ސަނީ ޑެއޯލް އާއި އަމީޝާ ޕަޓޭލް މީގެ 20 އަހަރު ކުރިން ކުޅުނު "ގަދަރް އޭކް ޕްރޭމް ކަތާ" އަކީ އެންމެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މިއީ އިންޑީއާ އާއި ޕާކިސްތާނު ދެ ގައުމަކަށް ހެދި ދުވަސްވަރުގެ ލޯބީގެ ވާހަކަ އެކެވެ.
މި ވާހަކައިގެ އަސަރުގަދަކަމުން ފިލްމު ބެލި މީހުންގެ ހަނދާނުން މި ފިލްމު ފިލައިގެނެއް ނުދެ އެވެ. އެހެންވެ ފިލްމުގެ ސީކުއަލް އެއް "ގަދަރް 2"ގެ ނަމުގައި އުފައްދާކަން އިއުލާން ކުރުމާއެކު ފޭނުން ވަނީ އުފާވެފަ އެވެ.
"ގަދަރް އޭކް ޕްރޭމް ކަތާ"އަކީ ތާރާ އާއި ސަކީނާގެ ލޯބީގެ ދަތުރެވެ. ސަނީ އާއި އަމީޝާ މި ކެރެކްޓާތަކަށް ވަރަށް ފުރިހަމައަށް އިންސާފުކޮށްދީފައި ވެއެވެ.
"ގަދަރް 2" ފަށާނީ ސަކީނާ އާއި ތާރާ ދަތުރު ފުރަތަމަ ބައިގައި ނިމުނު ހިސާބުންނެވެ. މި ބައިގައި ލީޑް ރޯލް އަދާކުރާނީ ފުރަތަމަ ބައިގައި ސަކީނާ އާއި ތާރާގެ ކުޑަ ފިރިހެން ދަރިފުޅު ޗަރަންޖީތުގެ ރޯލު ކުޅުނު އުޓްކަރްޝް ޝަރުމާ އެވެ. ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި "ގަދަރް އޭކް ޕްރޭމް ކަތާ"ގައި އުޓްކަރްޝް ވަނީ ވަރަށް މޮޅަށް އެކްޓްކޮށް ބެލުންތެރިންގެ ހިތް އަތުލާފަ އެވެ. އޭނާގެ މައުސޫމްކަމާއި މޮޅުކަން އެންމެންވެސް ވަރަށް ފާހަގަކޮށްފައި ވެއެވެ.
އުޓްކަރްޝް ޒުވާން ވުމަށްފަހު 2018 ގައި "ޖީނިއަސް ކިޔާ ފިލްމަކުން ބޮލީވުޑަށް ތައާރަފްވެފައި ވެއެވެ. ނަމަވެސް އޭނާ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންދަނީ "ގަދަރް 2" އަށެވެ. ފުރަތަމަ ފިލްމުގައި އޭނާ ކުޅުނު ކެރެކްޓާ ބޮޑުވެގެން ވެސް ކުޅެން ލިބޭތީ އެވެ.
"ގަދަރް" ޑައިރެކްޓްކުރީ އަނިލް ޝަރުމާ އެވެ. އަދި "ގަދަރް 2"ވެސް ޑައިރެކްޓްކުރާނީ އަނިލް އެވެ. ފިލްމުގައި ސަނީ އާއި އަމީޝާ ވެސް ބައިވެރިވެ އެވެ. ނަމަވެސް އެންމެ މުހިއްމު ރޯލެއް "ގަދަރް 2"ގައި ކުޅޭނީ އުޓްކަރްޝް އެވެ.
މިހާރު މި ފިލްމުގެ ޝޫޓިން ފަށައިގެން ކުރިއަށްދާއިރު ވަރަށް އަވަހަށް ރިލީޒްކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.