ބޮލީވުޑް

ރީނާ ރޯއީ އާ ކައިވެނިކުރެވުނީތީ ކުރީގެ ފިރިމީހާ މުހްސިން ހިތާމަކުރޭތަ؟

ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގައި ހިމެނުނު މުހްސިން ޚާން އާއި ރީނާ ރޯއީ ކައިވެނިކުރީ 1983 ވަނަ އަހަރު އެވެ. އޭރު ރީނާ އަކީ ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަޖަހާ އެއް ބަތަލާ އެވެ. އޭނާގެ ރީތިކަމާއި ފަރިކަމުގެ ވާހަކަ މުޅި އިންޑިއާގައި އެ ދުވަސްވަރު ވަރަށް މަޝްހޫރެވެ.

ދާދިފަހުން ޕާކިސްތާނު ނޫހަކަށް ދިން އިންޓަވިއު އެއްގައި މުހްސިން ވަނީ އޭނާ އާއި ރީނާގެ ކައިވެނީގެ ވާހަކަތައް ހިއްސާ ކޮށްފަ އެވެ.

މުހްސިން ބުނި ގޮތުގައި ކައިވެނީގެ ކުރިން އޭނާ ރީނާގެ އެއްވެސް ފިލްމެއް ބަލާފައެއް ނުވެ އެވެ. އަދި ރީނާގެ ރީތިކަމުން އެއް އިރެއްގައި ވެސް އޭނާއަކަށް މާ ބޮޑު އަސަރެއް ނުކުރެ އެވެ. ސަބަބަކީ އޭނާ އަބަދުވެސް ބަލަނީ މީހުންގެ އުޅުމާއި އަހުލާގަށް ކަމަށް ވާތީ އެވެ.

މުހްސިން އާއި ރީނާ 1983ގައި ކައިވެނިކޮށް މި ކައިވެނި ދެމިއޮތީ އަށެއްކަ އަހަރު އެވެ. 1990ގެ އަހަރުތަކުގައި ދެ މީހުން ވަނީ ވަރިވެފަ އެވެ. އޭރު އެ ދެ މީހުންނަށް ސަނަމް ނަމަކަށް ކިޔާ އަންހެން ދަރިއަކު ލިބިފައި ވެއެވެ. ވަރިއަށް ފަހު ސަނަމްގެ ކަސްޓަޑީ ކޯޓުން ދިނީ މުހްސިން އަށެވެ.

ނަމަވެސް ދުވަސްކޮޅެއް ފަހުން މުހްސިން ދެ ވަނަ ކައިވެންޏެއް ކުރުމުން ރީނާ އަށް ދަރިފުޅު ލިބުނީ އެވެ. މިހާރު މުހްސިން ކަރާޗީގައި ދެ ވަނަ އަށް ކައިވެނި ކުރި މީހާ އާއެކު އުޅެމުންދާއިރު ރީނާ އުޅެނީ ދަރިފުޅާއެކު އިންޑިއާގައެވެ.

ރީނާ އާ ގުޅޭ ގޮތުން ވާޙަކަ ދައްކަމުން މުހްސިން ބުނީ ރީނާ އާ ކައިވެނި ކުރެވުނީތީ ހިތާމަ ނުކުރާ ކަމަށެވެ. އޭނާ ކައިވެނިކުރީ ރީތި ބަތަލާއަކާ ނޫން ކަމަށާއި ރަނގަޅު އިންސާނަކާ ކަމަށް މުހްސިން ބުންޏެވެ. މުހްސިން އާއި ކައިވެނިކޮށްގެން ރީނާ ޕާކިސްތާނުގައި އެތައް އަހަރަކު ދިރިއުޅެފައި ވެއެވެ. ނަމަވެސް މުހްސިން އާއިލާ އާއެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭ ގޮތެއް ރީނާ އަކަށް ނުވި އެވެ. އެހެންވެ މުހްސިން ކައިރިން ވަރިވެގެން އިންޑިއާ އަށް ދިޔައީ އެވެ.

ހިންދީ ފިލްމު ނުބަލަޔޭ މުހްސިން ބުންޏަކަސް ރީނާ އާ ކައިވެނިކުރުމަށްފަހު ބައެއް ހިންދީ ފިލްމުތަކުގައި އޭނާ ލީޑް ރޯލު ކުޅެފައި ވެއެވެ. އެގޮތުން އޭނާ ބޮލީވުޑަށް ތައަރަފްވީ 1989ގައި ޑައިރެކްޓަރު ޖޭޕީ ދައްތާ އުފެއްދި "ބާޓްވާރާ" އިންނެވެ. އޭގެ ފަހުން "ފަތެހް"، "ގުނެހްގާރް ކޯން"، "ޕްރަތިކާރް"، "ސާތީ" (1991)، "ލާޓް ސާހަބް" (1992)، "މެޑަމް އެކްސް" (1994) އަދި 1997ގައި "މަހާންތާ" ކުޅުނެވެ.

ރީނާ ބޮލީވުޑަށް ތައާރަފްވީ 1972 ވަނަ އަހަރު ރިލީޒްކުރި "ޒަރޫރަތު" އިންނެވެ. އޭރު އޭނާގެ އުމުރުން އެންމެ 15 އަހަރެވެ. ރީނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 1973ގައި ރިލީޒްކުރި "ޖެއިސޭ ކޯ ތައިސާ"، "ޒަޚްމީ" (1975)، "ކާލީޗަރަން" އާއި "ނާގިން" (1976) ހިމެނެ އެވެ.

އަދި 1979 ގައި ކުޅުނު "ޖާނީ ދުޝްމަން" އާއި 1980ގައި ކުޅުނު "އާޝާ" އާއި 1983 ގައި ކުޅުނު "އަރްޕަން"އަކީ ރީނާގެ އެންމެ ރީތި ފިލްމުތަކުގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ ފިލްމުތަކެވެ.

ރީނާ އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ 2000 ގައި ޖޭޕީ ދައްތާ އުފެއްދި "ރެފިއުޖީ" އިންނެވެ.