ލައިފްސްޓައިލް

ބެއިޖިންއަށް އަށް ވާރޭ ވެހޭ ގޮތަށް ފަނިތަކެއް ވެހިއްޖެ

ޗައިނާގެ ވެރިރަށް ބެއިޖިންގެ ޕާކްކޮށްފައި ހުރި ކާރުތަކެއްގެ މަތީގައި ކުދި ކުދި ފަނިތަކެއް ހަރަކާތްކުރަނިކޮށް ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ. ޗައިނާގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އުޑުން ވާރޭ ގޮތަށް ވެރިފައި ހުރި ފަނިތަކެކެވެ.

އެ ގައުމުގެ ބައެއް މީހުން ބުނެފައިވަނީ ދެން އެމީހުން ބޭރަށް ނުކުންނާނީ އަބަދުވެސް ކުޑަ ނަގައިގެންނެވެ. އެއީ "ފަނީގެ ވާރޭން" ސަލާމަތް ވުމަށެވެ.

މިއީ ކިހިނެއް ވެގެން ފައިބާ ފަނިތަކެއް ކަން އަދި ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެގައުމުގެ އާއްމުން މިކަމާ ގުޅޭ ގޮތުން އެކި އެކި ވާހަކަތައް ދައްކަ އެވެ.

ބައެއް މީހުން ބުނަނީ މިއީ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ހެދިފައި ހުންނަ ގަހެއްގައި އަޅާ މަލެކެވެ. ވަރަށް ގިނަ އޮށް ހުންނަ މި މާތައް ވެއްޓިފައި ހުންނައިރު ކެޓަޕިލާ އަކާ ވަރަށް އެއްވައްތަރު ވާނެކަމަށް ބައެއް މީހުން ބުނެ އެވެ.

އަނެއް ތިއަރީ އަކީ މި ފަނިތަކަކީ އެހިސާބަށް އެރި ތޫފާނަކަށް ފަހު ގަދަ ވަޔާ ކޮންމެވެސް ތަނަކުން ބުރައިގެން އައިސްފައި ހުރި އެއްޗެކެވެ. މި ތިއަރީއަށް ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ "މަދާ ނޭޗާ ނެޓްވާކް" އިން ތާއީދުކޮށްފައި ވެއެވެ. އޭގައި ވެސް ބުނެފައިވަނީ މި ފަދަ ކަންތައްތައް އާއްމުކޮށް ދިމާވަނީ ތޫފާނެއް އެރުމާ ގުޅިގެން ކަމަށެވެ.

މާ ދުރު ހިސާބެއްގައި ހުރި ފަނިތަކެއް ވެސް ތޫފާނުގެ ސަބަބުން އެތައް ހާސް މޭލެއް ދުރަށް ހިނގައިދާނެ ކަމަށާއި މިއީ ވެސް އެގޮތަށް އައިސްފައިވާ ފަނިތަކެއް ކަމަށް ލަފާ ކުރެވޭ ކަމަށް އެ ޖާނަލްގައި ވެއެވެ.