އުރުދުންގެ އަގަބާ ބަނދަރުގައި އޮތް ބޯޓަކަށް ކްރޮރީން ގޭސް ޓޭންކެއް ކެރޭނަކުން ބަރުކުރަނިކޮށް ވެއްޓި ގޮވައި 13 މީހުން މަރުވި ހާދިސާ ހުޝިޔާރު ކަމާއެކު ބައްލަވާނެ ކަމަށް ބޮޑުވަޒީރު ބަޝަރު އަލްޚަސާވިނަތު ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ކަމާބެހޭ އިދާރާތަކުން ތަންފުކެއް ވެސް ދޫކޮށްނުލައި ހާދިސާގެ އެތެރެ އާއި ބޭރު ބަލައި ތަހުގީގުކޮށް ޒިންމާވާން ޖެހޭ މީހަކު ހުރި ހަމަ އެ މީހަކު ޖަވާބުދާރި ކުރުވަން ޖެހޭނެ އެވެ.
ކްރޮރީން ގޭސް ޓޭންކް ގޮވައި މުޅިތަނަށް ފެތުރިގަނެ ވިހަވެގެން އެހާ ގިނަ މީހުން މަރުވިއިރު 251 އަށް ވުރެ ގިނަ މީހުން ވަނީ ނޭވާލާން ދަތިވެގެން ހޮސްޕިޓަލުތަކަށް ގެންގޮސްފަ އެވެ.
އުރުދުންގެ އަބްދުﷲ ރަސްގެފާނު ވެސް ވަނީ މި ހާދިސާ އުރުދުންގައި ކުޅަދާނަކަން ހުރި ވަރަށް ވުރެ އިތުރަށް -- ތަޖުރިބާކާރުން ހޯދައިގެން ބަލައި މިނިވަން ތަހުގީގެއް ކުރުމަށް އަުރުކުރައްވާފަ އެވެ.
އަގަބާ ބަނދަރަކީ އަރަބި ގައުމުތަކަށް ޚާއްސަކޮށް އީރާގަށް މުދާ އަރުވައި ބާލަން ވަރަށް ފަސޭހަ ބަނދަރެއް ކަމަށް އޮފިޝަލުން ބުނެ އެވެ. އޮފިޝަލުން ބުނާ ގޮތުން ވެއްޓި ގޮވި ޓޭންކްގައި 25 ޓަނުގެ ކްލޮރީން ގޭސް ހުންނާނެ އެވެ.
ބޮޑުވަޒީރު ބަނދަރަށް ވަޑައިގެން އެ ހާދިސާ ހިންގި މަންޒަރު ސިފަކުރައްވައި ކޮން ބައެއްގެ އިހުމާލުން ހިނގި ހާދިސާއެއްތޯ ސުވާލު ކުރެއްވި އެވެ. އެކަމުގައި އިހުމާލުވާ ބަޔަކު ތިބި ނަމަ ތިބި ތަނަކުން ނެރެ ހައްޔަރު ކުރުމަށް ވެސް އިރުޝާދު ދެއްވި އެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ތިބީ ހަމައެކަނި އުރުދުންގެ ރައްޔިތުން ނޫން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. އެކަމަކު އެހެން ގައުމެއްގެ ވާހަކައިން ބޮޑުވަޒީރު އެ ހާދިސާ އިތުރު ތަފުސީލު ކޮށެއް ނުދެއްވަ އެވެ.
ޚަބަރުތައް ބުނާ ގޮތުން އަގަބާ ބަނދަރުގެ ހާލަތު މިހާރު އޮތީ މުޅިން ހަމައަކަށް އެޅިފަ އެވެ. މަސައްކަތްތައް ވަނީ ފެށިފަ އެވެ. އޭގެ ކުރީ ދުވަހު ބޮޑު ހާދިސާއެއް ހިނގިކަން ވެސް ނޭނެގެ އެވެ. އެެހެން ނަމަވެސް، އެ ހާދިސާ ސީދާ ހިނގި ސަރައްހައްދު އޮތީ ތަހުގީގު ކުރުމަށް ބަންދުކޮށްފަ އެވެ.