މޭ 5 ވަނަ ދުވަހު ރިލީޒްކުރި "ދަ ކެރެލާ ސްޓޯރީ"ގެ ޚަބަރުތައް ކިޔާފައި ހަނދާނަށް އައީ މީގެ ހައެއްކަ އަހަރު ކުރިން ހިނގާފައިވާ މިފަދަ ހާދިސާ އެކެވެ. ޝާފިން ޖަހާން ކިޔާ ޒުވާން ފިރިހެނަކާއި އަޝޯކަން ކޭއެމް ކިޔާ މީހެއްގެ މެދުގައި ހިނގި ވަރުގަދަ އަރާރުމެއްގެ ވާހަކަ އެވެ. މި ވާހަކަ މަޝްހޫރުވެފައިވަނީ "ހަދިޔާގެ ވާހަކަ"އިގެ ނަމުންނެވެ.
ހަދިޔާ އަކީ ކެރެލާގައި ދިރިއުޅޭ ހިންދޫއެއް ކަމަށްވާ އަޝޯކަންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އިސްލާމް ވުމުގެ ކުރިން ހަދިޔާގެ ނަމަކީ އަކީލާ އެވެ. ހަދިޔާއަކީ އިސްލާމުވުމަށްފަހު އޭނާއަށް ކިޔާފައިވާ ނަމެވެ.
މި މައްސަލަ ފެންމަތިވީއިރު ހަދިޔާއަކީ ހޯމިއޯޕެތިކް މެޑިކަލް ސްޓޫޑަންޓެކެވެ. އެއީ 2017 ވަނަ އަހަރެވެ. އޭނާ ކިޔަވަން ހުރީ ކެރެލާގެ އެހެން ރަށެއްގަ އެވެ. އޭނާ ރޫމް ޝެއާ ކުރަމުންދިޔައީ މުސްލިމް ދެ އަންހެން ކުދިންނާ އެވެ. އެ ކުދިން ނަމާދުކޮށް އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅޭތަން ފެނިފައި ހަދިޔާ އިސްލާމް ދީނަށް ޝައުގުވެރިވެ ދީން ދަސްކޮށް އިސްލާމްވީ އެވެ. އަދި ޝާފިން ޖަހާން ކިޔާ މުސްލިމް ފިރިހެނަކާ ކައިވެނި ކުރީ އެވެ. ހަދިޔާ އުޅުނީ އޭނާ އިސްލާމްވި ކަމާއި މުސްލިމަކާ ކައިވެނިކުރިކަން މައިންބަފައިންނާއި އާއިލާ އަށް ސިއްރުކޮށްގެންނެވެ.
ހަދިޔާގެ ބައްޕައަކީ ހިންދޫ ހަރުކަށި މީހެކެވެ. އޭނާއަށް ހަދިޔާ އިސްލާމްވީ ހަބަރު ލިބުމާއެކު އައި ރުޅިން ވަގުތުން އޭނާ އަނބުރާ ރަށަށް ގެންދަން އުޅުނެވެ. ނަމަވެސް އޭރު އޭނާ ޝާފިންއާ ކައިވެނިކޮށްގެން ހުރުމުން ގެންދެވޭ ގޮތް ނުވެގެން ހައި ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ހަދިޔާގެ ބައްޕަ ބުނެފައިވަނީ ޝާފިން ގަދަކަމުން ހަދިޔާ އިސްލާމް ދީނަށް ވައްދައި ސިކުނޑި ދޮވެލައިގެން އޭނާއާ ކައިވެނިކޮށްފައިވާ ކަމަށާއި ކައިވެނި ބާތިލްކޮށްދިނުން އެދޭ ކަމަށެވެ.
ކޯޓުގައި ހަދިޔާ، އޭނާގެ ބައްޕައާ ދެކޮޅަށް ވަރަށް ގަދަޔަށް ވަކާލާތުކުރި އެވެ. ނަމަވެސް 2018 ވަނަ އަހަރު މި މައްސަލަ ނިމުނީ ހަދިޔާގެ ބައްޕަ އެދުނު ގޮތަށެވެ. އަދި ހައި ކޯޓުން ޝާފިން އާއި ހަދިޔާގެ ކައިވެނި ބާތިލްކުރި އެވެ. އެހިސާބުން ދެމަފިރިން ވަކިވާން މަޖުބޫރުވި އެވެ.
ހަދިޔާގެ ބައްޕަ އޭނާ ގަދަކަމުން ގެންގޮސް ގޭގެ ކޮޓަރިއަކަށް ލާ ރައްކާކޮށްގެން އެއްވެސް މީހަކާ ބައްދަލުކުރިޔަ ނުދީ ގެންގުޅުނެވެ.
ހައި ކޯޓުން ނިންމި ނިންމުން ޝާފިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އަދި ސުޕްރީމް ކޯޓުން މައްސަލަ ބަލައި ޝާފިން އާއި ހަދިޔާއާ އެއްކޮޅަށް މައްސަލަ ނިންމައި ދެ މީހުންގެ ކައިވެނި ބާތިލް ނުވާ ކަމަށްވެސް 2019ގައި ނިންމާފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ހަދިޔާ އަށް އޭނާ ބޭނުން ދީނެއް ޚިޔާރުކުރުމުގެ ހައްގާއި ބޭނުންވާ މީހަކާ ކައިވެނިކުރުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.
މިހާރު ހަދިޔާ އާއި ޝާފިން ދިރިއުޅެމުން ދަނީ ހަދިޔާ ކިޔަވަން ހުރި ކޮއްޓަކަލްގެ މަލައްޕުރަމްގަ އެވެ. ހަދިޔާ ކިޔަވާ ނިމި މިހާރު ހޯމިއޯޕެތިކް ފިޒީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައި ވެއެވެ.
ހަދިޔާގެ ބައްޕަ އަޝޯކަން އަދިވެސް ހުރީ ދޫދޭގޮތަކަށް ނޫނެވެ. އޭނާ ވަރަށް ފަހުން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ޝާފިންއާ އެއްކޮޅަށް މައްސަލަ ނިމުނުތާ މާގިނަ ދުވަހެއް ނުވެ ހަދިޔާ ދޫކޮށްލާފައި ޝާފިން ހިނގައްޖެ ކަމަށެވެ. އަދި މިހާރު ހަދިޔާގެ ކޮންޓްރޯލް އޮންނަނީ އާބިދުލް ކިޔާ މުސްލިމް އެކްޓިވިސްޓަކަށް ކަމަށެވެ. އަދި ހަދިޔާގެ ބައްޕަ އޭނާއާ ބައްދަލުކޮށްލަން ދިޔަސް ދެމީހުން ވަކިން ވާހަކަ ދައްކާލާނެ ފުރުސަތު ވެސް އާބިދުލް ނުދޭ ކަމަށެވެ.
ނަމަވެސް ކެރެލާގެ ނޫހަކުން ބުނެފައިވާ ގޮތުގައި ހަދިޔާ އާއި ޝާފިން ވަރަށް އުފާވެރި ދިރިއުޅުމެއް އެކުގައި އުޅެމުންދާ ކަމަށާއި ހަދިޔާގެ ބައްޕަ ދައްކާފައިވާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.
"ދަ ކެރެލާ ސްޓޯރީ"ގައި ދައްކާފައިވާ ގިނަ ވާހަކަތަކަކީ ވެސް ހަގީގަތާ ގުޅުން ހުރި ވާހަކަތަކެއް ނޫން ކަމަށާއި މިއީ މުސްލިމުންނާ ދެކޮޅު ޕްރޮޕަގެންޑާއެއް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ފިލްމާ ދެކޮޅަށް އަޑު އުފުލަމުން ދެއެވެ. އަދި ވެސްޓް ބެންގާލް ފަދަ ބައެއް ސްޓޭޓުތަކުގައި ފިލްމު ދެއްކުން މަނާ ކޮށްފައިވެ އެވެ.