ބޮލީވުޑް

ޖިއާ އަށް އަހަރެންގެ ލޯތްބަކުން ނުފުދުނު: ސޫރަޖް ޕަންޗޯލީ

މީގެ 10 އަހަރު ކުރިން މަރުވެފައިވާ ޖިއާ ޚާންގެ މަރުގެ މައްސަލައިގައި އޭނާ މަރުވިއިރު ރައްޓެހިވެގެން އުޅުނު އެކްޓަރު ސޫރަޖް ޕަންޗޯލީ ކުށްވެރި ނުވާ ކަމަށް އިންޑިއާގެ ސީބީއައި ކޯޓުން މިދިޔަ ހުކުރު ދުވަހު ވަނީ ނިންމާފަ އެވެ.

އުމުރުން މިހާރު 30 އަހަރުގެ ސޫރަޖް އާ ދެކޮޅަށް ކޯޓުގައި މައްސަލަ ޖައްސައިގެން އުޅުނީ ޖިއާގެ މަންމަ ރާބިއާ ޚާން އެވެ. ރާބިއާ އަދިވެސް ބުނަމުން ދަނީ ޖިއާ މަރުވީ ސޫރަޖް އޭނާއަށް ބޭވަފާތެރިވުމުން ވީ ދެރައިން ކަމަށެވެ. އަދި އަމިއްލަ އަށް މަރުވީ ސޫރަޖް އެކަމަށް ހިތްވަރު ދީގެން ކަމަށެވެ. ނަމަވެސް ސޫރަޖްގެ ކުށެއް ނެތްކަމަށް ނިންމައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ސޫރަޖް އާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތް ކަމަށެވެ.

ޖިއާގެ މަރުގެ މައްސަލައިގައި ކުށްވެރި ނުވާކަން ސާބިތުވުމަށްފަހު ފުރަތަމަ ފަހަރަށް ސޫރަޖް ވަނީ މީޑިއާ ތަކަށް އިންޓަވިއު ދީފަ އެވެ. އަދި ޖިއާ އާއި އޭނާގެ ލޯބީގެ ގުޅުމާ ބެހޭ ގޮތުން ފުރަތަަމަ ފަހަރަށް ސޫރަޖް ވަނީ ވާހަކަ ދައްކާފަ އެވެ.

ސޫރަޖް ބުނި ގޮތުގައި ކޯޓުގައި އޮތުމުން އޭނާގެ ކޮނޑުގައި ބޮޑު ބުރައެއް އޮންނަތާ 10 އަހަރަށް ފަހު އެ ބުރަ ނެތިގެން ދިއުމުން ހީނުކުރާ ވަރުގެ ލުޔެއް ހަށިގަނޑަށް ލިބިއްޖެ ކަމަށެވެ. ފާއިތުވީ 10 އަހަރު އޭނާއަށް އެއްވެސް ކަމަކަށް ރަނގަޅަށް ވިސްނައި ފިކުރު ނުކުރެވޭ ކަމަށާއި ރަނގަޅަށް ހަމަ ނިދި ވެސް ނިދާ ނުލެވޭ ކަމަށް ސޫރަޖް ބުންޏެވެ. ހަމަ އެގޮތަށް އޭނާގެ މަންމަ ޒަރީނާ ވައްހާބް އާއި ބައްޕަ އަދިތުޔާ ޕަންޗޯލީ އަދި ދައްތަ ސަނާ ވެސް އުޅުނީ ހަމަ އެހާ ކަންބޮޑުވުމާއި ހާސްކަމުގައި ކަމަށް ސޫރަޖް ބުންޏެވެ.

ޖިއާ އާ ބައްދަލުވީ ގޮތާއި އެ ދެމެދުގައި ލޯބީގެ ގުޅުން އުފެދުނު ގޮތް ސޫރަޖް ވަނީ ފުރަތަމަ ފަހަރަށް ކިޔައިދީފަ އެވެ. ސޫރަޖް ބުނި ގޮތުގައި ފޭސްބުކުން ޖިއާ އަށް ފްރެންޑް ރިކުއެސްޓް ފޮނުވީ އޭނާ އެވެ. ޖިއާ އަކީ ރީތި ކުއްޖެއް ކަމަށާއި އޭރުވެސް ބައެއް ފިލްމުތައް ޖިއާ ކުޅެފައިވާ ކަމަށް ސޫރަޖް ބުންޏެވެ.

ސޫރަޖްގެ ފްރެންޑް ރިކުއެސްޓް ޖިއާ ގަބޫލުކުރީ އަހަރެއްހާ ދުވަސް ފަހުން ކަމަށާއި އޭގެ ފަހުން ދެ މީހުންގެ މެދުގައި އެކުވެރިކަން އުފެދި އަދި ޖިއާ މަރުވުމުގެ ފަސް މަސް ދުވަސް ކުރިން ފެށިގެން ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އޮތް ކަމަށް ސޫރަޖް ކިޔައިދިނެވެ.

"އަހަރެން އޭނާއާ ރައްޓެހިވީ އިރަކު ނޭނގޭ އޭނާގެ ހަޔާތުގައި ކުރިމަތިވެފައިވާ މައްސަލަތަކުގެ ބޮޑުމިނެއް. ޖިއާ އޭރުވެސް އުޅުނީ ވަރަށް ޕްރެޝަރުގަ. މަންމަ އާއި އެއްބަނޑު އަންހެން ދެ ކޮއްކޮއިން އަދި މަންމަގެ ޕާޓްނަރުގެ ހުރިހާ ޚަރަދެއް އުފުލަން ޖެހެނީ ޖިއާ އަށް. ޖިއާ އުންމީދުކުރާ ވަރުގެ މަސައްކަތްތަކެއް ބޮލީވުޑުން އޭނާއަކަށް ނުލިބޭ. އަދި މުޅި އާއިލާ ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހުމުން ޖިއާގެ ސިކުނޑީއަށް ވަރަށް ބޮޑު ބުރައަކަށް ވެފައި އޮތީ. އޭނާއަށް ނަފްސާނީގޮތުން ވަރަށް ބޮޑެތި އުނދަގޫތައް ވަމުން ދިޔައީ،" ސޫރަޖް ކިޔައިދިނެވެ.

ސޫރަޖް ބުނި ގޮތުގައި 2012ގައި ވެސް ޖިއާ އަތުގެ މައި ނާރު ބުރިކޮށްލައިގެން އަމިއްލައަށް މަރުވާން އުޅުނެވެ. އެ ފަހަރު އޭނާ ސަލާމަތްކުރީ ސޫރަޖް ކަމަށާއި ޖިއާގެ މަންމަ ލަންޑަންގައި ހުއްޓާ އޭނާއަށް ގުޅާފައި ޖިއާ ކައިރިއަށް އައިސް އޭނާގެ ހިތްހަމަޖައްސައިދޭން ރާބިއާ ކައިރީ ސޫރަޖް އެދުނުކަމަށް އޭނާ ބުންޏެވެ.

"ނަމަވެސް އެފަހަރުވެސް ޖިއާގެ މަންމަ ނުވެސް އައި. ޖިއާ އެކަނި މާއެކަނި ހުރިހާ ހާސްކަމެއްގައި އުޅުނީ. މިއީ މަންމައަކާއި ދަރިއެއްގެ ގުޅުން އޮންނަން ޖެހޭނެ ގޮތްތަ؟ އެ ފަހަރު ޖިއާ ބެލެހެއްޓީ އަހަރެން. އަހަރެމެން ދެ މީހުންނަށް އެކަކު އަނެކަކު ދެކެ ލޯބި ވެވުނީ އެ ދުވަސްވަރު. ނަމަވެސް އަހަރެންގެ ލޯބި އެކަނި ޖިއާ އަކަށް ނުފުދުނު. ޖިއާ އަށް އާއިލާގެ ލޯބި ވަރަށް ބޮޑަށް ބޭނުންވި. އޭނާ ދުނިޔެ ދޫކުރީ އެ ލޯބި ނުލިބުމުން،" ސޫރަޖް ބުންޏެވެ.

ޖިއާ މަރުވިއިރު ސޫރަޖްގެ ފުރަތަމަ ފިލްމު "ހީރޯ" ރިލީޒް ނުވެ އެވެ. އެ ފިލްމު ރިލީޒް ކުރުމުން ސޫރަޖްގެ މައްޗަށް އޭރު ކުރެވުނު ތުހުމަތުތަކުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި އެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރުގެ ހައިސިއްޔަތުން އެކްޓަރު ސަލްމާން ޚާން ވަރަށް ބޮޑު އެހީތެރިކަމެއް ސޫރަޖް އަށް ފޯރުކޮށްދިން ކަމަށް އޭނާ ބުންޏެވެ.

"ކޯޓުން މައްސަލަ ނިމުނީ އަހަންނާ އެއްކޮޅަށް ކަން އެނގުމާއެކު އެންމެ ފުރަތަމަ ވެސް އަހަންނަށް ތަހުނިޔާ ކިޔާ މެސެޖުކުރީ ސަލްމާން. އެހާވެސް އޭނާގެ އެހީތެރިކަން އަހަރެންނަށް އޮވޭ،" ސޫރަޖް ބުންޏެވެ.

ސޫރަޖް ބުނި ގޮތުގައި މިހާޜު ދެން ހަމަޖެހިލައިގެން އޭނާގެ ކެރިއަރަށް ފޯކަސް ކުރެވޭނެ އެވެ.