ދުނިޔެ

ގޭސް ޓޭންކް ގޮވި މައްސަލާގައި ބަޔަކު ވަކިކޮށްފި

އުރުދުންގެ އަގަބާ ބަނދަރުގައި ކްލޮރީން ގޭސް ޓޭންކެއް ގޮވައި 13 މީހަކު މަރުވެ 300 އަށް ވުރެ ގިނަ މީހުންނަށް ކުއްލި ފަރުވާ ދޭން ޖެހުނު މައްސަލާގައި ސީނިއާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި އެވެ.

އުރުދުންގެ އަބްދުﷲ ރަސްގެފާނު އޮތީ މި ހާދިސާ ވަރަށް ރަނގަޅަށް ބަލަން އަމުރު ކުރައްވާފަ އެވެ. އުރުދުންގައި ކުޅަދާނަކަން ހުރި ވަރަށް ވުރެ އިތުރަށް -- ތަޖުރިބާކާރުން ބޭރު ގައުމަކުން ހޯދައިގެން ނަމަވެސް މިނިވަން ތަހުގީގެއް ކުރަންވެސް ރަސްގެފާނު އަމުރުކުރެއްވި އެވެ.

ތަހުގީގު ޓީމުން ހާމަކުރި ގޮތުގައި ހާދިސާ ހިނގީ ބަޔަކު ފަރުވާ ކުޑަކުރުމުންނެވެ. މައްސަލަ ފެށިފައި އޮތީ ބަނދަރުގެ އިސްވެރިންނާ ހިސާބުން ކަމަށް ވާތީ އަގަބާ ބަނދަރުގެ ޑައިރެކްޓަރު ޖެނެރަލް އާއި އިސްވެރިން މަގާމުން ދުރުކުރަން ކެބިނެޓުން ނިންމީ ކަމަށް ބޮޑުވަޒީރު ބަޝަރު އަލްޚަސާވިނަތު ވިދާޅުވި އެވެ.

ބޮޑުވަޒީރު ކުރިން ވިދާޅުވި ގޮތުގައި ކަމާބެހޭ ހުރިހާ އިދާރާއަކުން ތަންފުކެއް ވެސް ދޫނުކޮށް ހާދިސާގެ އެތެރެ އާއި ބޭރު ބަލައި ތަހުގީގުކޮށް ޒިންމާވާން ޖެހޭ މީހުން ޖަވާބުދާރި ކުރުވަން ޖެހޭނެ އެވެ.

ފަރުވާކުޑަކޮށް އިހުމާލުވި އެންމެންނާ މެދު ޝަރީއަތް ކުރެވޭނެ ކަމަށް އިންޓީރިއާ މިނިސްޓަރު މާޒިން އަލްފަރާޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި 120 އަށް ވުރެ ގިނަ މީހުން ޝަރީއަތަށް ފޮނުވާ ގޮތަށް މިހާރު ވެސް އޮތީ ލިސްޓްކޮށްފަ އެވެ.

މި ހާދިސާއާ ގުޅިގެން މަސައްކަތްތެރިން ވަނީ އަގަބާ ބަނދަރުގެ މަސައްކަތްތައް ހުއްޓާލާފަ އެވެ. މަސައްކަތަށް ބޭނުންވާ ރައްކާތެރިކަން ނެތުމާއި ބޭނުންކުރަން އެކަށިގެންވާ އާލާތްތައް ނެތް ކަމަށް ބުނެ އެމީހުން ވަނީ ގެއަށް ގޮސްފަ އެވެ.

އަގަބާ ބަނދަރަކީ އަރަބި ގައުމުތަކަށް ޚާއްސަކޮށް އީރާގަށް މުދާ އަރުވައި ބާލަން ވަރަށް ފަސޭހަ ބަނދަރެއް ކަމަށް އޮފިޝަލުން ބުނެ އެވެ. އޮފިޝަލުން ބުނާ ގޮތުން ވެއްޓި ގޮވި ޓޭންކްގައި 25 ޓަނުގެ ކްލޮރީން ގޭސް ހުންނާނެ އެވެ.