ލައިފްސްޓައިލް

މާމަގެ ނަސޭހަތް: ފައިސާއަށް ވުރެ މުހިއްމީ ލޯބި

ޗައިނާގެ 95 އަހަރުވީ މާމައަކު އޭނާގެ މާމަ ދަރިފުޅަކަށް ދިން ނަސޭހަތެއް ގިނަ ބަޔަކަށް މާކަމުދާ އެއްޗަކަށްވެ އެ ގައުމުގެ ސޯޝަލް މީޑިއާގައި މި ވާހަކަ ވައިގައި ހިފައިފި އެވެ.

މާމަ އޭނާގެ ދަރިފުޅަށް ލޯބީގެ ގުޅުމާއި ކައިވެނިކުރުމާ ގުޅޭ ގޮތުން ދިން ނަސޭހަތުގެ ވީޑީއޯގައި މާމަ ބުނަނީ "ތިމާގެ ޒަރޫރީ ބޭނުންތަކާ ކައިވެނިކުރާށޭ" އެވެ.

މިއީ ޗައިނާ މީހުންގެ ސަގާފަތާ އިދިކޮޅު ކަމަކަށް ވާތީ މާމަގެ މި ނަސޭހަތް ގިނަ ޒުވާނުންނަށް މާރަނގަޅު އެއްޗަކަށް ވަނީ ވެފަ އެވެ.

ޑޫޔިން ނަމަކަށް ކިޔާ މީހަކު ސޯޝަލް މީޑީއާގައި ޕޯސްޓްކޮށްފައިވާ މި ވީޑިއޯގައި ފެންނަ މާމަ އަކާއި އޭނާގެ މާމަ ދަރިފުޅަކީ ޗައިނާގެ ދެކުނުގައި އޮންނަ ގުއަންގްޒީ ޕްރޮވިންސްގައި ދިރިއުޅޭ ބައެކެވެ.

ޗެން ގުއިޒިއާއޯ، 95، އޭނާގެ މާމަ ދަރިފުޅަށް މި ނަސޭހަތް ދެނީ އޭނާ ކުރި ސުވާލެއްގެ ޖަވާބުގަ އެވެ. ގުއިޒިއާއޯގެ މާމަ ދަރިފުޅު އޭނާ އާ ސުވާލުކުރަނީ ކައިވެނިކުރަންވީ ފައިސާއަށްޓަކައިތޯ ނޫނީ ލޯތްބަށްޓަކާ ތޯއެވެ؟

ޖަވާބުގައި މާމަ ބުނަނީ "ތިބާ ދެކެ ލޯބިވާ މީހަކާ ކައިވެނި ކުރާށޭ" އެވެ. މިއީ މާމަގެ ފަރާތުން މާމަ ދަރިފުޅު އުއްމީދުކުރި ޖަވާބެއް ނޫނެވެ. މާމައަކީ އެހާ ހުޅުވިފައިވާ ޚިޔާލެއްގެ ވެރިއަކަށް ވެދާނެ ވކަމަކަށް މާމަ ވދަރިފުޅު ހިޔެއް ނުކުރެ އެވެ.

އެހެންވެ މާމައާ ދެވަނަ ސުވާލެއް ވެސް ކުރެ އެވެ. ފައިސާއަށް ކައިވެނި ނުކުރަންވީ ކީއްވެ ހެއްޔެވެ؟

"އޭނަ ދަރިފުޅު ދެކެ ލޯބި ނުވާނަމަ ފައިސާ ހުއްޓަސް ނުދޭނެ. ފައިސާއަށް ކައިވެނިކޮށްގެން އެ ކައިވެންޏެއް މަސައްކަތް ކުރާނީ އޭނާ ފައިސާ ދޭން ބޭނުންވާނަމަ،" މާމަ ބުންޏެވެ.

މި ވާހަކަތައް ޗައިނާގެ ޒުވާނުންގެ ތެރެއިން ގިނަ ބަޔެއްގެ ހިތާ ކުޅެލި ޖަވާބަކަށް ވަނީ ވެފަ އެވެ. އެމީހުން ކުރި ކޮމެންޓުތަކުގައި ބުނެފައިވާ ގޮތުގައި މާމައަކީ ވަރަށް ބޯ ރަނގަޅު މީހެކެވެ.

މާމަ ދިން ޖަވާބަށް ކޮމެންޓު ކުރި މީހަކު ބުނި ގޮތުގައި ކުރިމަގުގައި ކައިވެންޏާ ގުޅޭ ގޮތުން އޭނާ ނިންމާ ނިންމުން ތަކުން ވެސް މާމަގެ ވާހަކަތައް ހަނދާން ވާނެ ކަމަށެވެ.

ގިނަ މީހުން އެއްބަސްވާ ގޮތުގައި ޗައިނާގައި މިހާރު ކައިވެންޏަކީ ވެސް މީހުންނަށް ބޮޑު އުނދަގުލެކެވެ. އެމީހުން ބޭނުންވާ ކަހަލަ މީހުން ކައިވެނިކުރަން ނުލިބޭތީ އެވެ.

ޗައިނާގެ މުޖުތަމައުތަކުގައި ގިނަ ބަޔަކަށް ކައިވެނި ކުރަން ރަނގަޅު ފިރިހެނުންކަމުގައި ބަލާ މިންގަނޑަކީ އެމީހާގެ ފައިސާވެރިކަމެވެ. އެމީހާގެ މުއްސަނދިކަމެވެ. އެހެންވެ އެ ގައުމުގެ މެޗް-މޭކިން ސައިޓް ތަކުގައި ވެސް މައިންބަފައިން އެމީހުންގެ ދަރިފުޅުގެ ޕްރޮފައިލް ޖަހާއިރު އަދާކުރާ ވަޒީފާ އާއި ލިބޭ އާމްދަނީ ލިޔެ އެވެ. އޭނާގެ ދަރިއަކީ ފައިސާވެރިއެއްކަން ދެއްކުމުގެ ގޮތުންނެވެ.

"ޗައިނާގައި ގިނަ މީހުން ކައިވެނިކުރަނީ ރައްޓެހިވެގެން އުޅެފައެއް ނޫން. މެޗު މޭކިން ސައިޓްތަކުން އެމީހުން ބޭނުންވާ ކަހަލަ ބައިވެރިން ހޯދައިގެން،" ފުޑާން ޔުނިވަސިޓީގެ ޑިޕާޓްމަންޓް އޮފް ސޯޝިއޮލޮޖީ އެންޑް ފެމެލީ ރިސާޗް ސެންޓާގެ ރިސާޗާ ޝެން ޔިފޭއީ ވިދާޅުވި އެވެ.

ކައިވެންޏަކީ ވެސް ވިޔަފާރީގެ ބާޒާރަކަށް ވީމަ މީހުންގެ ގައިގައި ވެސް ލޭބަލް ޖެހުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް ރިސާޗަރު ބުންޏެވެ. އެހެންވެ މިފަދަ މެޗް-މެކިން ސައިޓްތަކުން ބައިވެރިން ޚިޔާރުކުރާ މީހުން އާންމުގޮތެއްގައި ބަލަނީ ލޯތްބަކަށް ނޫނެވެ. އެމީހާ އާ ގުޅޭ ސިފަތަކެއް ހުރި މީހަކު ހޯދާށެވެ.