އިރާގުގެ ނައިނަވާ ސިޓީގައި އޮތް ކައިވެނި ހަފުލާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 113 މީހުން މަރުވެއްޖެ އެވެ.
މީގެ އިތުރުން 150 އަށް ވުރެ ގިނަ މީހުން ފިހި ފަރުވާދިނުމަށް ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
އަލިފާން ހިނގަން މެދުވެރިވި ސަބަބަކީ، ކައިވެނި ހަފްލާ ފަޅުފިލުވަން ބާއްވަން އޮތް ބަޑިބޭހުގެ ކުޅިވަރުތައް ކަމަށް ވެއެވެ.
ބަޑިބޭހުގެ ކުޅިވަރު ފަށަން އޮތް ވަގުތު ޖެހުމުގެ ކުރިން ހިނގި އެކްސިޑެންޓެއްގައި -- ބަޑިބޭހުގައި ރޯވެ ކަނިތައް ބުރައިގެން ގޮސް އިމާރާތުގެ ބިތްތަކުގައި ހުޅުހިފީ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަފުލާ ބޭއްވި އިމާރާތް ބިނާކޮށްފައި ހުރީ ވަރަށް ފަސޭހައިން ހުޅުހިފާ ބާވަތަކުންނެވެ.
އިރާގުގެ ސިވިލް ޑިފެންސް އެޖެންސީ ބުނާ ގޮތުން މި އިމާރާތް ބިނާކުރަން ބޭނުންކޮށްފައި ހުރީ -- މިފަދަ އިމާރާތެއްގައި ބޭނުންކޮށްގެން ނުވާނެ ބާވަތްތަކެކެވެ.
މި ހާދިސާގައި ކައިވެނިކުރި ދެމަފިރިން ވެސް ވަނީ އަނދާހުލިވެފަ އެވެ.
މި ހާދިސާގެ ވީޑިއޯތައް މިހާރު ހުރީ އިންޓަނެޓަށް އަޕްލޯޑްކޮށްފަ އެވެ. ހަބަރު ފަތުރާ އޭޖެންސީތަކުން ބުނާ ގޮތުން -- މީހުން ސަލާމަތްކުރުމުގައި ހަރާތްތެރިވި އޮފިޝަލުންނަށް ގިނައިން ފެނިފައިވަނީ އަނދާ ދަރުދެއްޔަށް ވެފައި ހުރި މިނިކަށިތަކެކެވެ.
ފަޔާފައިޓަރުން ބުނާ ގޮތުން މުޅި އިމާރާތް އަނދާ ހުލިވެ، އޮނިގަނޑުގައި ދަރުދެލި ނޫން އެއްޗެއް ނެތެވެ.
އިންސާނުން މަސްތަގަނޑާ އެކު ފިހެވި -- މިނިމަސް ހަނާވާއިރު ދުވާ ވަސް ނޫން ވަހެއް މުޅި ސަރަހައްދުން ވެސް ނުދުވާ ކަމަށް ފަޔާފައިޓަރުން ބުނެ އެވެ.
މިނިކަށިތައް އެ ސަރަހައްދުން ނެރެން ޖެހިފައިވަނީ ގޯނިގޯންޏަށް އަޅައިގެންނެވެ. އެއިން އެއްޗަކުން އެއީ ކާކުކަން ވެސް ނޭނގޭ ކަމަށް މީހުން ވަކިކުރުމުގައި ހަރަކާތްތެރިވި އޮފިޝަލުން ވިދާޅުވި އެވެ.
އިމާރާތުގެ ބައިތައް އަނދައި މީހުންގެ ބޮލަށް ފައިބާތައް ފެންނަ ވީޑިއޯ ކްލިޕްތައް ވެސް މިހާރު ހުރީ އިންޓަނެޓަށް ދޫކޮށްލާފަ އެވެ.
އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާ އަލްސޫދާނީ މިހާރު ވަނީ އިންޓީރިއާ މިިނިސްޓަރަށާއި ހެލްތު މިނިސްޓަރަށް -- މި ހާދިސާ ހިނގާ ދިޔަ ގޮތް ބަލައި މިނިވަން ތަހުގީގެއް ހުޅުވާލުމަށް އަމުރުކުރައްވާފަ އެވެ.
ނައިނަވާގެ ގަވަރުނަރާ ގުޅައިގެން މައުލޫމާތު ހޯދައި، މައްސަލަ އުފެދެން މެދުވެރިވި ސަބަބުތައް ރިޕޯޓަކުން އެކުލަވާލުމަށް ވެސް ބޮޑުވަޒީރު ވަނީ އަމުރުކުރައްވާފަ އެވެ.