ލައިފްސްޓައިލް

އޮސްޓްރޭލިޔާ ނަރުހެއް އެއްވެސް އެއްޗެއް ނުކައި ނުބޮއި އުޅޭތާ ހަތަރު އަހަރު

އޮސްޓްރޭލިއާގެ ސިޑްނީގައި ދިރިއުޅޭ މޮޑެލް އަދި ނާސް އަކަށް ދިމާވި އެކްސިޑެންޓަކަށްފަހު އެއްވެސް އެއްޗެއް ނުކެވި އަދި ނުބޮވޭތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ސްޓެފް ކެލީ، 27، ބުނި ގޮތުގައި އޭނާ އަނގައިން ހަފައި ދިރުވާލައިގެން އެއްޗެއް ކައި ބޮއި އުޅުނީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިންނެވެ.

އެކްސިޑެންޓްގައި އޭނާގެ އެތެރެހަށީގެ މުހިއްމު ނާރަކަށް ލިބުނު ބޮޑު ގެއްލުމެއްގެ ސަބަބުން ދިމާވި ސީރިއަސް ސިއްހީ ދެ މައްސަލައަކާ ހެދި އޭނާއަށް ކައި ބޮއި އުޅުމުގެ ގާބިލްކަން ނެތިފައިވާ ކަމަށް ކެލީ ބުންޏެވެ.

ޒުވާން ނާސް އަށް ކުރިމަތިވީ ގެސްޓްރޯޕެރޭސިސް އާއި އިންޓެސްޓިނަލް ފެއިލާ އާ ދެ މައްސަލަ އެވެ.

"އަހަރެން ނަރުހެއްގެ ގޮތުގައި 2018ގައި މަސައްކަތް ކުރަމުން ދަނިކޮށް ކާރު އެކްސިޑެންޓެއްގައި އަހަރެންގެ ވެގަސް ނާވް (އިންޓާނަލް އޯގަންތައް ހިނގުމުގައި އެންމެ އިސް ދައުރެއް ކުޅޭ ނާރު) ހަލާކުވުމުގެ ސަބަބުން ކައި ބޮއި އުޅުމަށް ނުކުޅެދުނީ. ގެސްޓްރޯޕެރޭސިސްގެ މާނައަކީ އަހަރެން ކާ އެއްޗެތި ގޮހޮރުގައި ބްލޮކްވެފައޭ ހުންނަނީ. އެއްވެސް އެއްޗެއް ހަށިގަނޑުން ބޭރެއް ނުކުރެވޭ. އަދި ކާ އެއްޗެތި އެބްޒޯބެއް ނުވޭ،" ކެއިލީ ބުންޏެވެ.

ކެއިލީ ބުނި ގޮތުގައި އޭނާ މިހާތަނަށް ވެސް ދުނިޔޭގައި ހުރީ ޓޯޓަލް ޕެރެންޓެރެލް ނިއުޓްރިޝަން (ޓީޕީއެން)ގެ އެހީގަ އެވެ. މިއީ ހޮޅިއަކުން (ކެތީޓާ އަކުން) ސީދާ ލޭހޮޅިތަކަށް ފޮނުވާލާ ޚާއްސަ ފޯމިއުލާ އެކެވެ.

"މިއީ އަޑުއަހާލަން ވަރަށް ހެއްވާ ވާހަކައަކަށް ވެދާނެ. ނަމަވެސް ހަގީގަތަށް ބުނަންޏާ އަހަރެން ކައިބޮއި ހެދުމުގެ މެދުވެރިއަކީ އަހަރެންގެ ހިތް. ސެންޓްރަލް ލައިން ނުވަތަ ހިކްމަން (ސްޓެފްގެ ހަށިގަނޑަށް ކާނާ ފޯރުކޮށްދިނުމަށް އަޅާފައިވާ ހޮޅި ނުވަތަ ކެތެޓާ) އިންނަނީ ކޯލާބޯންގެ ފަހަތުން ގެންގޮސް ސީދާ ހިތާ ގުޅޭ ބޮޑު ނާރަކަށް ގުޅާފައި،" ޓިކްޓޮކްގައި ކެއިލީ ޝެއާކުރި ވީޑީއޯއެއްގައި ބުނެފައި ވެއެވެ.

ޓީޕީއެން ހަދަން ފުރަތަމައިނުން ކެއިލީ ދެކޮޅު ހެދި އެވެ. ނަމަވެސް މިހާރު އެކަން ކުރެވުނީތީ އޭނާ އުފާ ކުރެ އެވެ. ފާއިތުވީ ހަތަރު އަހަރު ތެރޭގައި ޓީޕީއެންގެ ސަބަބުން އޭނާއަށް ދިރިއުޅެން ފަސޭހަ ވެފައި ވާތީ އެވެ.

"އަހަރެން ހިޔެއް ނުކުރަން ޓީޕީއެން އިން އަހަރެންގެ ހަށިގަނޑަށް ބޭނުންވާ ހުރިހާ ނިއުޓްރިޝަނެއް ލިބިދާނެ ކަމަކަށް. ނަމަވެސް ކުރިއަޅާ ބަލާއިރު އަހަރެންގެ ހަށިގަނޑުގައި މިހާރު ހަކަތަވެސް މާ ރަނގަޅު. މިހާރު ވަރުބަލިވާތީ ވެސް އުޅޭކަށް ނުޖެހޭ. ބޭރަށް ގޮސް އަހަރެން ބޭނުން ކަންކަން ކޮށްލައިގެން އުޅެލެވޭ. އަދި 10 ކިލޯ ބަރުވެ މިހާރު ހަށިގަނޑުގައި ހުންނަންޖެހޭ ބަރުދަން ވެސް ލިބިއްޖެ،" ކެއިލީ ބުންޏެވެ.

ކެއިލީ މިހާރު ދަނީ މިއަހަރުގެ އެޕްރީލްގައި ކައިވެނިކުރުމަށް ތައްޔާރުވަމުންނެވެ. އަދި ލޯބިވެރިޔާ އެޑަމްއާ އެކު އާއިލާއެއް ބިނާކުރުމުގެ ހުވަފެން އޭނާ ދެކެ އެވެ. އަދި މޮޑެލް އެއްގެ ގޮތުގައި މިދިޔަ އަހަރު އޭނާ އޮސްޓްރޭލިޔަން ފެޝަން ވީކްގައި ރޭމްޕްގައި ހިނގާފައި ވެސް ވެއެވެ. ނަމަވެސް ޓީޕީއެންގެ ފަރުވާ އަކީ ތި ހީކުރާހާ ފަސޭހަ އެއްޗެއްވެސް ނޫނެވެ. އެކަމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ކެލީ އަށް އައިވީ ޑްރިޕް އެއް ގުޅައިގެން ދުވާލަކު 16 ގަޑިއިރު އުޅެން ޖެހެ އެވެ. މި ގުޅައިގެން އޭނާ ކޮންމެހެން ތަނެއްގައި އޮންނާކަށް ނުޖެހެ އެވެ. އައިވީ ގުޅައިގެން އައިވީ ފުޅި ބެކްޕެކަށް ލައިގެން ބޭނުން ތަނަކަށް ގޮސް އޭނާއަށް އުޅެވެ އެވެ.

މި މެތަޑަކީ ބަލިމީހުންގެ ފުރާނަ ސަލާމަތްކުރެވޭނެ އެނޫން އެއްވެސް ގޮތެއް ނެތުމުން ހޮސްޕިޓަލުތަކުގައި ބޭނުންކުރާ މެތަޑެކެވެ. ނަމަވެސް ކެލީގެ ނަސީބު ރަނގަޅުކަމުން ގޭގައި ވެސް މި ބޭނުންކުރެވޭ ގޮތް ވަނީ ވެފަ އެވެ. ޓީޕީއެން އަކީ ވަރަށް ރިސްކް ބޮޑު ވެސް ކަމެކެވެ. މިދިޔަ އަހަރު އެކަނިވެސް ކެލީއަށް ތިން ފަހަރެއްގެ މަތިން މަރާ ހަނގުރާމަކުރަން ޖެހުނެވެ. ލޭ ވިހަ ވެގެން 12 ހަފުތާ ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.

މިއީ ހަށިގަނޑަށް ގުޅާފައިވާ ހޮޅިއަކަށް ވާތީ ކިތަންމެ ބަލައިގެން އުޅުނަސް ކުދިކުދި ޖަރާސީމު މި ހޮޅިތެރޭގައި އަށަގަތުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ. ކެލީ އަށް ވެސް ސިއްހީ މައްސަލަތައް ކުރިމަތިވަނީ މި ފަދަ ޖަރާސީމުގެ ސަބަބުންނެވެ.

ކެލީ ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގައިވާ ހޮޅިން ހަށީގަނޑަށް ބޭނުންވާ ނިއުޓްރިޝަންސް ލިއްބައިދޭތީ ކޮންމެހެން ހަށިގަނޑަށް ކާނާއެއް ބޭނުމެއް ނުވެ އެވެ. ނަމަވެސް އޭނާ ބައެއް ފަހަރަށް ކާ އެއްޗިއްސަށް ވަރަށް ދަހިލަވަ އެވެ.

"ހަށިގަނޑަށް ކޮންމެހެން ކާއެއްޗެތި ބޭނުން ނުވިޔަސް ސިކުނޑި އެކަން ގަބޫލެއް ނުކުރޭ. ހަށިގަނޑުގެ ތެރޭގައިވާ ހޮޅިން ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ހަމަޔަށް ލިބޭތީ ބަނޑުހައެއް ވެސް ނުވޭ. އެކަމަކު ސިކުނޑި އެކަން ގަބޫލެއް ނުކުރޭ. އަދި މީރު ކާއެއްޗެތި ފެނުނީމަ ވަރަށް ކާލާހިތްވޭ ބައެއް ފަހަރު،" ކެލީ ބުންޏެވެ.