ބޮލީވުޑް

ޓްވިންކަލް އެންމެ ކުރިން އުޅުނީ މަސް ޑެލިވަރީ ކުރަން

ބޮލީވުޑް ބަތަލާ އަދި މަޝްހޫރު ލިޔުންތެރިޔާ ޓްވިންކަލް ކަންނާ އަކީ އެއްވެސް ޖެހިލުމެއް ނެތި ވާހަކަ ދެއްކުމަށް މަޝްހޫރު މީހެކެވެ. އޭނާގެ ޒާތީ ވާހަކަތައް ވެސް އޭނާ ޖެހިލުމެއް ނެތި ކިޔައިދެމުންދާއިރު އެހެން މީހަކަށް ފާޑެއް ކިޔަން ވިޔަސް ހަމަ އޭނާ ވަރެއް ނޯވެ އެވެ.

މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުން އަދި ކުރީގެ ސުޕަސްޓާ ރާޖޭޝް ކަންނާ އާއި ޑިމްޕަލްގެ ދޮށީ ދަރިފުޅު ޓްވިންކަލް އޭނާގެ ޗެޓް ޝޯ "ދި އައިކަންސް"ގައި ކޮމޭޑިއަން ޖޮނީ ލީވާއާ އެކު އިންޓަވިއު ކުރަމުން އޭނާ ފުރަތަމަ އަދާކުރި ވަޒީފާގެ ވާހަކަތައް ހިއްސާ ކޮށްފައިވެ އެވެ.

ޓްވިންކަލް ބުނި ގޮތުގައި އޭނާ ކުޑައިރުއްސުރެ އުޅުނީ ވަރަށް މުއްސަނދި އެހާމެ ވިދާބަބުޅާ ދުނިޔެއެއްގައި ނަމަވެސް އޭނާ ފުރަތަމަ މަސައްކަތްކުރީ މަސް ޑެލިވަރީކޮށްދޭ މީހެއްގެ ވަޒީފާގަ އެވެ.

މި ވަޒީފާގައި އޭނާއަށް ކުރަން ޖެހޭ ކަމަކީ މީހުންގެ ގޭގެއަށް މަހާއި ޕްރޯންސް ފަދަ ތަކެތި ޑެލިވާކުރުން ކަމަށް ޓްވިންކަލް ބުންޏެވެ.

"މަގޭ މާމަގެ ދައްތަގެ މަސް ކުންފުންޏެއް ހިންގި. އެތަނުގައި އަހަރެން އެންމެ ފުރަތަމަ މަސައްކަތް ކުރީ. އަހަރެން މީހުން ކައިރީގައި އެ ވާހަކަ ބުނީމަ އެ މީހުން އަހާނެ 'ތީ މަސްވިއްކާ މީހެއްހޭ'؟ ވެސް،" ޓްވިންކަލް ކިޔައިދިނެވެ.

އުމުރުން 48 އަހަރުގެ ޓްވިންކަލް މި ވާހަކަ ކިޔައިދިނުމުން ޖޮނީ ލީވާ ވެސް ވަނީ އޭނާ ކުޑައިރު އުޅުނު ފަގީރު ދިރިއުޅުމުގެ ވާހަކަތައް ކިޔައިދީފަ އެވެ.

ޖޮނީ ލީވާ ބުނި ގޮތުގައި އޭނާ ކުޑައިރު އުޅުނީ އެންމެ ފަގީރުން އުޅޭ ހިސާބުގަނޑުގައި ކުޑަ ޖިފުޓީއެއްގަ އެވެ. އަދި އާއިލާގެ ބަނޑުފުރާނަ މުއްތިކުރަން އޭރު އޭނާ ޖެހުނު ކޮންމެ މަސައްކަތެއް ކުރި ކަމަށް ޖޮނީ ބުންޏެވެ.

ޓްވިންކަލް ބޮލީވުޑަށް ނުކުތީ ބޮބީ ޑެއޯލްއާ އެކު 1995 ގައި ކުޅުނު "ބަރުސާތު" އިންނެވެ. އޭގެ ފަހުން ގިނަ ފިލްމުތަކެއްގައި ބައިވެރިވަމުން ގޮސް 2001ގައި އަކްޝޭއާ ކައިވެނިކުރުމަށްފަހު އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ފިލްމު ކުޅުމަށް އަލްވަދާއު ކީއެވެ. މިހާރު ޓްވިންކަލް މަސައްކަތް ކުރަމުންދަނީ ލިޔުންތެރިއެއްގެ ގޮތުގަ އެވެ.

އެގޮތުން 2015 ގައި އޭނާ ލިޔުނު ފޮތް "މިސިޒް ފަނީބޯންސް" އާއި 2017 ގައި ލިޔުނު "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދު" އަކީ ގިނަ ބަޔަކަށް ވަރަށް މަގްބޫލުވި ފޮތް ތަކެކެވެ. އަދި މިހާރު ވެސް އޭނާ ގެންދަނީ "ޕިޖާމާސް އާ ފޮގިވިން" ކިޔާ ފޮތެއް ލިޔަމުންނެވެ.