ބޮލީވުޑް

ބިގް ބޮސް އޯޓީޓީ: އާކަންޝާއަށް އެއްޗެތި ކިޔުމުން ސަލްމާން ހޫނުފެނަށް

މިހާރު ކުރިޔަށްދާ "ބިގް ބޮސް އޯޓީޓީ" އަކީ ހީކުރި ވަރަށް ވުރެ ކާމިޔާބު ރިއަލިޓީ ޝޯއަކަށް ވަނީ ވެފަ އެވެ. ސަބަބަކީ މި ޝޯގެ ބައިވެރިން މިފަހަރު މާ ވަރުގަދަ ގޭމެއް ކުޅެމުންދާތީ އެވެ. އެއީ ހަސަދައާއި ދުޝްމަންކަން އަދި އެކަކު އަނެކަކަށް ލަނޑުދިނުމާއި ރޮމޭންސްކުރުން ވެސް މިފަހަރުގެ ޝޯގެ ބައިވެރިންގެ މެދުގައި ވަރަށް މައްޗަށް އޮތީމަ އެވެ.

ޝޯގެ އެއް ބައިވެރިޔާ ލެބަނަންގެ މޮޑެލް ޖެޑް ހަޑީޑް އާ އަޅައިގަނެގެން މި ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ މަނީޝާ ރާނީ އުޅޭ ގޮތް ވަރަށް މަޖަލެވެ. އަދި އޭނާ ޖެޑް އާ ފްލާޓް ކުރިޔަސް ޖެޑްގެ ހިތް އޮތީ އާކަންޝާ ޕޫރީ އަށެވެ.

ނަމަވެސް 'ވީކްއެންޑް ކާ ވާރް"ގައި ޝޯގެ ހޯސްޓް ސަލްމާން ޚާން ވަނީ އާކަންޝާ އަށް ވަރަށް އެތިވަރު ގޮވާފަ އެވެ. ސަލްމާން ތުހުމަތުކުރާ ގޮތުގައި ބޭބިކާ އާއި ޖާ އޭ ކިޔައިގެން އަކަންޝާ ދައްކަނީ ދޮގު ވާހަކަ ތަކެކެވެ.

ނަމަވެސް އާކަންޝާ ދެކެ ސަލްމާން ރުޅިއައުން ވެފައިވަނީ ޝޯގެ ބެލުންތެރިންގެ ތެރެއިން ގިނަ ބަޔަކަށް އެހާ ހިތްހަމަޖެހޭ ކަމަކަށް ނޫނެވެ. އެހެންވެ ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ސަލްމާނަށް ވަރަށް އެއްޗެތި ގޮވައި އަޑުގަދަ ކޮށްފައި ވެއެވެ.

މި ޝޯގެ ފޭނުން ބުނާ ގޮތުގައި ސަލްމާން އުޅެނީ އޭނާ ވަރެއް ނެތިގެންނެވެ. އަދި އޭނާގެ ރައްޓެހިންނަށް އެއްޗެތި ނުކިޔާ އެހެން މީހުންނާ ދިމާކޮށްލައިގެން އެއްޗެތި ގޮވާ ކަމުގެ ތުހުމަތުވެސް ބެލުންތެރިން ސަލްމާނަށް ކޮށްފައި ވެއެވެ.

"ބިސް ބޮސް އޯޓީޓީ"ގައި ބަތަލާ ޕޫޖާ ބަޓް އާއި ވީޖޭ ސައިރަސް އަދި އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ އަންހެނުން އާލިއާ ސިއްދީގީ ވެސް ބައިވެރިވެ އެވެ. އާލިއާ މި ޝޯގައި ބައިވެރިކުރީ އޭނާ އާއި ނަވާޒްގެ މެދުގައި މައްސަލަޖެހި ދެ މީހުން ވަރިވާން ކޯޓަށް ދިއުމުން އެ ވާހަކަތައް މާ ގިނައިން ނޫސްތަކުގައި ޖަހައި އޭނާ މަޝްހޫރުވެފައި ވާތީ އެވެ.