ބޮލީވުޑް

"72 ހޫރައިން" އަނެއްކާވެސް ހަރުކަށި މުސްލިމުންގެ ފިލްމެއް

"ދަ ތަޝްކަންޓް ފައިލްސް"، "ދަ ކަޝްމީރު ފައިލްސް" އަދި "ދަ ކެރެލާ ސްޓޯރީ" އަށް ފަހު އަނެއްކާވެސް ހަރުކަށި މުސްލިމުންގެ ވާހަކަތަކެއް ދައްކާ ފިލްމެއް ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.

"72 ހޫރައިން" ނަމަކަށް ކިޔާ މި ފިލްމުގެ ޑައިރެކްޓަރަކީ ދެ ފަހަރަށް ނެޝަނަލް އެވޯޑު ހޯދާފައިވާ ސަންޖޭ ޕޫރަން ސިންގް ޗައުހާން އެވެ. "72 ހޫރައިން"ގެ މާނައަކީ 72 ހޫރަލްއީނުންނެވެ.

ޖުލައި 7 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ފުރަތަމަ އިޝްތިހާރު އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ރިލީޒްކޮށްފަ އެވެ.

އިޝްތިހާރުގައި ބުނާ ގޮތުން މި ފިލްމަކީ ހަރުކަށި ބަޔަކު ޒުވާނުންތަކެއްގެ ސިކުނޑި ދޮވެލައިގެން އަމިއްލައަށް ގައިގައި ބޮން ހަރުކޮށްގެން ގޮއްވާލަން ހިތްވަރުދޭ ހާދިސާތަކެއް ދައްކާ ފިލްމެކެވެ.

"ކަލޭ ތި ޚިޔާރުކުރި ޖިހާދުގެ މަގުން ލާފައި ސީދާ ސުވަރުގެއަށް ދެވޭނެ. އެތަނުން އަބަދަށްޓަކައި ކަލެޔަށް 72 ހޫރަލްއީނުން ލިބޭނެ،" މި ފިލްމުގެ ފުރަތަމަ އިޝްތިހާރުގެ ވޮއިސްއޯވާގައި ބުނެ އެވެ.

އުސާމާ ބިން ލާދިން އާއި އަޖްމަލް ކަސަބް ފަދަ ދުނިޔެއަށް މަޝްހޫރު ހަރުކަށި ފިކުރުގެ މީހުންގެ ފޮޓޯތައްވެސް މި އިޝްތިހާރުގައި ދައްކާފައި ވެއެވެ.

މި ފިލްމާ ގުޅޭ ބައެއް މައުލޫމާތު ޑައިރެކްޓަރު ވަނީ ބަޔާނެއްގެ ގޮތުގައި ރިލީޒްކޮށްފަ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި މިއީ އާދައިގެ މީހުންގެ ސިކުނޑިއަށް ލަސްލަހުން ވިހަ ފޮނުވައިގެން އެ މީހުން ސުއިސައިޑް ބޮމާ (ގައިގައި ބޮން ހަރުކޮށްގެން ގޮސް އަމިއްލައަށް ހަށިގަނޑު ގޮއްވާލާ) މީހުންނަށް ވާ ގޮތް ދައްކުވައިދޭ ފިލްމެއް ކަމަށެވެ.

ހަތްދިހަ ހަތް ހޫރަލްއީނުން ލިބޭނެ ކަމަށް ބުނެ އެމީހުންގެ ސިކުނޑި ދޮވެލައި އާއިލާތަކާ ވަކިކޮށް އަމިއްލައަށް މަރުވާން މަޖްބޫރުވަނީ ބައެއް ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަތަކުން ކަމަށް ޑައިރެކްޓަރު ބުނެފައި ވެއެވެ.

މިފަދަ ގޮތްގޮތަށް ކަންކުރަން ވިސްނާ މީހުންނަށް މި ފިލްމު ބަލާފައި ރަނގަޅު މަގަށް އެނބުރި ރުޖޫއަވާން އެހީތެރިކަން ލިބޭނެ ކަމަށްވެސް ޑައިރެކްޓަރު ބުނެފައި ވެއެވެ. އަދި ޖިހާދުގެ ނަމުގައި ޓެރަރިސްޓުންނަށް ވަމުންދާ މީހުންގެ ވާހަކަތައް މި ފިލްމުގައި ވަރަށް ރަނގަޅަށް ގެނެސްދީފައިވާނެ ކަމަށާއި މިއީ މުސްލިމުންނާ ދެކޮޅު ފިލްމެއް ނޫން ކަމަށްވެސް ޑައިރެކްޓަރު ބުނެފައި ވެއެވެ.