ޗައިނާގެ މީހަކު އޭނާގެ ވާގިނެތި ބަލިހާލުގައި އޮތް ލޯބިވެރިޔާ އަށް ހިދުމަތް ކުރުމުގައި އެތައް އަަހަރެއް ހޭދަކޮށްފި އެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓްގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަންހެން މީހާގެ ގައިގެ އެއްފަޅިން ވާގި ނެތުނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނުތާ އެއްމަސް ދުވަސް ވީތަނާ އެވެ.
އިންޓަނެޓުގައި މިހާރު ވައިރަލް ވެގެން އުޅޭ މި ވާހަކަ އެތައް މިލިއަން ބަޔަކު ކިޔާފައިވާއިރު މީގެ ތެރެއިން ގިނަ ބަޔަކު ބުނަނީ މިއީ ލޯތްބަށް އެމީހުންނަށް ވެސް އިތުބާރު ލިބުނު ވާހަކައެއް ކަމަށާއި މި ވާހަކަ ކިޔާފައި ވަރަށް އަސަރުކޮށްފި ކަމަށެވެ.
ޗައިނާގެ މެދުތެރޭގައި އޮންނަ ހުނާން ޕްރޮވިންސްގައި މާވަޑިއެއްގެ ގޮތުގައި މަސައްކަތްކުރާ 29 އަހަރުގެ ޒޫ ޒިލީ އާއި 21 އަހަރުގެ ހުއަންގް ކިއުޔުން އާ ބައްދަލުވީ 1992 ވަނަ އަހަރު އެވެ. ޒޫ ބުނި ގޮތުގައި ފުރަތަމަ ފެނިލުމުން ވެސް އޭނާގެ ހިތް ހުއަންގް އަށް ހަދިޔާ ކުރެވުނު ކަމަށެވެ.
ފުރަތަމަ ބައްދަލުވުމަށް އެއް މަސް ފާއިތުވީއިރު ޒުވާން ދެ ލޯބިވެރިން ތިބީ ކައިވެނިކުރަން މުޅީން ތައްޔާރުވެގެންނެވެ. ޒޫ ގޮވައިގެން ބަހުގައި ހުއަންގްގެ އާއިލާ ކައިރިއަށް ގޮސް އެމީހުންނަށް ޒޫ ތައާރަފްކޮށް ކައިރި ޕްރޮވިންސެއްގައި ކައިވެނީގެ ރަސްމިއްޔާތު ބާއްވަން އެމީހުން ނިންމި އެވެ.
ނަމަވެސް އެމީހުން މި އުންމީދުގައި ދަތުރުކުރި ބަސް އެކްސިޑެންޓްވީ އެވެ. އެކްސިޑެންޓްވުމާއެކު މަގުން ކައްސާލައިގެން 70 މީޓަރު ތިރިއަށް ބަސް ވެއްޓުނެވެ. މި އެކްސިޑެންޓްގައި ޒޫއަށް މާބޮޑު އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް ހުއަންގްގެ މައިބަދަ ބިނދި ހަށިގަނޑުގެ ވާގިގޮސް މުޅި އުމުރަށް ނުކުޅެދޭ މީހަކަށް ވިއެވެ.
ހުއަންގް އަށް މިގޮތަށް ދިމާވުމުން އޭނާ ދޫކޮށްލާފައި ގޮސް އާ ހަޔާތެއް ފަށަން ޒޫގެ އާއިލާގެ މީހުން އޭނާއަށް ވަރަށް ޕްރެޝަރު ކުރި އެވެ. ނަމަވެސް ޒޫ އެގޮތާ އެއްބަހެއް ނުވި އެވެ. އޭނާ ބުނީ މުޅި އުމުރު އެކުގައި އުޅެން ހުއަންގް ކައިރީ އޭނާ ވައުދުވެފައިވާ ކަމަށާއި އެ ވައުދާ ޚިލާފު ނުވާނެ ކަމަށެވެ.
"އަހަރެމެން ލޯބީގެ ގޮތުން ގުޅުމަށްފަހު އަހަރެން ހުއަންގް އަށް ވައުދުވިން މުޅި އުމުރަށް ވެސް އޭނާ ދެކެ ލޯބިވާނެ ކަމާއި އޭނާއަށް އޯގާތެރިކޮށް ކަންތައް ކުރާނެކަމަށް. އެ ވައުދު އަހަރެން ފުއްދާނަން،" ޒޫ ބުންޏެވެ.
ހުއާންގް ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ގޮވައިގެން ޒޫ ދިޔައީ އޭނާ ދިރިއުޅޭ ގެއަށެވެ. އަދި އެ ދުވަހުން ފެށިގެން މި ފާއިތުވީ 30 އަހަރު ހުއަންގްގެ ހުރިހާ ކަމެއް ކޮށްދީ ބަލަހައްޓަނީ ޒޫ އެވެ.
ހުއާންގް އަށް އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވެ އެވެ. އެހެންވީމާ އެހެން ޒުވާނުން ދުރު ރަށްތަކަށް ރަނގަޅު ވަޒީފާތައް ހޯދައިގެން ދިޔައިރު ޒޫ އޭނާ ކުރަމުންދިޔަ މަސައްކަތް ކޮށްލައިގެން ހުއަންގްއަށް ޚިދުމަތް ކުރުމުގައި ހުރީ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ހުއަންގްގެ ކަންކަން ބަލަހައްޓާނެ މީހަކު އަބަދުވެސް އޭނާ ކައިރީގައި ހުންނަން ޖެހެ އެވެ. އެހެންވެ ހުއަންގް ދޫކޮށްލާފައި އެއްވެސް ތަނަކަށް އޭނާއަކަށް ނުދެވޭނެ އެވެ.
އެހެންވެ ގޭގައި ދަނޑުވެރިކަމުގެ މަސައްކަތް ކޮށްގެން ލިބޭ އާމްދަނީން ހުއަންގް ގޮވައިގެން ޒޫ ދިރިއުޅެމުން ގެންދިޔައީ އެވެ. އޭނާ އާއްމުކޮށް ގޭގައި ހައްދަނީ ވެސް ހުއަންގް އަށް އެންމެ މަގްބޫލު މޭވާ އާއި ތަރުކާރީ އެވެ. އެއަށްވުރެ ބޮޑުއަގުގައި ވިކޭ އެއްޗެތި ހައްދައިގެން ގިނަ ފައިސާ ލިބޭނެކަން އެނގޭއިރުވެސް އޭނާ ބޭނުންވީ ހުއަންގް އަށް މީރު ކާ އެއްޗެތި ހައްދާށެވެ.
ޗައިނާގެ ރަށްފުށުގެ ހިސާބަށް މޯބައިލް ފޯނު އެހާ އާއްމު ވުމުގެ ކުރިން ހުއަންގްގެ މުނިފޫހި ފިލުވައިދިނުމަށް ޒޫ ގެންގުޅުނީ އެރްހޫ ކިޔާ މިއުޒިކަލް އިންސްޓްރޫމަންޓެކެވެ. އޭގެން މިއުޒިކް ކުޅެ ލަވަ ކިޔައިދީ އޭނާ ހުއަންގްގެ ހިތް އުފާ ކޮށްދެ އެވެ.
އޭނާއަކީ ކުޅަދާނަ ވަޑިއަކަށް ވާތީ ގޭގައި ހުއަންގް އަށް ފަސޭހަވާނެ ގޮތްގޮތަށް ފަރުނީޗަރު ޖަހައި މުޅި ގެ ރީތިކޮށް ފުރިހަމަ ކޮށްފައި ވެއެވެ. އެ ގޭގެ ކޮންމެ ފަރުނީޗަރަކީ ކޮންމެ ތަންކޮޅަކީ ވެސް ހުއަންގްގެ ދިރިއުޅުން ފަސޭހަކުރުމުގެ ނިޔަތުގައި އޭނާ ކޮށްފައިވާ ކަންކަމެވެ. ހުއަންގްއަށް ޚާއްސަކޮށް ބޭނުންކުރެވޭނެ ފާޚާނާ ތައްޓެއް ވެސް ޒޫ އަމިއްލައަށް ތައްޔާރުކޮށްފައި ވެއެވެ. ހުއަންގް އަމިއްލައަށް ފާޚާނާގައި އިނދެގެން ހުރިހާ ކަމެއް ކުރެވޭނެ ގޮތަށެވެ.
އަދި އެނދުގައި އޮވެފައި އަމިއްލައަށް ތެދުވެ ފުރޮޅުލީ ގޮނޑީގައި އިށީނދެވޭނެ ގޮތަށްވެސް އެނދު ކައިރީގައި އެއްޗެއް ހަދައި ބަހައްޓާފައި ވެއެވެ.
ހުއަންގް އަށް ދުވަހަކުވެސް ދަރިއަކު ނުލިބޭނެކަން ޔަގީންވާތީ މި ދެ މީހުން ވަނީ ކުއްޖަކު އެޑޮޕްޓްކޮށްފަ އެވެ. އޭނާގެ ނިންމުމާ މެދު ހިތާމަކުރަންތޯ ސުވާލުކުރުމުން ޒޫ ބުނީ ދުވަހަކުވެސް ހިތާމަ ނުކުރާނެ ކަމަށެވެ.
ހުއަންގްގެ އާއިލާ ދިރިއުޅެނީ މާ ދުރު ހިސާބުގަނޑެއްގަ އެވެ. ޒޫ ދިރިއުޅޭ ރަށަށް ހުއަންގް އައިސް ހުރީ ވަޒީފާ އަދާ ކުރާށެވެ. އެކްސިޑެންޓަށްފަހު ހުއަންގް އެންމެ ކަންބޮޑުވީ އޭނާގެ އާއިލާއަށް އޭނާގެ ބުރަ ޖެހިދާނެތީ އެވެ. އެހެންވެ އެކްސިޑެންޓްވެ މިހާ ބޮޑު އަނިޔާއެއް ލިބި ނުކުޅެދޭ ހާލަތުގައި އޮތް ވާހަކައެއް އޭނާ އާއިލާއަކަށް ނާންގަ އެވެ. އަދި އޭނާ އުޅޭ ނޫޅޭ ތަނެއް ވެސް ނާންގާ އެމީހުންނަށް ހުއަންގް ފިލީ އެވެ.
ހުއަންގްގެ އާއިލާއަށް އޭނާއާ ބައްދަލުވީ އެކްސިޑެންޓްވީތާ 26 އަހަރު ފަހުންނެވެ. އެހާ ދުވަސްވީއިރުވެސް ހުއަންގް ހޯދުމުގެ މަސައްކަތް އޭނާ ބައްޕަ ކުރަމުން ގެންދިޔަ އެވެ. އަދި ރިޕޯޓަރުން ކައިރީ ބުނެގެން ދަރިފުޅު ގެއްލުނު ވާހަކަ ނޫސްތަކުގައި ވެސް ޖެއްސި އެވެ.
ދަރިފުޅު ދިރިހުރިކަމާއި ދިރިއުޅޭތަން ހުއަންގްގެ ބައްޕައަށް އެނގުނީ ރިޕޯޓަރެއް ކުރި މަސައްކަތުން ހުއަންގް ވީތަން އޮޅުން ފިލީމަ އެވެ.
އެންމެ ފަހުން ހުއަންގްގެ އާއިލާއާ އޭނާއަށް ބައްދަލުވުމަށްފަހު ޒޫ އާއި ހުއަންގްގެ ކައިވެނި ކޮށްދޭން ހުއަންގްގެ ބައްޕަ ނިންމި އެވެ. އަދި މިހާރު ޒޫ އާއި ހުއަންގް އަކީ ދެމަފިރިންނެވެ.