ފާއިތުވީ އަހަރުތަކުގައި ޗައިނާއިން ގެންގުޅެމުން އަންނަ ވަޒީފާ އަދާކުރާ މީހުންނާ ގުޅޭ ގަވާއިދުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން ގޮސްފައި ވެއެވެ.
ޗައިނާގެ އެކި އިންޑަސްޓްރީތައް ހިންގައި ކުންފުނިތަކުން އެ ކުންފުނީގެ މުވައްޒަފުންނަށް ވަރަށް ހަރުކަށި އުސޫލުތައް ތައާރަފްކޮށްފައި ހުރެ އެވެ. އަދި މިފަދަ ބައެއް ޕޮލިސީތަކަށް ޗައިނާގެ ރައްޔިތުން ވެސް އަދި ބައިނަލްއަގުވާމީ ގޮތުންވެސް ވަރުގަދައަށް ފާޑުކިޔަމުން ގެންދެ އެވެ.
ޗައިނާގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަދާފައި ހުންނަ ވަރުގަދަ ގަވާއިދުތަކުގެ ސަބަބުން އެމީހުންނަށް ރޮބަޓް ތަކެއް ހެން މަސައްކަތް ކުރަން މަޖުބޫރުވެ އެވެ. އެގޮތުން ދާދިފަހުން ޗައިނާގެ އިރުމަތީގެ ޕްރޮވިންސެއްގައި ހުންނަ ކުންފުންޏަކުން އަލަށް ތައާރަފްކުރި ޕޮލިސީއަކަށް ވެސް ވަރަށް ގިނަ މީހުން ފާޑު ކިޔަމުން އެބަ ގެންދެ އެވެ.
މި ޕޮލިސީގެ ދަށުން އެ ކުންފުނީގެ މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ކައިވެނީގެ ބޭރުން ސިއްރު ލޯބިވެރިން ގެންގުޅުން (އެކްސްޓްރާ މެރިޓަލް އެފެއާޒް) މަނަލެވެ.
ކުންފުނީގެ މި ޕޮލިސީ އަށް ސޯޝަލް މީޑިއާގައި ވަރަށް ވަރުގަދަ އަށް ފާޑުކިޔަމުންދާއިރު މިކަމާ ގުޅޭ ބަހުސް ވަނީ ވަރަށް ހޫނުވެފަ އެވެ.
ކުންފުނިން ބުނެފައިވާ ގޮތުގައި މި ޕޮލިސީ ވުޖޫދަށް ގެނައީ ކައިވެނި ކޮށްގެން ތިބި މުވައްޒަފުން އެމީހުންގެ އާއިލީ ގުޅުމަށް ވަފާތެރިވާން ބާރު އެޅުމަށެވެ. އަދި އޮފީހުގެ މާހައުލުގައި ކޮލިޓީ ރަނގަޅު މަސައްކަތްތަކެއް މުވައްޒަފުން ލައްވާ ކުރުވަން އެޅޭ ބާރަކަށް މިކަން ވާނެކަމަށް ކުންފުނިން ގަބޫލު ކުރެ އެވެ.
ނަމަވެސް ގާނޫނީ ތަޖުރިބާކާރުން ބުނަނީ މިއީ މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުމެއް ކަމަށާއި ގާނޫނުގައިވާ ގޮތުން މިކަން މިގޮތަށް މަނާ ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް ޒީޖިންގްގައި ހުންނަ މި ކުންފުނިން ވަނީ މި ހިނގާ ޖޫން މަހުގެ 9 ވަނަ ދުވަހުން ފެށީގެން އެ ކުންފުނީގެ މުވައްޒަފުންނަށް ކައިވެނީގެ ބޭރުން ގުޅުން ހިންގުމާއި ސިއްރު ލޯބިވެރިން ގެންގުޅުން މަނާ ކޮށްފަ އެވެ. މިއީ ކައިވެނިކޮށްގެން އުޅޭ މުވައްޒަފުންނަށް ޚާއްސަކޮށް އެ ކުންފުނިން ހަދާފައިވާ ގަވާއިދެކެވެ.
"މި ގަވާއިދާ ޚިލާފުވާ ކޮންމެ މީހަކު ވަގުތުން ވަޒީފާއިން ވަކިކުރާނަން. ހުރިހާ މުވައްޒަފުން ވެސް ލޯބީގެ އަގު ވަޒަންކޮށް ކައިވެނީގެ ބޭރުން ގުޅުން ނުހިންގައި، އަނބިމީހާއަށް ވަފާތެރިވާނެ ކަމަށް އުއްމީދުކުރަން. މިސްޓްރެސް ގެންގުޅުން މަނާ. ކައިވެނީގެ ބޭރު ގުޅުންތައް މަނާ. އަދި ވަރިކުރުން ވެސް މަނާ،" ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި އާ ޕޮލިސީގައި ލިޔެފައި ވެއެވެ.
އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި އެކްސްޓްރާ މެރިޓަލް އެފެއާޒްތައް ނުހިންގާނަމަ މުވައްޒަފުންގެ އާއިލީ ގުޅުން ރަނގަޅުވާނެ އެވެ. އަދި އާއިލީ ގުޅުން ރަނގަޅުނަމަ އޮފީހުގެ މަސައްކަތަށް ދެވޭ ސަމާލުކަން އިތުރުވާނެ އެވެ.