ބޮލީވުޑް

"ބިގް ބޮސް 16" ކާމިޔާބުކުރި އެމްސީ ސްޓެން އަކީ ކާކު؟

"ބިގް ބޮސް 16"ގެ ފޭނުން ހީކޮށްގެން ތިބީ މިފަހަރުގެ ސީޒަން ކާމިޔާބުކުރާނީ ޕްރިޔަންކާ ޗާހަރް ޗައުދަރީ ކަމަށެވެ. ނަމަވެސް ޕްރިޔަންކާގެ ފޭނުން ރޮއްވާލާފައި މި ސީޒަންގެ ޓްރޮފީ އުފުލާލީ ރެޕާ އެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އެމްސީ ސްޓެން އެވެ.

ޕްރިޔަންކާ އަށް ލިބުނީ ސެކަންޑް ރަނަރަޕް ކަމެވެ. ފަސްޓް ރަނަރަޕް އަކީ ޝިވް ތާކަރޭ އެވެ.

އެމްސީ ސްޓެން އަކީ ޕޫނޭ، މަހަރަޝްތުރަ އަށް ނިސްބަތްވާ މަޝްހޫރު މިއުޒީޝަނެއް އަދި ރެޕް ލަވަކިޔުންތެރިއެކެވެ. އުމުރުން 23 އަހަރުގެ މި ޒުވާނާއަކީ މެދުފަންތީގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އޭނާގެ އަސްލު ނަމަކީ އަލްތާފް ތަދާވީ އެވެ.

އެމްސީ ސްޓެންގެ ނަމަށް އޭނާގެ ނަން ބަދަލުކުރީ ރެޕް ލަވަކިޔުންތެރިއަކާ އޭނާގެ އަސްލު ނަން އެހާ ނުގުޅޭތީ ކޫލް ނަމެއް ކިޔަން ވެގެންނެވެ.

އެމްސީ ސްޓެން ކިޔުނު ގޮތަކީ މަޝްހޫރު ރެޕާ އެމިނެމްގެ ފޭނުން އަމިއްލައަށް އެމީހުންނަށް ކިޔަނީ "ސްޓެންސް" އެވެ. އެމްސީ ސްޓެން އަކީ "މައިކްރޯފޯން ކޮންޓްރޯލާ" އަކަށް ވާތީ އެމްސީ ކުރިޔަށް ލާފައި ސްޓެން ކިޔާފައި ވަނީ އެވެ.

ސްޓެންގެ ފުރަތަމަ އަލްބަމް "ތަޅިޕާރް" ރިލީޒްކުރީ 2020ގައެވެ. އަދި 2022ގައި "ބިގް ބޮސް 16"ގައި ބައިވެރިވެ އެ ގެއަށް ވަނުމުގެ ކުރިން ސްޓެން ވަނީ އޭނާގެ ދެވަނަ އަލްބަމް "އިންސާން" ރިލީޒްކޮށްފަ އެވެ. މި އަލްބަމްގައި 12 ލަވަ ހިމެނެ އެވެ. މަޝްހޫރު ރެޕް ލަވަކިޔުންތެރިއެއް ކަމަށްވާ ރަފްތާރް ވެސް މި އަލްބަމްގެ އެއް ލަވައިގައި ބައިވެރިވެފައި ވެއެވެ.

ސްޓެންގެ ހިޓް ލަވަ ތަކުގެ ތެރޭގައި "އަސްތަގްފިރުﷲ" (2019)، "އޭކް ދިން ޕިޔާރް" (2020)، "ޔެދޭ ކީ ޗާދަރް (2019)، އަދި "ސްނޭކް" (2021) ހިމެނެ އެވެ.

"ބިގް ބޮސް"ގެ ގެއަށް ވަނުމުގެ ކުރިން ސްޓެންއޭ ކިޔައިގެން ތަފާތު ވާހަކަތައް މީޑިއާގައި ދެކެވިފައި ވެއެވެ. މީގެތެރޭގައި އޭނާގެ ލޯބިވެރިޔާ އަދި ރެޕާ އުޒުމާ ޝެޚް އާ ރުޅިވެ އުޒުމާގެ ގޭގެ އެޑްރެސް ސްޓެން ސޯޝަލް މީޑިއާގައި ލީކުކޮށްލި މައްސަލަ އަކާއި އެނޫންވެސް އެ ދެ މީހުންގެ މެދުގައި ޖެހުނު މައްސަލަތަކުގެ ވާހަކަ ހިމެނެ އެވެ.

ސްޓެން އަކީ ވަރަށް ނުފޫޒުގަދަ މީހެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހެކެވެ. ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް އޭނާއަށް "ބިގް ބޮސް" ކާމިޔާބު ކުރެވުނީ ވެސް ނުފޫޒުން ކަމަށް ޕްރިޔަންކާ އާއި އެނޫންވެސް ބައެއް ބައިވެރިންގެ ފޭނުން ގަބޫލު ކުރެ އެވެ.