ލައިފްސްޓައިލް

ދަރިފުޅާއި މާމަދަރިފުޅު އެއް ރަހިމަކުން އުފަންވުމުގެ އުންމީދުގައި

އޮސްޓްރޭލިޔާގެ އަންހެނަކު މިހާރު ވަރަށް ތަފާތު ތަޖުރިބާއެއް ކުރަމުން އެބަދެ އެވެ. އޭނާ ގަރުބަގަނެ ހެދިބޮޑުވީ ރަހިމުން އޭނާގެ އަމިއްލަ ދަރިއަކު އުފަން ކުރެވޭތޯ ކުރާ މަސައްކަތެވެ. އެގޮތުން މިހާރު މި އަންހެންމީހާ އަށް ވަނީ އޭނާގެ މަންމަގެ ރަހިމު ޓްރާންސްޕްލާންޓް ކޮށްފަ އެވެ. އަދި މި ރަހިމުގެ އެހީގައި ދަރިއަކު ހޯދަން އޭނާ އުންމީދު ކުރެ އެވެ.

ކްރިސްޓީ ބްރަޔަންޓް އަކީ އޮސްޓްރޭލިޔާގައި މިފަދަ ޔޫޓެރައިން ޓްރާންސްޕްލާންޓެއް ހެދި ފުރަތަމަ މީހާ އެވެ. ސިޑްނީގެ ރޯޔަލް ހޮސްޕިޓަލް އޮފް ވިމެންގައި މިދިޔަ މަހު މި ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ކްރިސްޓީގެ މަންމަ މިޝޭލް ހޭޓަން، 54، ގެ ރަހިމު އޭނާގެ ދަރިފުޅަށް ހަދިޔާކޮށްފައި ވެއެވެ. އަދި ޑޮކްޓަރުން ވަނީ މިޝޭލްގެ ރަހިމު ނަގައި އޭނާގެ ދަރިފުޅުގެ ޓްރާންސްޕްލާންޓް ކޮށްފަ އެވެ.

އުމުރުން 30 އަހަރުގެ ކްރިސްޓީ މީގެ ދެ އަހަރު ކުރިން ދަރިއަކު ވިހެއުމުގެ ތެރޭގައި ރަހިމަށް ލިބުނު ގެއްލުމެއްގެ ސަބަބުން އިމަޖެންސީ ސާޖަރީއެއް ހަދައި ރަހިމު ވަނީ ނަގާފަ އެވެ. އެއާއެކު އިތުރު ކުއްޖަކު ހޯދުމުގެ މަގު އޭނާއަށް ބަންދުވި އެވެ.

އޮސްޓްރޭލިޔާގެ ޓީވީ ޝޯއެއްގައި މި ދެ މައިން ބައިވެރިވެ އެމީހުން މިގޮތަށް ރަހިމު ޓްރާންސްޕްލާންޓް ހެދި ސަބަބު ކިޔައިދިނެވެ. މިޝޭލް ބުނި ގޮތުގައި ކްރިސްޓީ އޭނާއަށް ގުޅާފައި އޭނާއަށް ރަހިމު ހަދިޔާކޮށްފާނެތޯ އެހުމުން ވަގުތުން އޭނާ އެކަމަށް އެއްބަސްވި ކަމަށެވެ.

އެގޮތުން މިޝޭލްގެ ރަހިމު ނެގުމަށްޓަކައި 11 ގަޑިއިރު ވަންދެން އޮޕަރޭޝަން ތިއޭޓަރުގައި ޑޮކްޓަރުންނަށް މަސައްކަތް ކުރަން ޖެހުނެވެ.

މިދެމައިންގެ ސާޖަރީގައި އިސްކޮށް މަސައްކަތްކުރެއްވި ޕްރޮފެސާ މެޓްސް ބްރެންސްޓްރޮމް އަކީ 2014ގައި ކުޑަ ކުއްޖެއްގެ ރަހިމު ޓްރާންސްޕްލާންޓެއް ދުނިޔޭގައި ފުރަތަމަ ފަހަރަށް ހެދި ޑޮކްޓަރު ވެސް މެއެވެ.

ޕްރޮފެސަރު ވިދާޅުވި ގޮތުގައި ރަހިމާ ގުޅިފައިވާ އެތައް ބައިވަރު ލޭހޮޅިތަކެއް ވެއެވެ. އަދި ދެ ފަރާތުގައި ދެ ޔުރެތާ އިނދެ އެވެ. ޔުރެތާ އިންނަނީ ކިޑްނީ އިން ބްލެޑާ އާ ގުޅިފަ އެވެ. މީގެން އެއްވެސް ގުނަވަނަކަށް ކުޑަވެސް އަނިޔާއެއް ނުދީ ރަހިމު ނެގުމަކީ ނާޒުކު މަސައްކަތެެކެވެ.

މަންމަގެ ރަހިމު ނެގުމަށްފަހު ޑޮކްޓަރުން ވަނީ ވަގުތުން އޭނާގެ ދަރިފުޅަށް މި ރަހިމު ޓްރާންސްޕްލާންޓް ކޮށްފަ އެވެ. އަދި ކްރިސްޓީ މިހާރު އުންމީދުކުރަނީ މި ރަހިމުގައި އޭނާގެ އަމިއްލަ ދަރިއަކު ގަރުބަގަނެ ވިހެއުމަށެވެ. މިގޮތަށް އޭނާއަށް ދަރިއަކު ލިބިއްޖެނަމަ މިއީ ވަރަށް ތާރީޚީ ކަމަކަށް ވާނެކަމަށް ޚުދް ކްރިސްޓީ ވެސް ގަބޫލުކުރެ އެވެ. ސަބަބަކީ މަންމަ އާއި ދަރިއަކު އެއް ރަހިމުގައި ހެދި ބޮޑުވެ އުފަންވުމަކީ ދުނިޔޭން މިހާތަނަށް ފެނިފައި ނެތް ނާދިރު ކަމަކަށް ވާތީ އެވެ.

މި އޮޕަރޭޝަންގެ ކާމިޔާބީ އަކީ އޮސްޓްރޭލިޔާގައި ދަރިމައިނުވާ މީހުންނަށް ދޭ ފާޓިލިޓީ ޓްރީޓްމަންޓް އަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ނަމަވެސް ދަރިފުޅަށް ރަހިމު ހަދިޔާކުރުމުގެ ސަބަބުން މިޝޭލް އަށް ވެސް ގިނަ ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. މި ސާޖަރީއަށް ދެ މަސް ދުވަސް ފާއިތުވެފައިވާއިރު އަދިވެސް އޭނާގެ ބްލެޑާގެ އިހްސާސްތަކެއް މިޝޭލް އަކަށް ނުކުރެވެ އެވެ. އަދި ސާޖަރީއަށް ފަހު ސީރިއަސް އިންފެކްޝަންތަކެއް ވެސް އޭނާ އަށް ދިމާވި އެވެ. ނަމަވެސް ދަރިފުޅަށް ރަހިމު ހަދިޔާކުރެވުނީމަ އެކަމާ މިޝޭލް އެއްގޮތަކަށް ވެސް ހިތާމައެއް ނުކުރެ އެވެ.

އަނެއްކޮޅުން ކްރިސްޓީ ވެސް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަނީ އޭނާއަށް މި ރަހިމުގެ އެހީގައި ދަރިއަކު ލިބޭނެ ދުވަހަކަށެވެ. އެގޮތުން ހަ އެމްބްރިޔޯ (ދަރިފަނި) ފައްކާކޮށް އައިވީއެފްގެ އެހީގައި ރަހިމަށް ލާން މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ. ނަމަވެސް އެކަންކުރެވޭނީ ކްރިސްޓީއަށް ޓްރާންސްޕްލާންޓްކޮށްފައިވާ ރަހިމުގެ މަސައްކަތް ބަރާބަރަށް ކުރަން ފެށީމަ އެވެ.

ޕްރޮފެސަރު ވިދާޅުވީ ތައްޔާރުކޮށްފައިވާ އެމްބްރިޔޯޒް އިމްޕްލާންޓް ކުރަން ތިން މަހާއި ހަމަހާއި ދެމެދުގެ މުއްދަތެއް މަޑުކުރަން ޖެހޭނެ އެވެ. އަދި މިގޮތަށް އިމްޕްލާންޓްކުރާ އެމްބްރިޔޯޒް ކާމިޔާބުވުމުގެ ފުރުސަތު އޮންނަނީ 30 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ މިންވަރަކަށެވެ.

އެމެރިކާގައި 2016 އިން 2021 އާ ދެމެދު ހެދި ވޫމްބް ޓްރާންސްޕްލާންޓްތަކުގެ ތެރެއިން ކާމިޔާބުވީ ދެބައިކުޅަ އެއްބައި މީހުންގެ ޓްރާންސްޕްލާންޓެވެ. މިގޮތުން ޓްރާންސްޕްލާންޓް ހެދި 33 މީހުންގެ ތެރެއިން 19 މީހަކު ބަލިވެ އިނދެ 21 ކުއްޖަކު ވިހާފައި ވެއެވެ. ނަމަވެސް މި އެންމެންނަށް ވެސް ޓްރާންސްޕްލާންޓް ކޮށްފައިވަނީ މަރުވި މީހުންގެ ރަހިމެވެ. ދިރިހުރި މީހެއްގެ ރަހިމެއް އެއްވެސް މީހެއްގެ ޓްރާންސްޕްލާންޓް ކޮށްފައެއް ނުވެ އެވެ.

ޕްރޮފެސަރު ބްރެންސްޓްރޮމް މީގެ ކުރިން ހަމަ މިގޮތަށް ދިރިހުރި މަންމައަކު ހަދިޔާކުރި ރަހިމެއް އޭނާގެ ދަރިއަކަށް ޓްރާންސްޕްލާންޓް ކޮށްދީފައި ވެއެވެ. ސްވިޑްންގައި ޕްރޮފެސަރު ހެދި މި ޓްރާންސްޕްލާންޓް ކާމިޔާބުވެ މިހާރު އަންހެންމީހާއަށް ސިއްހަތު ރަނގަޅު ފިރިހެން ދަރިއަކު ލިބިފައި ވެއެވެ.