަކްޝޭ ކުމާރުގެ އާ ފިލްމު "ސެލްފީ"ގެ ޕްރޮމޯޝަން މިހާރު ވަނީ ފަށާފަ އެވެ. އަދި ތަފާތު ގިނަ ކަންތައްތަކެއް މި ފިލްމު ޕްރޮމޯޓް ކުރަން އަކްޝޭ އާއި ޓީމުން ދަނީ ކުރަމުންނެވެ. އެގޮތުން އިއްޔެ ބޭއްވި އިވެންޓެއްގައި އަކްޝޭ ވަނީ ތިން މިނިޓް ތެރޭގައި އެންމެ ގިނަ ސެލްފީ ނެގުމުގެ ދުނިޔޭގެ ރެކޯޑް މުގުރާލާފަ އެވެ.

މި ރެކޯޑް މުގުރާލީ މުމްބައިގައި ފޭނުންނާ ބައްދަލުކުރަން އަކްޝޭ އާއި "ސެލްފީ"ގެ ޓީމުން ބޭއްވި ޕްރޮމޯޝަނަލް އިވެންޓެއްގަ އެވެ.

ފެބްރުއަރީ 24، 2023ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ސެލްފީ"ގެ ޕްރޮމޯޝަންގައި ތިން މިނިޓް ތެރޭ އެންމެ ގިނަ ސެލްފީ ނެގުމުގެ ރެކޯޑް އަކްޝޭ މުގުރާފައިވަނީ ތިން މިނެޓުން 184 ސެލްފީ ނަގައިގެންނެވެ.

ކުރިން މި ރެކޯޑް އޮތީ އެމެރިކާގެ ޖޭމްސް ސްމިތު އަށެވެ. އޭނާ ކާނިވަލް ޑްރީމް ކްރޫޒް ޝިޕްގައި ޖެނުއަރީ 22، 2018 ވަނަ ދުވަހު މި ރެކޯޑް ގާއިމުކުރިއިރު ނަގާފައިވަނީ ތިން މިނިޓް ތެރޭ 168 ސެލްފީ އެވެ.

އަކްޝޭ ބުނި ގޮތުގައި ފޭނުންގެ ބައިވެރިވުމާއެކު މި ރެކޯޑް މުގުރާލުމުގެ ފުރުސަތު ލިބުމުން އޭނާ ވަރަށް އުފާވެއްޖެ އެވެ. އޭނާގެ ކެރިއަރުގެ މިހާތަނަށް އާދެވިފައިވަނީ ފޭނުންނާއި ލޯތްބާއި ތާއީދުގެ ސަބަބުން ކަމަށް އަކްޝޭ ބުންޏެވެ.

"ސެލްފީ"ގައި އިމްރާން ހާޝިމީ ވެސް މުހިއްމު ބައެއް ކުޅެފައި ވެއެވެ.