ބޮލީވުޑް

އަކްޝޭގެ "ސެލްފީ" ރިލީޒްކުރުމާއެކު ފްލޮޕް

އަކްޝޭ ކުމާޜުގެ ފިލްމުތަކުގެ ތެރެއިން 2022ގައި ރިލީޒް ކުރި "ރާމް ސެތޫ"، "ރަކްޝާ ބަންދަން"، "ސަމްރަތު ޕްރިތުވިރާޖް" އަދި "ބައްޗަން ޕާންޑޭ" ފްލޮޕް ވިޔަސް އެ ފިލްމުތަކުގެ ފެށުން ދިޔައީ ތަންކޮޅެއް ރަނގަޅަށެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އޭނާގެ "ސެލްފީ"ގެ ފެށުން ވެސް ފީކަޅާކަމުން ފިލްމު ފްލޮޕްވާނެކަން މިހާރު ވަނީ މުޅިން ޔަގީންވެފަ އެވެ.

މީގެ ކުރީ ހަފުތާގައި ރިލީޒްކުރި ކާރްތިކް އާރްޔަންގެ "ޝެހެޒާދާ" ފްލޮޕްވެފައިވާއިރު ރިލީޒް ކުރި ދުވަހު އެ ފިލްމަށް ހަ ކްރޯޑު ލިބިފައި ވެއެވެ. ނަމަވެސް އަކްޝޭގެ ފިލްމަށް އެވަރު ވެސް ނުވި އެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ބުނި ގޮތުގައި އިމްރާން ހާޝިމީ ވެސް ބައިވެރިވާ "ސެލްފީ" އަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 2.25 ކްރޯޑެވެ. މިއީ ފިލްމީ ވިޔަފާރި ދިރާސާކުރާ ތަޖުރިބާކާރުން ކުރިން ހީކޮށްފައިވާ ވަރަށް ވުރެވެސް މާދަށް އަދަދެކެވެ.

"ސެލްފީ" އަކީ މެލަޔާލަމް ފިލްމެއް ކަމަށްވާ "ޑްރައިވިން ލައިސަންސް"ގެ ރިމޭކެކެވެ.

މީގެ މެލަޔާލަމް ފިލްމު ހިޓް ވިޔަސް ހިންދީ ފިލްމަށް އެ ވަރުގެ ކާމިޔާބެއް ނުލިބޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

"ސެލްފީ" ގޮތަށް "ޝެހެޒާދާ" އަކީ ވެސް ތެލުގޫ ފިލްމެއްގެ ރިމޭކެވެ. ޓްރޭޑް އެނަލިސްޓް ބުނި ގޮތުގައި މި ދެ ފިލްމަށް ވެސް ދިމާވީ ދާދި އެއްގޮތެކެވެ. އެހެން ފިލްމެއްގެ ކޮޕީއެއް އުފައްދާއިރު ފަރުވާ ބަހައްޓަންޖެހޭ މިންވަރަށް ފަރުވާ ނުބެހެއްޓި އެ ފިލްމަށް ވުރެ ކޮލިޓީ ދަށްވުމެވެ. އެހެން ބަހަކުން އުފެއްދިޔަސް މިޒަމާނުގައި ކާމިޔާބު ފިލްމެއްނަމަ ގިނަ ބަޔަކު އޮންނާނީ ބަލާފަ އެވެ. އެހެން އޮއްވާ އޭގެ ހިންދީ ވާޝަނެއް އެއަށް ވުރެ ފެންވަރު ދަށްކޮށް އުފައްދައިފިނަމަ އެ ބަލަން ދާނެ ބަޔަކު ނުވާނެކަމަށް އޭނާ ފާހަގަކުރި އެވެ.