ބޮލީވުޑް

ކަރީނާ އާއި އާމިރު: ޒަމާންވީ ދެ އެކުވެރިން

ކަރަން ޖޯހަރްގެ މަޝްހޫރު ޗެޓް ޝޯ "ކޮފީ ވިތު ކަރަން"ގެ އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ބައިވެރިވީ "ލާލް ސިންގް ޗައްޑާ"ގެ ލީޑް އެކްޓަރުން ކަމަށްވާ އާމިރު ޚާނާއި ކަރީނާ ކަޕޫރެވެ.

މި ދެ ތަރިންނަކީ މީގެ 16 އަހަރު ކުރިން ފެށިގެން ވެސް ވަރަށް ގާތް ދެ އެކުވެރިން ކަމަށްވާތީ ޝޯގައި ބައިވެރިވެ ދެ މީހުން ވަނީ ވަރަށް މަޖާ ނަގާފަ އެވެ .

ކަރީނާ އާއި ކަރަން އަކީ ޖޯކު ޖެހުމަށް އެފަދަ ދެވަނައެއް ނެތް ބަޔަކަށްވާތީ މި ޝޯގައި ދެ މީހުން ވެސް އާމިރު ޚާނާ ވަރަށް ދިމާކުރި އެވެ.

ކަރީނާ އަކީ ފިލްމު އިންޑަސްޓްރީގައި ހިނގާ ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެގޭ "ގޮސިޕް ކުއީން"ގެ ނަމުން މަޝްހޫރުވެފައިވާ ބަތަލާ އެކެވެ. ނަމަވެސް އާމިރު ބުނި ގޮތުގައި އޭނާއަކަށް އެކަމެއް ނޭނގެ އެވެ. އެހެންވެ އާމިރު އަކީ ވަރަށް ފޫހި މީހެއް ކަމަށް ކަރީނާ ބުންޏެވެ.

އާމިރު ކިޔައިދިން ގޮތުގައި ފުރަތަމަ "ފޮރެސްޓް ގަމްޕް" ރިމޭކްގެ ސްކްރީން ޕްލޭ ލިބުނީ "ޖާނޭ ތޫ ޔާ ޖާނެ ނާ"ގެ ޕްރެމިއާ ރޭގައި ކަމަށާއި އެ ސްކްރިޕްޓް ބަލާ ނުލައި ދެ އަހަރެއްހާ ދުވަސް ބޭއްވި ކަމަށެވެ. ސަބަބަކީ "ފޮރެސް ގަމްޕް" ވަރުގެ ފިލްމެއް ހިންދީ ބަހުން ހަދާނެ ގޮތެއް އޭނާގެ ވިސްނުމަށް ނައިސްގެން ކަމަށްވެސް އާމިރު ބުންޏެވެ.

ނަމަވެސް ސްކްރިޕްޓް ކިޔާލުމުން ފިލްމު އުފެއްދުމުގެ ޝައުގުވެރިކަން އުފެދުނު ކަމަށާއި އެ ފިލްމުގެ ރައިޓްސް ގަތުމަށް އަށް އަހަރު ދުވަހުގެ ދިގު އިންތިޒާރެއް ކުރަން ޖެހުނު ކަމަށްވެސް އޭނާ ބުންޏެވެ.

ކަރީނާ ބުނި ގޮތުގައި އޭނާގެ 22 އަހަރުވީ ފިލްމީ ކެރިއަރުގައި "ލާލް ސިންގް ޗައްޑާ"އަށް ނޫނީ އޮޑިޝަނެއް ނުދެ އެވެ.

"ލާލް ސިންގް ޗައްޑާ" ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.