ޗައިނާގެ އަންހެނަކު އޭނާގެ ފިރިމީހާއަށް އޮތް ލޯތްބާއި އެހެން މީހުންގެ އެހީތެރިކަން އޭނާ ބަލައިގަންނަ މިންވަރު ވަރަށް ރަނގަޅަށް ހާމަކޮށްދީފި އެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓްގައިވާ މި ޚަބަރުގައިވާ ގޮތުން ޑިންގް ނަމަކަށް ކިޔާ މި އަންހެން މީހާގެ ފިރިމީހާ ޖިއަންގް ލީ ދުއްވި ކާރު އެކްސިޑެންޓްވެ 2020 ވަނަ އަހަރު އޭނާ ވަރަށް ބޮޑަށް ޒަޚަމްވެ ކޯމާ އަށް ދިޔަ އެވެ.
އެކްސިޑެންޓް ވީއްސުރެ ހޭ ނާރާ ތިން އަހަރު ވަންދެން ޖިއަންގް ކޯމާގައި އޮތެވެ.
ޖިއަންގް ވަރަށް ފަހުން ހޭ އަރާފައިވާއިރު އަންހެނުންގެ ހިތްވަރާއި މަސައްކަތުން މިހާރު ޖިއަންގް އަށް ހިނގާ، ވާހަކަ ދައްކާ އަދި ދަތް އުނގުޅުން ފަދަ ކަންކަން އަމިއްލައަށް ކުރެވޭ ވަރު ވަނީ ވެފަ އެވެ.
ޗައިނާގެ އިރުމަތީގައިވާ ޖިއަންގްސޫ ޕްރޮވިންސްގައި ދިރިއުޅޭ މި ދެމަފިރިންނަކީ ވަރަށް ލޯބިން އަބަދުވެސް އުޅެމުންދިޔަ ބައެކެވެ. އެހެންވެ ތިން އަހަރު ފަހުން ފިރިމީހާ ހޭ އެރުމުން އެންމެ އުފާވީ ޑިންގް އެވެ.
ޗައިނާގެ ސޯޝަލް މީޑީއާގައި ދައުރުވަމުންދާ މި ދެމަފިރިންގެ ވީޑިއޯއެއް ބަލާފައި މީހުންނަށް އެހާ ބޮޑަށް އަސަރުކުރީ ޑިންގް އޭނާގެ ފިރިމީހާއަށް އަތުން ލަވައި ކާން ދެނިކޮށް މި ވީޑީއޯ އިން ފެންނާތީ އެވެ.
ފިރިހެން މީހާގެ ބޮލުގައި އަދިވެސް އެހާ ބޮޑަށް ވަރު ނެތުމުން ބޯ ވަރަށް ބޮޑަށް އެލިފައި އޮންނާތީ އެއް އަތް ދަތްދޮޅިދަށަށް ލާ ބޯ އުފުލާލައިގެން އިނދެ ޑިންގް އޭނާގެ ފިރިމީހާއަށް ކާން ދެމުން ގެންދިޔަ ތަން މި ވީޑިއޯ ކްލިޕުން ފެނެ އެވެ.
އެކްސިޑެންޓާ ގުޅިގެން ޑޮކްޓަރުން އޮތީ ޖިއަންގް ރަނގަޅުވާނެކަމުގެ އުއްމީދު މުޅިން ކަނޑާލާފަ އެވެ. ނަމަވެސް ޖިއަންގްގެ އަންހެނުން އުއްމީދު ކަނޑައެއް ނުލަ އެވެ. ކޮންމެވެސް ދުވަހަކުން ފިރިމީހާ ރަނގަޅުވާނެ ކަމުގެ އުއްމީދުގައި އޭނާ ރެއާ ދުވާލު ހުރިހާ ވަގުތެއް ފިރިމީހާގެ ޚިދުމަތަށް ހުސްކުރި އެވެ. ކޮންމެ ދެ ގަޑިއަކުން އެއްފަހަރު ހަށިގަނޑު އެއް ފަރާތުން އަނެއް ފަރާތަށް އަނބުރައި، ބުރަކަށި މަސާޖުކޮށް ތަންފާރު ނުވާނެގޮތަށް ޑިންގް ޚިދުމަތް ކުރަމުން އައެވެ.
ޖިއަންގްގެ ބޭހާއި ހޮސްޕިޓަލުގެ ބިލުތައް ބޮޑުވެގެން ގޮސް އެ ދެމަފިރިން އަތުގައި ހުރިނަމަ ހުރި ފައިސާއެއް ހުސްވުމުން ފަންޑް ހޯދުމުގެ ކެމްޕޭނެއް 32 އަހަރުގެ ޑިންގް ވަނީ ފަހުން ކުރިއަށް ގެންގޮއްސަ އެވެ.
ޑިންގް އޭނާގެ ފިރިމީހާ ދެކެ ވާ ލޯތްބާއި ހިދުމަތް ކޮށްދޭލެއް އޯގާތެރިކަން ފެނިފައި 4،000 އަށް ވުރެ ގިނަ މީހުން އެކި އަދަދުތަކުން މި ދެމަފިރިންނަށް އެހީތެރިވެދީފައި ވެއެވެ. އެމީހުން ވެދިން އެހީގައި އަދަދު 26،500 ޔޫއެސް ޑޮލަރަށް އަރަ އެވެ.
މިހާ ގިނަ މީހުން އެހީތެރިވެދީފައިވާއިރު ޑިންގް ވަރަށް ފަރުވާތެރިކަމާއެކު އެހީތެރިވީ އެންމެންގެ ރެކޯޑްތައް ބަލަހައްޓާފައި ވެއެވެ.
އެއްވެސް ހަރަކާތެއް ނެތި އޮތް ފިރިމީހާ މަޑުމަޑުން ރަނގަޅުވެ ހިނގާ ބިނގާވެ އުޅެވޭވަރު ވީ ޑިންގްގެ މަސައްކަތުންނެވެ. އަދި މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ އޭނާއަށް ފައިސާގެ އެހީ ވެދިން މީހުންނަށް އެ ފައިސާ އަނބުރާ ރައްދުކޮށްދިނުމަށެވެ. އެމީހުން އެއްވެސް އަމިއްލަ އެދުމެއް ނެތި ހެޔޮހިތުން ވެދިން އެހީތެރިކަން ޑިންގް ބަލައިގަނެ އެވެ. އަދި އެމީހުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެ އެވެ. އެއާއެކު އެމީހުން ހަދިޔާކުރި ފައިސާ އޭނާއަށް ލިބޭ މިންވަރަކުން އަނބުރާ ރައްދުކުރަން ވެސް ޑިންގް ބޭނުންވެ އެވެ. ޑިންގް މިހާރު މިކަން ކުރިއަށް އެބަގެންދެ އެވެ.