ބޮލީވުޑް

"ބިގް ބޮސް 15"ގެ ސެޓުގައި އަލިފާން ރޯވެއްޖެ

މަޝްހޫރު ޓީވީ ރިއަލިޓީ ޝޯ "ބިގް ބޮސް 15"ގެ ސެޓުގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ. ސަލްމާން ޚާން ހޯސްޓްކުރި މި ޝޯގެ ގްރޭންޑް ފިނާލޭ ބާއްވާފައިވަނީ ފާއިތުވީ ޖެނުއަރީމަހުގެ 30 ވަނަ ދުވަހު އެވެ.

އިންޑިއާ ޓުޑޭ އިން ބުނެފައިވާ ގޮތުގައި އަލިފާން ނިއްވާ ލޯރީގެ ހަތަރު ލޯރި އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ވެއެވެ.

"ބިގް ބޮސް"ގެ ސެޓު މިފަހަރު ތައްޔާރުކޮށްފައި ވަނީ ޖަންގަލި ތީމަކަށެވެ. އެހެންވެ އެތަނުގައި އަލިފާން ވަރަށް ފަސޭހައިން ހިފާ ކަހަލަ ގިނަ އެއްޗެތި ހުރި ކަމަށް ވެއެވެ.

"ބިގް ބޮސް 15" ކާމިޔާބުކުރީ ތޭޖާސްވީ ޕްރަކާޝް އެވެ. ރަނަރަޕަކަށް ހޮވުނީ ޕްރަތީކް ސެހަޖްޕާލް އެވެ.
"ބިގް ބޮސް"ގެ އާ ސީޒަނެއް ފަށާއިރު ކޮންމެ ފަހަރަކުވެސް މުޅި ތަނުގެ ސެޓްއަޕް ބަދަލުކޮށް އާ ގޮތަކަށް ފަރުމާ ކުރެ އެވެ. ވީމާ މި ސެޓުގައި އަލިފާން ރޯވިޔަސް ޝޯގެ ޕްރޮޑިއުސަރުންނަށް މާ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ނުބެލެވެ އެވެ.