ލައިފްސްޓައިލް

ޗައިނާ އަންހެނަކު އައިވީ ގުޅައިގެން ވަޒީފާއަށް

ޗައިނާގެ ޝަންހާއީގައި ދިރިއުޅޭ ޒުވާން އަންހެނަކު އައިވީ ގުޅައިގެން އައިވީ ފުޅި ބޮލުން މައްޗަށް އުފުލައިގެން ބަހުގައި ދަތުރުކުރަނިކޮށް ފެންނަ މަންޒަރު ވީޑިއޯކޮށް މީހަކު ވަނީ ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ. އަދި މި ވީޑިއޯ ވައިރަލް ވުމުން މިއަށް ކޮމެންޓު ކުރި ބައެއް މީހުން ބުނި ގޮތުގައި މިއީ ޗައިނާގައި މަސައްކަތްކުރާ މީހުން ދިރިއުޅޭ ހާލު އަންގައިދޭ ވީޑިއޯއެއް ކަމަށެވެ.

ވީޑިއޯ ވައިރަލް ވުމުން ޗައިނާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޑޮންގްޑޮންގް ނަމަކަށް ކިޔާ މި އަންހެން މީހާ ބުނީ އޭނާ ހުން އައިސް ބަލިވެ އުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި މި ވީޑީއޯ ނަގާފައިވާ ދުވަހުގެ ކުރީ ދުވަހުވެސް އޭނާ ހޮސްޕިޓަލުގައި އައިވީ ގުޅައިގެން އޮތް ކަމަށެވެ.

އަންހެން މީހާ އައިވީ ގުޅައިގެން އައިވީ ފުޅި ބޯ މައްޗަށް އުފުލައިގެން ބަހުގައި ދަތުރުކުރަނިކޮށް ވީޑިއޯކުރި މީހާ ބުނީ އެންމެ ކުރިން އޭނާ ހީކުރީ އަންހެން މީހާ ބޯ މައްޗަށް އުފުލައިގެން ހުރީ އޭނާ ބޯން ގެންގުޅޭ ފެންފުޅިއެއް ކަމަށެވެ. ނަމަވެސް ފަހުން އެމީހާގެ ގަޔަށް އައިވީ ގުޅާފައި ހުރި މަންޒަރާއި އައިވީ ފުޅި ފެނުމުން ހާދަ ހިތްވަރުގަދަ އަންހެނެކޭ، ގިނަ ބަޔަކަށް ދިރިއުޅުން ކިހާ އުނދަގޫހޭ ހިތަށް އެރި ކަމަށެވެ. އަދި އަންހެން މީހާގެ ހާލާ މެދު ވަރަށް ހަމްދަރުދީވި ކަމަށްވެސް ވީޑީއޯ ސޯޝަލް މީޑީއާގައި ޕޯސްޓްކުރި މީހާ ބުންޏެވެ.

އަންހެން މީހާ އަކީ ޝަންހާއީގައި ޑާންސް ސްޓޫޑިއޯއެއް ހިންގާ މީހެކެވެ. އެ ސްޓޫޑިއޯ ހުންނަނީ އަންހެން މީހާ އުޅޭ ގެޔާ 20 ކިލޯމީޓަރު ދުރުގަ އެވެ. އަންހެން މީހާ ބުނި ގޮތުގައި ބަލިވެ އުޅުނަސް ސްޓޫޑީއޯގައި ބުރަކޮށް އުޅެން ޖެހުމުން އެކަށީގެންވާ ވަރަށް އަރާމުކުރާނެ ވަގުތެއް އޭނާއަކަށް ނުވެ އެވެ.

އޭނާއަކީ ކޮލިފައިޑް ނާސްއެއް ކަމަށާއި ޑޮކްޓަރު ކައިރީގައި ވަރަށް އާދޭސްކޮށްގެން ގޭގައި އަމިއްލައަށް އައިވީ ގުޅުމުގެ ހުއްދަ ހޯދައިގެން އެކަން ކުރަނީ ކަމަށް އަންހެން މީހާ ބުންޏެވެ.

"އަހަރެން ވަރަށް ފަހުން އަދި މި ވިޔަފާރި ފެއްޓީ. އެހެންވެ ފައިސާ ބޭކާރު ކުރެވޭކަށް ނެތް. މިއީ ކޮންމެ ދުވަހަކު ޖަހަން ޖެހޭ އައިވީއެއް. އަހަރެން ސްޓޫޑިއޯގެ މަސައްކަތް ނިންމާފައި ރޭގަނޑު ހޮސްޕިޓަލަށް ގޮސް އައިވީ ގުޅިޔަސް ދަންވަރު 2.00 ހާއިރު ނިމޭނީ. ދެން ގެއަށް ގޮސް އެކަށީގެންވާ ވަރަށް އަރާމުނުކޮށް އަނެއްކާ އަނެއް ދުވަހު މަސައްކަތު ދާން ޖެހޭނީ،" ސައުތު ޗައިނާ މޯނިން ޕޯސްޓަށް ދީފައިވާ އިންޓަވިއު އެއްގައި އަންހެން މީހާ އައިވީ ގުޅައިގެން ބަހުގައި ދަތުރުކުރާ ސަބަބު ކިޔައިދެމުން ބުންޏެވެ.

ވަގުތު ސަލާމަތްކުރުމުގެ ގޮތުންނާއި ވަޒީފާއަށް ނުގޮސް އަރާމުކުރަން ގޭގައި އޮވެވެން ނެތުމުން އޭނާ މިގޮތަށް ކަންތައް ކުރިޔަސް އެހެން މީހުން މިގޮތަށް އަމަލު ނުކުރުމަށް ވެސް އަންހެން މީހާ އެދުނެވެ. ޚާއްސަކޮށް އާއްމު ތަންތަނުގައި މިގޮތަށް އައިވީ ގުޅައިގެން އުޅުން ރައްކާތެރި ނޫންކަން ޚުދު އޭނާއަށްވެސް ގަބޫލު ކުރެވޭ ކަމަށް ބުންޏެވެ.

"މިގޮތަށް އައިވީ އިންފިއުޝަން ޕްރޮސެސްގައި އެމީހާއަށް ކޮންޓްރޯލް ނުކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ދިމާވުމުގެ ފުރުސަތު އޮންނާނެ. މިސާލަކަށް އެލާޖީ މައްސަލައެއް ކުރިމަތިވުން. ނުވަތަ ޓިއުބު ނެއްޓުން ފަދަ ކަންކަން. ކުއްލިއަކަށް ހޮޅި ނެއްޓޭ ގޮތް ވެއްޖެނަމަ އިންފެކްޝަނެއް ޖެހުން ވަރަށް ގާތް. އަދި މީގެ ސަބަބުން ފުރާނައަށް ވެސް ނުރައްކާ ވެދާނެ،" އަންހެން މީހާ ބުންޏެވެ.

މި ވީޑީއޯ ބަލާފައި ބައެއް މީހުން ބުނެފައިވަނީ މިއީ ޗައިނާގައި މަސައްކަތްކުރާ މީހުންނަށް ޕްރެޝަރު ބޮޑު މިންވަރު ހާމަވާ ވީޑީއޯއެއް ކަމަށެވެ.

"މި އަންހެން ކުއްޖާގެ ނަޒަރުން ވިސްނާލިޔަސް ދިރިއުޅުމަކީ އެހާ ފަސޭހަކަމެއް ނޫންކަން ވިސްނޭ. 20 ކިލޯ މީޓަރަށް ޓެކްސީއެއްގައި ދަތުރުކުރުންވެސް އެ ކުއްޖާއަށް މާ އަގުބޮޑު ކަމަކަށް އެވީ. އެހެންވެ ބަހުގައި އަގުހެޔޮކޮށް އެ ދަތުރުކުރަނީ. މި ވީޑީއޯ ބަލާފައި އަހަރެންގެ ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނު. ހަނދާންވީ އަހަރެން ކުޑައިރު އުޅުނު ގޮތް،" ވިޑިއޯއަށް ކޮމެންޓުކުރި މީހަކު ލިޔެފައި ވެއެވެ.