ބޮލީވުޑް

ދަ ކެރަލާ ސްޓޯރީ: މުސްލިމުންނާ ދެކޮޅު ފިލްމެއް؟

"ދަ ކަޝްމީރު ފައިލްސް" އަށް ފަހު އަނެއްކާވެސް މުސްލިމުންނާ ދެކޮޅު ފިލްމެއް އިންޑިއާގައި އުފައްދައި ރިލީޒްކޮށްފި އެވެ.

"ދަ ކެރެލާ ސްޓޯރީ" ކިޔާ މި ފިލްމުގައި ދައްކަނީ އިންޑިއާގެ ކެރެލާގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ޒުވާން ތިން އަންހެނެއްގެ ވާހަކަ އެވެ.

މި ފިލްމުގައި ބުނާ ގޮތުން ނަމަ ބަޔަކު އެ ތިން އަންހެނުންގެ ސިކުނޑި ދޮވެލައި އިސްލާމް ދީނަށް ވައްދައި އެމީހުންގެ ދިރިއުޅުން ހަލާކުކޮށްލަނީ އެވެ. ފިލްމުގެ ތިން މިނެޓްގެ ޓްރެއިލާ ބަލާލުމުން ދޭހަވަނީ މިކަހަލަ އެއްޗެކެވެ.

މި ޓްރެއިލާގައި ކެރެލާއަށް ނިސްބަތްވާ ހިންދޫ ދީނުގެ ތިން އަންހެނަކު ތައާރަފްކޮށްދެ އެވެ. މި ތިން މީހުންގެ "ސިކުނޑި ދޮވެލަނީ" އެމީހުންގެ ރޫމް މޭޓުން ގޮތުގައި ތިބި މުސްލިމުން އަންހެނުން ތަކެއް ކަމަށް ޓްރެއިލާގައި ބުނެ އެވެ. އަދި މި މީހުން ފަހުން އިސްލާމިކް ސްޓޭޓް (އައިއެސް)އާ ބައިވެރިވެ ހަނގުރާމަ ކުރަން ދިޔަ ކަމަށް ފިލްމުގައި ދައްކަ އެވެ.

ސުޑިޕްޓޯ ސެން އުފައްދާފައިވާ "ދަ ކެރެލާ ސްޓޯރީ"ގައި ދައްކަނީ ހަގީގަތް ކަމަށް އިންޑިއާގެ ސިޔާސީ މީހުންގެ ތެރޭގައި ހިމެނޭ ހިންދޫންނާއި އާއްމު ހިންދޫންގެ ގިނަ ބަޔަކު ގަބޫލު ކުރާއިރު މުސްލިމުންނާއި އަދި ބައެއް ސިޔާސީ މީހުން ބުނަނީ މިއީ މުސްލިމުންގެ އަގުވައްޓާލަން ފަތުރާ ޕްރޮޕަގެންޑާއެއް ކަމަށެވެ.

މި ފިލްމަށް ކްރިޓިކްސް އާއި ސްޓޭޓް ސަރުކާރުންނާއި މީޑީއާ އިން އަދި ސޯޝަލް މީޑީއާގައިވެސް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.

ވިޕުލް އަމްރުތުލާލް ޝާހް ޕްރޮޑީއުސްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ އަދާ ޝަރުމާ އާއި ޔޮގީތާ ބިހާނީ އާއި ސޯނިއާ ބަލާނީ އަދި ސިއްދީ އިދްނާނީ އެވެ.

ކޮންގްރެސް އެމްޕީ ޝަޝީ ތަރޫރު ވެސް ވަނީ ސެންގެ "ދަ ކެރެލާ ސްޓޯރީ" އާ ވަރަށް ހިތްހަމަނުޖެހި އެ ފިލްމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ނަމަވެސް ތަރޫރު ވަރަށް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ކެރެލާގެ ހަތަރު އަންހެނެއްގެ މަންމައިން އޭނާއާ ބައްދަލުކޮށް އެމީހުންގެ ދަރިންނަށް މިފަދަ ގޮތަކަށް ކަންތައްތައް ދިމާވެފައިވާ ކަމަށް ބުނި ކަމަށް ބުނެފައި ވެއެވެ.

"ދަ ކެރެލާ ސްޓޯރީ"ގައި ވެސް ދައްކަނީ އޭނާ ކުރިން ވިދާޅުވި ފަދަ ހާދިސާތަކަކަށް ވާއިރު މިހާރު މި ފިލްމާ ދެކޮޅު ވަނީ ކީއްވެތޯ ނޫސްވެރިއަކު ތަރޫރުއާ ސުވާލު ކުރި އެވެ.

ޖަވާބުގައި ތަރޫރު ވިދާޅުވީ ހަތަރު މީހަކަށް މިގޮތަށް ދިމާވެފައިވާކަމުގެ މައުލޫމާތު އޭނާއަށް ލިބިފައި ވިޔަސް ފިލްމުގައި ބުނަނީ ކެރެލާގެ ޒުވާން އަންހެނުންގެ ތެރެއިން 32،000 މީހަކަށް މިފަދަ ކަންކަމާ ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް މިއީ ހަގީގަތާ ދިމާ އިދިކޮޅު ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެން 2021ގައި ކުރި ޓުވީޓެއްގައި ޒުވާން ތިން އަންހެނެއްގެ މަންމައިން އަހަންނާ ބައްދަލުކޮށް އެމީހުންގެ ދަރިންނަށް މިފަދަ ކަންކަން ދިމާވެގެން އުޅޭ ވާހަކަ ކިޔައިދިން ވާހަކަ ލިޔެފައިވާނެ. މިހާރު އެ ޓުވީޓް އަލުން ދައުރުކުރަމުން ދަނީ. ދަ ކެރެލާ ސްޓޯރީއަށް އަހަރެން ވެސް ތާއީދުކުރާ ކަމަށް ހަދައިގެން. ހަގީގަތުގައި ވެސް އޭރު ތިން މަންމައަކު އަހަންނާ ބައްދަލުކުރި. އަދި ހަތަރުވަނަ މީހަކަށް ވެސް މިގޮތަށް ދިމާވިކަން އަހަންނަށް އެނގިފައިވޭ. ނަމަވެސް އޭގެ މާނައަކީ ފިލްމުގައި ބުނާ 32،000 ޒުވާނުންގެ ވާހަކައަކީ ހަގީގަތެކޭ ނޫން. މިހާ ގިނަ އިސްލާމިކް ސްޓޭޓް މެމްބަރުން ކެރެލާގައި ތިބިނަމަ އޭގެ މާނައަކީ އެމީހުންގެ ފިރިން ލީމަ މި އަދަދު ޑަބަލް ވާނޭ،" ތަރޫރު ވިދާޅުވި އެވެ.

ތަރޫރު އިތުރަށް ވިދާޅުވި ގޮތުގައި ހުޅަނގުގެ އިންޓެލިޖެންސް މައުލޫމާތަށް ބަލާއިރު އިސްލާމިކް ސްޓޭޓްގައި ބައިވެރިވާ އިންޑިއާ މީހުންގެ އަދަދު ހާހަހަށް ވެސް ނާރަ އެވެ. އެހެންވީމަ ފިލްމުގައި ދައްކަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަ ތަކެކެވެ. އެ ފިލްމުގައި ބުނާ މައުލޫމާތުތައް މުޅިން ގޯހެވެ. އޭނާ ފިލްމާ ދެކޮޅީ އެހެންވެ ކަމަށްވެސް ތަރޫރު ވިދާޅުވެފައި ވެއެވެ.

ޔޫޓިއުބުގައި ރިލީޒްކޮށްފައިވާ ފިލްމުގެ ޓްރެއިލާގައި ބުނަނީ "ދަ ކެރެލާ ސްޓޯރީ" އަކީ ކެރެލާގެ 32،000 އަންހެނެއްގެ ވަރަށް އަސަރުގަދަ އެހާމެ ހިތްދަތި ވާހަކަތަކެއް" ކަމަށެވެ. ނަމަވެސް ފާޑުކިޔުންތައް އިންތިހާއަށް އިތުރުވުމުން މިހާރު ޓްރެއިލާއިން 32،000 ކަނޑާލުމަށްފަހު "ފިލްމުގައި ކިޔައިދެނީ ތިން އަންހެނެއްގެ އަސަރުގަދަ އެހާމެ ހިތްދަތި ވާހަކަތަކެއް" ކަމަށް ބަދަލުކޮށްފައި ވެއެވެ.

"ދަ ކެރެލާ ސްޓޯރީ" މިހާރު ވަނީ އިންޑިއާގެ ސިނަމާތަކުގައި ރިލީޒްކޮށްފަ އެވެ. އަދި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ. ރިލީޒްކުރި ދުވަހު އެކަނިވެސް ފިލްމަށް 7.5 ކްރޯޑުގެ ވިޔަފާރި ވެއެވެ. ދެ ވަނަ ދުވަހު 10 ކްރޯޑުގެ ވިޔަފާރި ވެފައި ވެއެވެ.