ބޮލީވުޑް

އިންޑިއަން އައިޑަލް 12 އަކީ ޕަވަންދީޕް ރަނަރަޕް އަށް އަރުނީތާ އާއި ސަޔާލީ

ސޮނީ ޓީވީގެ މަޝްހޫރު ސިންގިން ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަންގެ ގްރޭންޑް ފިނާލޭ ރޭ ބާއްވާފައިވާއިރު ޝޯގެ އެއްވަނަ މިފަހަރު ލިބުނީ ޕަވަންދީޕް ރާޖަން އަށެވެ. ޕަވަންދީޕް އަކީ ޝޯ މީގެ އެތައް މަހެއް ކުރިން ފެށުނީއްސުރެ ވެސް ގިނަ ބައެއްގެ ފޭވަރިޓެވެ.

ބާރަ ގަޑިއިރަށް ދެމިގެންދިޔަ ގްރޭންޑް ފިނާލޭގައި އެއްވަނައަށް ޕަވަންދީޕް ހޮވުނުއިރު ރަނަރަޕުންގެ ގޮތުގައި ހޮވިފައިވަނީ އަރުނީތާ ކާންޖީލާލް އާއި ސަޔާލީ ކަމްބްލޭ އެވެ.

ޕަވަންދީޕަށް ޓްރޮފީއާ އެކު 25 ލައްކަ ރުޕީސް އަދި އެންމެ މިޒަމާނުގެ ކާރެއް ލިބިފައިވެ އެވެ.

ގްރޭންޑް ފިނާލޭގައި ފިލްމީ ތަރިންގެ ތެރެއިން ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ ބައިވެރިވި އެވެ. މި ދެ ތަރިން ބައިވެރިވީ އެމީހުންގެ އަލަށް ރިލީޒްވި ފިލްމު "ޝޭރްޝާހް" ޕްރޮމޯޓްކުރުމަށެވެ.

މި ދެ ތަރިންގެ އިތުރުން ގިނަ އަދަދެއްގެ ލަވަކިޔުންތެރިންނާއި މިއުޒީޝަނުންނާއި އިންޑިއަން އައިޑަލްގެ ކުރީގެ ސީޒަންތައް ކާމިޔާބުކުރި ބައެއް ލަވަކިޔުންތެރިން އަދި މިފަހަރުގެ ސީޒަނުގައި ބައިވެރިވެ ކަޓާފައިވާ ބައިވެރިން ވެސް ލަވަތައް ހުށަހަޅައިދިނެވެ.

ފައިނަލަށް ހަ ބައިވެރިޔަކު ގޮސްފައިވާއިރު އެންމެ މަދު ވޯޓު ލިބިގެން ހަވަނަ އަށް ދިޔައީ ޝަންމުކާޕްރިޔާ އެވެ. ފަސްވަނަ ނިހާލް ޓާރޯ އަށެވެ. އަދި ހަތަރުވަނަ ލިބުނީ މުހައްމަދު ދާނިޝް އަށެވެ.

ޝޯ ފެށުނުއިރު ޖަޖުކަން ކުރި މިއުޒިކް ޑައިރެކްޓަރު ވިޝާލް ދަދްލާނީ ރޭގެ ޝޯއިން ފެނިފައިވެ އެވެ. ވިޝާލް ބުނި ގޮތުގައި މިފަހަރުގެ ޝޯގެ ހުރިހާ ބައިވެރިންގެ ހުނަރާއި ގާބިލްކަމާ މެދު އޭނާ ފަޚުރުވެރިވެ އެވެ.

ޝަންމުކާޕްރިޔާ އަށް ހަވަނަ ލިބުނަސް ޓެލުގޫ ސުޕަސްޓާ ވިޖޭ ދޭވަރަކޮންޑާ ވަނީ ޝަންމުކާ އަށް ސަޕޯޓްކުރާކަން އިއުލާންކޮށްފަ އެވެ. ވިޖޭގެ ވީޑީއޯ މެސެޖުގައި އޭނާގެ ފިލްމަކަށް ލަވައެއް ކިޔުމުގެ ފުރުސަތު ވެސް ޝަންމުކާ އަށް ދީފައިވެ އެވެ.

ގްރޭންޑް ފިނާލޭގެ ޕަވަންދީޕް ހުށަހަޅައިދިން 'ގާފިރާނާ"، "ސައްދާ ހައްގު" އަދި "ހަވާޔޭން"އަކީ ރޭގެ ޝޯގައި ވަކިވަކި ލަވަކިޔުންތެރިން ހުށަހެޅި ޕާފޯމަންސްތަކުން އެންމެ ފާހަގަ ކޮށްލެވުނު ޕާފޯމަންސެވެ. އަދި ޕަވަންދީޕް ވަނީ އޭނާއަށް ލިބުނު ޓްރޮފީ އަކީ ހައްގު އެއްޗެއްކަން ރޭގެ ޝޯގައި ވެސް ސާބިތުކޮށްދީފަ އެވެ.