ބޮލީވުޑް

ގިނަ ފިލްމުތަކެއްގައި މަންމަގެ ރޯލު އަދާކުރި ސަލޯޗަނާ މަރުވެއްޖެ

"ޖޮނީ މެރަ ނާމް"، "ކަޓީ ޕަތަންގް"، "މުގައްދަރް ކާ ސިކަންދަރް" ފަދަ ފިލްމުތަކުގައި ވަރަށް މޮޅު ރޯލުތައް ކުޅެފައިވާ ބަތަލާ ސަލޯޗަނާ ލަޓްކަރް މަރުވެއްޖެ އެވެ.

އުމުރުން 94 އަހަރުގައި ސަލޯޗަނާ މަރުވިއިރު 200 އަށް ވުރެ ގިނަ ހިންދީ ފިލްމު ކުޅެފައި ވެއެވެ. މީގެ ތެރެއިން ގިނަ ފިލްމުތަކުގައި އޭނާ އަދާކޮށްފައިވަނީ މަންމައެއްގެ ރޯލެވެ.

ސަލޯޗަނާ މަރުވުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި ފިލްމީ ތަރިންގެ ތެރެއިން ރިތޭޝް ދޭޝްމުކް އާއި މާދުރީ ޑިކްޝިޓް ފަދަ އެކްޓަރުން ތައުޒިޔާ ކިޔައި ސޯޝަލް މީޑިއާގައި މެސެޖުތައް ޕޯސްޓް ކޮށްފައިވެ އެވެ.

މަނޯޖް ކުމާރު، މަހްމޫދު ފަދަ އެކްޓަރުންގެ މަންމަގެ ރޯލު ކުޅުމުގެ އިތުރުން މިހާރުގެ ބައެއް އެކްޓަރުންގެ މަންމަގެ ރޯލު ވެސް ސަލޯޗަނާ ކުޅެފައި ވެއެވެ.

"ކޮރާ ކާގަޒް"، "ދިލް ދެކެ ދޭކޯ" ފަދަ ފިލްމުތަކަކީ ސަލޯޗަނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ރޯލުތައް ކުޅެފައިވާ ފިލްމުތަކެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސަލޯޗަނާގެ ދަރިފުޅު ކަންޗަން ބުނީ އޭނާގެ މަންމަ މަރުވީ އުމުރުން ދުވަސްވުމުން ދިމާވި ސިއްހީ މައްސަލަ ތަކަކާ ގުޅިގެން ކަމަށެވެ.