ސިމީ ގަރެވާލް އާއި ކަރަން ޖޯހަރް ފަދަ ފަންނާނުން ޓޯކް ޝޯތައް ހޯސްޓްކުރަން ފެށުމުގެ މާކުރިން ތަބައްސުމް ގޯވިލް އެ މަސައްކަތް ފަށައިފި އެވެ.
އެއީ 1972 ވަނަ އަހަރުން ފެށިގެން 1993 ވަނަ އަހަރާ ހަމައަށް ދޫރްދަރްޝަން ޗެނަލުން ދެއްކި "ޕޫލް ކިލޭހޭ ގުލްޝަން ގުލްޝަން" ކިޔާ ޕްރޮގްރާމެއް ހުށަހަޅައިދިނީ އޭނާ ކަމަށް ވާތީ އެވެ. މިއީ އިންޑިއާގެ އޮރިޖިނަލް ސެލެބްރިޓީ ޓޯކް ޝޯ އެވެ. އަދި ތަބައްސުމް އަކީ އެ ފަދަ ޝޯއެއް ހޯސްޓްކުރި ފުރަތަމަ ފަންނާނު ވެސް މެއެވެ.
ވަރަށް ރީތި ސާޅީތައް އަޅައިގެން ވަރުގެ ކޮޅަށް ނަލަހެދިލައިގެން ތަބައްސުމް މި ޝޯ ހޯސްޓްކުރަން އަރާއިރު އިސްތަށިގަނޑުގެ އެއްފަރާތުގައި ތާޒާ މަލެއް ނުވަތަ މާބޮނޑިއެއް ޖަހާފައި ހުރެ އެވެ. މިހާރުވެސް ގިނަ ބަޔަކު ތަބައްސުމް ހަނދާން ކުރަނީ މި ސިފައިގަ އެވެ.
އުމުރުން 78 އަހަރުގައި ތަބައްސުމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ. އޭނާގެ ދަރިފުޅު ހޮޝާންގް ގޯވިލް ބުނި ގޮތުގައި މަންމަ މަރުވީ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެންނެވެ.
"މީގެ 10 ވަރަކަށް ދުވަސް ކުރިން ވެސް އަހަރެމެން އަހަރެމެން އުފައްދާ އާ ޝޯއެއް ޝޫޓްކުރުމުގައި އުޅުނިން. ކުއްލިއަކަށް ބަލިވެގެން ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެނިކޮށް މަރުވީ،" ތަބައްސުމްގެ ދަރިފުޅު ބުންޏެވެ.
ތަބައްސުމް އަކީ ޝޯ ހޯސްޓްކުރަން ފެށިއިރު އޭނާއަށް ކިޔާފައިވާ ނަމެކެވެ. އޭނާގެ އަސްލު ނަމަކީ ކިރަން ބާލާ ސަޗްދޭވް އެވެ.
ޝޯ ހޯސްޓްކުރުމުގެ މާ ކުރިން ތަބައްސުމް ވަނީ ވަރަށް ގިނަ ފިލްމުތަކުގައި ކުޑަ ކުއްޖެއްގެ ރޯލު ކުޅެފަ އެވެ. އޭގެ ތެރޭގައި 1950ގައި ރިލީޒްކުރި "ޖޯގަން"، 1951ގައި ރިލީޒްކުރި "ދީދާރް"، 1952ގައި ރިލީޒްކުރި "ބެއިޖޫ ބާވްރާ" ފަދަ ފިލްމުތައް ހިމެނެ އެވެ. އަދި ޒުވާން އެކްޓަރެއްގެ ގޮތުގައި "ތަލާޝް" (1969)، "ހީރް ރާންޖާ" (1970)، "ޖޯނީ މޭރާ ނާމް (1971) އަދި ހަމަ އެ އަހަރު ރިލީޒްކުރި "ތޭރޭ މޭރޭ ސަޕްނޭ" ކުޅެފައި ވެއެވެ.
ތަބައްސުމް ވަނީ 1985 ވަނަ އަހަރު "ތުމް ޕަރް ހަމް ގުރްބާން" ކިޔާ ފިލްމެއް ޑައިރެކްޓްކޮށްފަ އެވެ. އަދި ވަރަށް ގިނަ ފިލްމީ ތަރިންނާއި ތަބައްސުމް އާ އަބަދުވެސް ވަރަށް ގާތް އެކުވެރިކަމެއް އޮތެވެ. ތަބައްސުމްގެ ޓޯކް ޝޯ އަށް ދައުވަތު ދީފިނަމަ އެއްވެސް އެކްޓަރަކަށް ނޫނެކޭ ބުނަން ނުކެރޭ ވަރަށް ތަބައްސުމް އާއި އެމީހުންގެ ގާތްކަން އޮތެވެ.
މިފަހަކުން އައިސް ތަބައްސުމް ވަނީ "ތަބައްސުމް ޓޯކީޒް"ގެ ނަމުގައި އަމިއްލަ ޔޫޓިއުބް ޗެނަލެއް ފަށާފަ އެވެ.
ތަބައްސުމް މަޝްހޫރުވެފައިވަނީ އޭނާގެ ވާހަކަ ދެއްކުމުގެ ކުޅަދާނަކަމާއި ފަށުވިކަމުންނެވެ. އެހެން ބައެއް ހޯސްޓުން އެމީހުންގެ ޝޯގައި ބައިވެރިވާ ފަންނާނުންނާ ޒާތީ ސުވާލުތައް ކޮށް ހެދިޔަސް ތަބައްސުމް ދުވަހަކުވެސް އެފަދަ އެއްވެސް ސުވާލެއް އެއްވެސް ފަންނާނަކާ ނުކުރެ އެވެ. އެހެންކަމުން ކޮންމެ ފަންނާނަކު ވެސް ތަބައްސުމްގެ ޝޯގައި ބައިވެރިވަނީ އުފަލާ އެކުގަ އެވެ.
މިހާރުގެ ގިނަ އެކްޓަރުން ބުނާ ގޮތުގައި އެމީހުންނަކީ ކުޑައިރުއްސުރެ ތަބައްސުމްގެ ޝޯ ބަލައި އުޅުނު އޭނާގެ ފޭނުންނެވެ.