ލައިފްސްޓައިލް

ޗައިނާ މީހަކު ހޫނުގަދަކަމުން ފިނިކޮށްލަން ފްރިޖަކަށް އެރި އިނދެއްޖެ

ހީޓް ވޭވްގެ ސަބަބުން ގިނަ ގައުމުތަކެއްގެ މީހުންނަށް ވަރަށް ދަތި އުނދަގޫތައް ކުރިމަތިވެފައި ވެއެވެ. ހޫނު ގަދަ ދުވަސްވަރު އެއާ ކޮންޑިޝަން ނުކޮށް ހުންނަ އިމާރާތްތަކުގައި މަސައްކަތްކުރާ މީހުންނަށް ހޫނުގެ ސަބަބުން ވަރަށް ބޮޑެތި ތަކުލީފު އުފުލަން ޖެހެ އެވެ.

ޗައިނާގެ ގުއަންޑޮންގްގައި ދިރިއުޅޭ މީހަކު ހޫނު ގަދަކަމުން ކެތްނުވެގެން އެންމެ ފަހުން އޭނާ ވަނީ ފްރިޖް ތެރޭގައި ގޮނޑިއެއް ބަހައްޓައިގެން އޭގެ ތެރޭގައި އިނދެފަ އެވެ.

މި މީހާ ފްރިޖުގައި އިން ދުވަހު ގުއަންޑޮންގްގެ ހޫނުމީން 37 ޑިގްރީއަށް މައްޗަށް ގޮސްފައި ވެއެވެ.

މި މީހާ ފްރިޖަށް ވަދެ އިށީނުމުގެ ކުރިން އޭގައި ހުރި ބައެއް އެއްޗެތި ބޭރަށްލާފައި އޭގެ ތެރޭގައި ގޮނޑިއެއް ބަހައްޓާފައި ވެއެވެ. އަދި ފްރިޖު ތެރެއަށް ވަދެ އިށީނުމަށްފަހު އޭނާ ވަނީ ފްރިޖްގެ ދޮރު ލައްޕާފަ އެވެ. އޭގެން އެންމެ ފިނިކޮޅެއްވެސް ބޭރަށް ދިޔަ ނުދިނުމަށެވެ.

އެމީހާ ފްރިޖު ތެރޭގައި އިނީ ފޯނު ހިފައިގެން ކަމުން އޭނާއަށް ފޫހިކަމެއް ނެތި އޭގައި ފިނިކޮށްލަން އިނދެވޭ ގޮތް ވިއެވެ.

ޗައިނާގެ ސޯޝަލް މީޑީއާގައި ވައިރަލް ވެގެން އުޅޭ މި ވީޑިއޯ ބަލާފައި އެ ގައުމުގެ މީހުން އެމީހާއަށް ވަރަށް ހަމްދަރުދީ ފާޅުކޮށްފައި ވެއެވެ.