ކަންފަތުން ފާޑެއްގެ އަޑެއް ކިޔައި ރިއްސާތީ ޗައިނާގެ ހޮސްޕިޓަލަށް ދިޔަ އަންހެނެއްގެ ކަންފަތުގައި ފައިދިގުމަގު ހާލި ހަދާފައި ހުއްޓާ އޭނާ ބެލި ޑޮކްޓަރުންނަށް ފެނިއްޖެ އެވެ.
ހުއިޑޮންގް ކައުންޓީ ޕީޕަލްސް ހޮސްޕިޓަލްގެ ޑޮކްޓަރުން ފުރަތަމަ ހީކުރީ އަންހެންމީހާގެ ކަންފަތުން އަޑު އިވޭ އަޑަކީ ޓިނިޓިސް ކިޔާ ބައްޔެއްގެ ސަބަބުން އިވޭ އަޑެއް ކަމަށެވެ. އަދި ކަންފަތުގެ އެންޑޮސްކޮޕީ ހަދައިގެން އެމީހާގެ ކަންފަތުގެ ތެރެ ޗެކް ކުރި އެވެ.
ނަމަވެސް އެންޑޮސްކޮޕީން ފުރަތަމަ ޑޮކްޓަރުންނަށް ފެނުނީ އަންހެންމީހާގެ ކަންފަތުގެ ތޫރިގެ ބަދަލުގައި ތޫރި ފާޑަށް އިން އެހެން އެއްޗެކެވެ. ރަނގަޅަށް ބެލިއިރު މިއީ ފައިދިގުމަކުނު ހާލި ހަދާ ވާ ފުރައިގެން ކަންފަތު ތޫރި އާ އެއްކަހަލަ ގޮތަކަށް ހަދާފައިވާ އެއްޗެކެވެ.
ފައިދިގުމަކުނަށް އެ ސޮރުގެ ހާއްޔާ ބަޔަކު ކުޅޭކަން އެނގުމުން އެންޑޮސްކޮޕިކް ޓިއުބަށް ވަގުތުން ހަމަލަ ދިންކަމަށް ވެއެވެ. ނަމަވެސް ޑޮކްޓަރުން ވަނީ އެސޮރު ކަންފަތުން ނެރުމުގައި ކާމިޔާބު ހޯދާފަ އެވެ.
ނަސީބަކުން މި ފައިދިގުމަކުނަކީ ވިހަ މަކުނެއް ނޫނެވެ. އެހެންވެ މަކުނު ނެގުމުން އެންމެންނަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި ފައިދިގުމަކުނު ނަގަން ކުރި މަސައްކަތުން އަންހެންމީހާގެ ކަންފަތަށް ކުޑަކުޑަ އަނިޔާއެއް ލިބި ސަލާމަތް ކުރެވުނެވެ. މި ހާދިސާ ހިނގާފައިވަނީ ފާއިތުވީ އެޕްރީލް 20 ވަނަ ދުވަހު ސީޗުއާން ޕްރޮވިންސް ގައެވެ.
"މި ފައިދިގުމަކުނު އަންހެންމީހާގެ ކަންފަތުގެ ތެރޭގައި ވާފުރާފައި އިނީ އޭނާގެ ކަންފަތުގެ ތޫރި އާ ވަރަށް އެއްވައްތަރަށް. އެހެންގެ ކަންފަތަށް ލައްވާ އެންޑޮސްކޯޕް ފުރަތަމަ ލައްވާފަ ބެލިއިރު ކަންފަތު ތެރޭން އެއްވެސް ކަމެއް ގޯސްކަމުގެ އަލާމާތެއް ނުފެނުނު. އެކަމަކު ޒޫމްކޮށްގެން ރަނގަޅަށް ބަލާލުމުން ކޮންމެވެސް އެއްޗެއް ކަންފަތު ތެރޭން ހިރޭހެން ހީވީ. ފައިދިގުމަކުނު ފުރާފައިވާ ވާތައް އަހަރެން އެއްފަރާތަކަށް ކޮއްޕާލުމުން އެ ސޮރު އުޅުނީ ކަންފަތުގެ އެތެރެއަށް ވަދެ ފިލަން. ނަމަވެސް ވަރަށް މަސައްކަތުން އެ ސޮރު ނެގިއްޖެ،" މި އަންހެންމީހާގެ ކަންފަތުގެ އެންޑޮސްކޮޕީ ހަދައިން ފިޒީޝަން ޑރ. ހެން ޒިންގްލޮންގް ޗައިނާގެ މީޑީއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.
ޑޮކްޓަރު ވިދާޅުވީ ކަންފަތަށް ވަންނަ އެއްޗެތި ނަގަން އަމިއްލައަށް މަސައްކަތް ނުކޮށް ޕްރޮފެޝަނަލް ބޭފުޅެއްގެ އެހީތެރިކަން ހޯދުން މުހިއްމު ކަމަށެވެ. ނޫންނަމަ ކަންފަތަށް އަލުން އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށާއި ކަންފަތުގެ ސާފުތާހިރުކަން އިތުރުކޮށް ފައިދިގުމަކުނު ފަދަ ތަކެތި އާލާ ނުވާނެ ގޮތަކަށް ގެދޮރު ސާފު ކުރުމަށް ވެސް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ.
ކަންފަތަށް ފައިދިގުމަކުނު ވަނުމުގެ ހާދިސާތައް މަދުން ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައި އެބަހުއްޓެވެ. އަދި ކޮންމެ ފަހަރަކު ވެސް ޑޮކްޓަރުން މި ތަކެތި ނަގައި ކަންފަތް ސާފުކުރުމުގައި ކާމިޔާބު ހޯދަ އެވެ.