ބޮލީވުޑް

މޯނީ އާއި ދިޝާ: މިހާރު ބެސްޓް ފްރެންޑުން

ބޮލީވުޑް ބަތަލާއިންގެ މެދުގައި ގާތް އެކުވެރިކަމެއް ނުބޭއްވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް މި މީހުންގެ ތެރޭގައި ވަރަށް ގާތް އެކުވެރިން އުޅެ އެވެ. މިހާރު އަލަށް ބެސްޓް ފްރެންޑުންނަށް ވެގެން އުޅޭ ދެ ބަތަލާއިންނަކީ މޯނީ ރޯއީ އާއި ދިޝާ ޕަޓްނީ އެވެ.

މި ދެ ބަތަލާއިންނަކީ އަކްޝޭ ކުމާރު އެމެރިކާގައި ބާއްވާ ޝޯތަކެއްގައި ޕާފޯމްކުރާ ދެ ބަތަލާއިންނެވެ.

އަކްޝޭ އާއި ދިޝާ އަދި މޯނީގެ އިތުރުން ދެން މި ޓުއާގައި ޕާފޯމްކުރަނީ ނޯރާ ފަތޭހީ އާއި އަޕަރްޝަކްތީ ކުރާނާ އަދި ސޯނަމް ބާޖްވާ އެވެ.

މި ދަތުރުގައި އަކްޝޭ އާއި އޭނާގެ ޓީމުން އޮކްލެންޑްގައި ބާއްވަން އޮތް ޝޯ ވަނީ ކެންސަލް ވެފަ އެވެ. އެއީ އެހިސާބުގަނޑަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމަށް މޫސުމާ ބެހޭ އިދާރާއިން އެންގުމާ ގުޅިގެންނެވެ. އަދި މިކަން އެނގުނުއިރު ވަގުތު މާކުޑަތަން ވެފައި ވުމުން އެހެން ރަށަކަށް މި ޝޯ ބަދަލު ކުރެވޭ ގޮތް ވެސް ނުވީ އެވެ.

ޝޯ ކެންސަލްވީއިރު އަކްޝޭ އާއި އޭނާގެ ޓީމު ތިބީ އެމެރިކާގަ އެވެ. އެހެންވެ ޝޯ ކެންސަލް ވިޔަސް އެމީހުންގެ ދަތުރު އުފާވެރި ދަތުރަކަށް ހަދަން މޯނީ އާއި ދިޝާ ނިންމައި އެ ދެ މީހުން މިހާރު އުޅެނީ ބާޒާރުކުރުމާއި ރީތި ތަންތަން ބަލާލަން ގޮސް އެކުވެރިކަން އިތުރަށް ބަދަހި ކުރުމުގަ އެވެ.

ދެ މީހުން ލޯބިން އެކަކު އަނެކަކަށް މިހާރު ޚާއްސަ ނަން ނަން ވެސް ވަނީ ކިޔާފަ އެވެ. މޯނީ އަށް ދިޝާ ކިޔަނީ "މޮން" އެވެ. މޯނީ ކިޔަނީ "ޑީ" އެވެ.